Sunday, January 6, 2019

އަހްލާމް (32ވަނަ ބައި)


އަލީފަށް ފުން ނޭވާއެއްލެވުނެވެ. އަހްލާމްގެ ހަށިގަނޑުގައި އޭނާ ބާރަށް ބައްދައިލިއެވެ. އެހެނަސް އަހްލާމްގެ ފަރާތުން އަލީފަށް އެ ހަރަކާތުގެ ޖަވާބެއް ނުލިބުނެވެ. އަހްލާމްގެ އަތް ވަނީ ތިރިއަށް ދޫވެފައެވެ. އޭނާގެ ހަށިގަނޑުގައި އަލީފްގެ އެ ލޯބި އިޝާރާތަށް ރައްދުދޭނެހާ ބާރެއް ނެތެވެ.
"ވަޓްސް ގޮއިން އޮން؟" ލުކްޝާން ކޮޓަރީގެ ދޮރުމަތީގައި ހުއްޓިގެން ހުރީ ދެ ލޯ ތަންމިނަށް ހުޅުވައިގެންނެވެ.
"އެލިމިނޭޓް!" ޒާހީގެ އަމުރަށް ފުލުހުން ވަގުތުން ލުކްޝާން ބިންމައްޗަށް ވައްޓައިލާ، އަތް ފުރަގަހަށް ލައި ބިޑި އެޅުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
"އަހްލާމް! އިޓްސް އޯވަރ!" އަލީފް އަހްލާމްގެ ހަށިގަނޑު ދުރަށް ޖައްސާލައި އަހްލާމްގެ މޫނަށް ބަލައިލިއެވެ. "އަހްލާމް! އަހްލާމް! އަހްލާމް!"

އަލީފް އަހްލާމްގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. އެހެނަސް އަހްލާމް އަނގައިން އެއްޗެއް ނުބުނެއެވެ. އޭނާގެ ދެ ލޯ ވަނީ މެރިފައެވެ. އަހްލާމްގެ ހަށިގަނޑުގައި އެއްވެސް ބާރެއް ނެތެވެ. އަލީފްގެ ލޮލުން ކަރުނަ ނީރައިލިއެވެ. އެޔާއެކު އަލީފްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މުޅި ކޮޓަރި އެނބުރެން ފެށިއެވެ. އަލީފް ކުއްލިއަކަށް ފަހަތަށް ވެއްޓުނީ އަހްލާމާ އެކުގައެވެ. އޭރު އަހްލާމް އޮތީ އަލީފް މޭ މަތީގައެވެ.
"އަހްލާމް! އަހްލާމް! އަހްލާމް!"
"ދަރިފުޅާ!"
"މަންމާ ކޮބައި އަހްލާމް! ކޮބައި އަހްލާމް! ކޮބައި އަހްލާމް!" އަލީފް ހޭހަންވުމާއެކު ލޯ ތަންމިނަށް ހުޅުވައި ވަށައި ހޯދަމުން ދިޔައެވެ.
"ދަރިފުޅާ! ނިކަން ހަމަޖެހިބަލަ!" އަލީފް ހަމަޖައްސަން މުހައްމަދު މަސައްކަތްކުރިއެވެ.
"މި ކޮން އެއްޗެއް؟" އަލީފްގެ އަތަށް ގުޅާފައި ހުރި އައިވީގެ ހޮޅީގައި އޭނާ ހިފިއެވެ.
"ދަރިފުޅާ!" އަލީފް އޮތް އެނދާ ހަމައަށް އައިސް ހުއްޓުނި މަރިޔަމްގެ ލޯ ފެންކަޅިވެގެން ދިޔައީ އަލީފް އުޅޭ ގޮތް ފެނިފައެވެ. "ދަރިފުޅާ! މަންމަ މިޔައީ އަހްލާމްގެ ޚަބަރެއް ބަލައިފައޭ!"
"އަހަރެން... އަހަރެން... އަހްލާމް އޮތް ތަނަށް ގެންދޭ! ހަމަ މިހާރު ގެންދޭ!" އަލީފް އެނދުން ތެދުވަން މަސައްކަތްކުރިއެވެ. "އަހަރެން ބޭނުމެއް ނޫން އަހްލާމް ނެތް ދުނިޔެއެއްގައި އުޅޭކަށް!"
"އަލީފް! ހިތްވަރުކުރޭ! އަލީފް ހިތްވަރުނުކުރަންޏާ، ކިހިނެއް އަހަރެމެން މިހުރިހާ ކަމެއް ހަމަޔަށް ގެނުވާނީ..؟" ދޮރުމައްޗަށް ހުއްޓުނި ޒާހީ އަލީފަށް ހިތްވަރު ދިނެވެ. "އަހްލާމްގެ މަންމައާއި ބައްޕަ މިހާރު އެ ރަށުން ފުރައިފި. ވަރަށް އަވަހަށް މާލެއަށް އަންނާނެ!"
"ޒާހީ! ކޮބައި އަހްލާމް! ކޮބައި އަހްލާމް!" އަލީފް ޒާހީއާ ދިމާއަށް ބަލައިލީ ހާސްވެ ހުރެއެވެ. "ކީއްވެ އެއްވެސް މީހަކު އަހަރެންނަށް އަހްލާމް ވީތަން ބުނެދޭން ނޭނގިގެން މިއުޅެނީ..؟"
"އަލީފް! ތިތަނުގައި އިށީނދޭ! އަހަރެން މިކިޔައި އެއްޗެއް ނިކަން ކަނުލައި އަޑުއަހާ!" ޒާހީ ގާތަށް ރުޅިއަންނަ ގޮތްވިއެވެ.
"އެންމެ ރަނގަޅު! މިހާރު ބުނެދީ!" އަލީފް ފުން ނޭވާއެއްލަމުން އެނދުގައި އިށީނނެވެ.
"އަހްލާމްގެ ހާލު އެހާ ރަނގަޅެއް ނޫން! އަހްލާމް އޮތީ އައިސީޔޫގަ!" ޒާހީ ފައްޗަކަށް ވެގެން އުޅޭގޮތް އަލީފަށް އޮޅުން ފިލުވާދޭން ފެށިއެވެ. "ނަފާޒާވީ އަހްލާމްގެ އެއްޗިހިތައް ޕެކްކުރަން ގޮސް! ރާއްޖެއިން ބޭރަށް ގެންދެވޭތޯ މަސައްކަތް މިކުރަނީ!"
"އަހަރެންވެސް ދާން ބޭނުން!" އަލީފްގެ ލޮލުން ކަރުނަ ނީރައިލިއެވެ.
"އަހަރެމެން ހަތަރު މީހުންގެ ޓިކެޓް ވާނީ ހަމަޖެހިފަ!" މަރިޔަމް އަވަސް އަވަހަށް ޖަވާބު ދިނެވެ. "އަދި އަހްލާމްގެ އެކުވެރި ނަފާޒާގެ ޓިކެޓްވެސް މަންމަމެން ހަމަޖައްސައިފިން!"
"ޝުކުރިއްޔާ މަންމާ!" މަރިޔަމްގެ ގައިގާ އަލީފް ބައްދައިލިއެވެ.
"އަހްލާމްގެ މައިންބަފައިން މިކޮޅަށް އައިހާ އަވަހަކަށް އަހަރެމެން އެންމެން ފުރާނަން!" މުހައްމަދު އަލީފްގެ ބުރަކަށީގައި ފިރުމައިލިއެވެ.
"އަލީފް!" ކުއްލިއަކަށް ދުވެމުން އައިސް ދޮރުމައްޗަށް ހުއްޓުނު ނަތާޝާ އަލީފްގެ ނަމުން ގޮވައިލިއެވެ. "އައި ކޭމް އޭސް ސޫން އޭސް އައި ހާރޑް! އާރ ޔޫ އޯލްރައިޓް؟"
"އައްސަލާމް ޢަލައިކުމް! ލުކްޝާން އެއްބަސްވީތޯ؟" ނަތާޝާގެ ސުވާލަށް އަލީފް ޖަވާބު ނުދީ އުޅެނިކޮށް، ޒާހީއަށް އައި ކޯލަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. "މޮޔައިންގެ މަރުކަޒަށްތޯ؟ އެހެންތޯ؟ އެންމެ ރަނގަޅު! އަހަރެން އެބަދަން ސައިންކޮށްލަން!"
"ލުކްޝާން..؟" އަލީފްގެ މޫނުމަތީގައި ސުވާލުމާކެއް ކުރެހުނެވެ.
"ހުމް... ލުކްޝާން އަހްލާމް ކިޑްނެޕް ކުރިކަމަށް އެއްބަސްވެއްޖެ. އޭނާގެ ވާހަކަތައް ހުރިގޮތުން އޭނާ އެކަން ކުރީ އަހްލާމާ ހެދި މޮޔަވެގެން." ޒާހީ ވެގެން އުޅޭގޮތް ސާފުކޮށްދިނެވެ. "އަދިވެސް އޭނާ ގޮވަމުން ދަނީ އަހްލާމަށް! ޔޫ ނޯ! ސަމްޓައިމްސް ލަވް މޭކްސް ޕީޕަލް ކުރައިޒީ!"
"ތިބުނީ ލުކްޝާނަށް އަހްލާމްގެ ލޯބިނުލިބިގެން ދުނިޔެއިން މޮޔަވީއޭތަ..؟" މުހައްމަދު އަނގަ ތަންމިނަށް ހުޅުވުނެވެ.
"ނަތާޝާ އާދޭ މިތަނުގައި އިނށީންނަން!" މަރިޔަމް މައުޟޫ ބަދަލުކޮށްލީ ނަތާޝާ ދުރުގައި ކޮޅަށް ހުރުމުންނެވެ. "ދަރިފުޅާ އަލީފް! މަންމަމެން އެބަ އަންނަން ކެންޓީނުން ކައި އެއްޗެއް ހިފައިގެން."
"އަހަރެން އެބަ އަންނަން އޮފީހަށް ވެދެފަ، އެ ޑޮކިއުމަންޓްތައް ޗެކްކޮށްފަ!" ޒާހީވެސް އަލީފްގެ މައިންބަފައިންގެ ފަހަތުން ނުކުމެގެން ދިޔައެވެ.
"އަލީފް! އައި އެމް ރިއަލީ ސޮރީ!" ނަތާޝާ އެނދު ކައިރީގައި ހުރި ގޮނޑީގައި މަޑުމަޑުން އިށީނނެވެ.
"އިޓް އިސް ނޮޓް ޔުރ ފޯލްޓް!" އަލީފް އެނދުގައި ހަމަޖެހިލިއެވެ. "އަހަރެން ހިޔެއް ނުކުރަން ލުކްޝާން އެފަދަ ކަމެއް ކޮށްފާނެއޭވެސް!"
"ހުމް! އަލީފް އަޅުގަނޑު ބުނި އެއްޗަށް އަދިވެސް ވަކި އެއްޗެއް..؟" ނަތާޝާ ބުނަން އުޅުނު އެއްޗެއް ނުބުނެ ހުއްޓައިލިއެވެ.
"އަޅުގަނޑަށް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގެ!" އަލީފް ވާހަކަދެއްކީ ތެދަށެވެ.
"އެ ކީއްވެތޯ؟" ނަތާޝާގެ ލޯ މަޑުމަޑުން ފެންކަޅިވަމުން ދިޔައެވެ. "އަލީފް އެހެން ކުއްޖެއްދެކެ ލޯބިވޭ..؟"
"ނަތާޝާ! އަހަރެން ނަތާޝާ ދެކުނީ މަސައްކަތްތެރި މުވައްޒަފެއްގެ ގޮތުގައި." ނަތާޝާ ދެރަކޮށްލަން އަލީފް ބޭނުމެއް ނުވެއެވެ. "އައި ހޭވް ނަތިން އެލްސް... އިން މައި ހާރޓް ފޯރ ޔޫ! އައި އެމް ރިއަލީ ސޮރީ!"
"އައި ނޯ! އެންޑް އިޓްސް އޯކޭ!" ނަތާޝާ ފުންނޭވާއެއް ލިއެވެ. "އަހަރެން ބޭނުން ވަކިވެގެން ދިޔުމުގެ ކުރިން، އަދި އެއްސުވާލު އަލީފާ ކުރަން!"
"އެނީތިން މައި ޑިއަރ!" އަލީފް ސުވާލަށް ޖަވާބުދޭން ތައްޔާރުވިއެވެ.
"އެއީ އަހްލާމް ދޯ؟" ނަތާޝާގެ ލޮލުން ކަރުނަ ނީރައިލިއެވެ. "އަލީފް ލޯބިވަނީ އަހްލާމް ދެކެދޯ؟"
"ޔޭސް!" އަލީފް އެ ސުވާލަށް ޖަވާބުދިނީ ނަތާޝާގެ އެދުން ފުއްދައި ދިނުމަށެވެ.
"އަލީފް! އަހަރެންނަށް އެނގޭ އަހަރެން މިއީ އެހާ ރަނގަޅު މީހެއް ނޫންކަން! އަދި އަހްލާމާ ވާދަކުރެވޭނެ މީހެއްވެސް ނޫންކަން!" ނަތާޝާއަށް ބޭއިޚްތިޔާރުގައި ވާހަކަދެއްކެން ފެށިއެވެ. "ލުކްޝާން އަހްލާމާ ހެދި މޮޔަވެފައި ހުންނަކަން އެނގޭތީވެ..، އަހަރެން އަހްލާމް ވަގަށް ނެގުމަށް ލުކްޝާނަށް ޚިޔާލު ދިނީ! އަހަރެންގެ އަމިއްލަ އެދުމަށްޓަކައި!"
(ނުނިމޭ)

No comments:

Post a Comment