Tuesday, March 15, 2016

ދިވެހީންގެ ޤަދީމީ ތާރީޚު އެންމެ ބޮޑަށް އެނގިގެން ދަނީ ބޭރުގެ ސައްޔާހުންގެ ލިޔުންތަކުންނެވެ.

ތަޢާރަފު:
ތާރީޚަކީ މަރުވުމެއްނުވާ، އަބަދަށް ދިރިހުރި މުހިއްމު ޚަޒާނާއެކެވެ. އެ ޚަޒާނާގެ އަލިކަމާއި ފަށުއިކަމުގެ ފޭރާމަކީ އަބަދަށްމެ ބޭނުންވާ އަދި އެޔާނުލައި އުޅެވެން ނެތް އެއްޗެކެވެ. ބަލައިފި ކޮންމެ މީހަކަށް ޢިބްރަތުން ފުރިގެންވާ ދަރުސްތަކާއި ފިލާވަލުތަކާއި ހާދިޘާތައް މިހިނދުން މިހިނދަށް އަންގައިދޭ ސާފު ހެކިތަކެކެވެ. އެގޮތުން އެއީ އެތަނެއްގެ ބަޔަކު ދިރިއުޅޭ ނުވަތަ ދިރިއުޅުނު ދިރިއުޅުމާއި އާދަކާދަތައް ދައްކުވައިދޭ މުހިއްމު ރައުސްމާލެކެވެ. މިހެންވެ އެއްޖީލުން އަނެއް ޖީލަށް ސާފުކަމާއެކު އެއްވެސް އޮޅުވާލުމެއްނެތި އެ މައުލޫމާތުތައް ފޯރުކޮށްދިނުމީ އެބައެއްގެ މައްޗަށް އޮތް މުޤައްދަޞް މުހިއްމު ވާޖިބެކެވެ.

ދިވެހިންގެ ޤަދީމީ ތާރީޚު އެންމެ ބޮޑަށް އެނގިގެން ދަނީ ބޭރުގެ ސައްޔާހުންގެ ލިޔުންތަކުން ކަމުގައި ދަންނަވަންޖެހެނީ އޭރު ދިވެހިންގެ މެދުގައި އޮތް ދީނުގެ ސަބަބުންކަމަށާއި، ޢިލްމުގެ ހާލަތުންނާއި، ދިވެހިންކުރަމުންއައި މަސައްކަތުގެ ބާވަތުންނާއި އަދި އެޒަމާނުގައި ލިބެންހުރި ވަޞީލަތްތަކުގެ މަދުކަމުންނެވެ. އެޔާއެކު އެއިރުގެ ވެރިންގެ ގޮތުގައި ތިއްބެވި ރަސްކަލުން އެފަދަ މުހިއްމުކަމަށް އިސްކަމެއް ދެއްވާފައިނުވުން އެއީވެސް އެކަމަށް ބާރުދޭ މައިގަނޑު ސަބަބެކެވެ.
ދީން:
ދީނަކީ އެބަޔަކު އުޅޭ ގޮތެވެ. ނުވަތަ އެބަޔަކު ޤަބޫލުކުރާ ޤަބޫލުކުރުންތަކެވެ. ދުނިޔެވީ ހަމައިން ބަލާއިރު ދީނަކީ ހަމައެއްމެ ދީނެކެވެ. ނަމަވެސް މާއިހުޒަމާނުން ފެށިގެން އެކި ވައްތަރުގެ ފަލްސަފާތަކާއި މީސްތަކުން އުޅެފައިވާކަން ރަނގަޅަށް އެނގެއެވެ. މިހާރުވެސް އެކަން އޮތީ ހަމަ އެ މަގަށެވެ.
މިކުޑަ ކުޑަ އަދި މީސް މަދު ދިވެހި ޤައުމަކީވެސް ދެންނެވުނު ބީދައިން ކަންކަން ހިނގައިފައިވާ ޤައުމެކެވެ. އެގޮތުން މިޤައުމުގައި އެކި ވައްތަރުގެ އެއްޗެއްސަށް އަޅުކަންކޮށްފައިވެއެވެ. އެގޮތުން ވަޔާއި، އިރުހަނދާއި، ތަރިތަކަށާއި، އަލިފާނާއި، ފެނަށާއި އަދި ހިލައިންނާއި އެނޫންވެސް މައުންދަންތަކުން ހަނދާފައިވާ ބުދު ފަދަ ތަކެއްޗަށް އަޅުކަންކޮށްފައިވެއެވެ. ހަމަ އެހެންމެ ބާޠިލު ތަކެއްޗަށް ގިނަ ބަޔަކު އަޅުކަންކުރިއިރު އަހުލު ކިތާބީންގެ ތެރެއިން މަދުބަޔަކު އެމަގަށް އަޅުކަން ކޮށްފައިވާ ކަންވެސް އެނގެއެވެ. އަދި މާތްވެގެންވާ އިސްލާމްދީން އައުމަށްފަހު އެ ދީނަށް އަޅުކަން ކުރުމަށް ރާއްޖޭގެ އުތުރުގައި، ހިޖުރައިން ދެވަނަ އަހަރު ޝައުބާންމަހު ދެވަނަ ދުވަހު ވެލިގަލުން ގާފޮޅުލައި މެއްލަ ޖަހައިގެން ބިނާކޮށްފައިވާ މިސްކިތް ހުރިކަންވެސް އެނގެއެވެ.
އިސްލާމްދީނަކީ އެދީނުގައި މާތްވެގެންވާ ފޮތް ޤުރުޢާން ބާވައިލެވިފައިވާ ދީނެކެވެ. އެހެންނަމަވެސް ދިވެހިންގެ މެދުގައި އިހުގައި އެންމެ މަޤުބޫލް އެއް ދީނެއްކަމަށް ވެފައިވަނީ ބުޑިސްޓް ދީނެވެ. އެހެންވުމުން ބޯދާ ޤަބޫލުކުރުންތަކާއި ބޯދާ ޚިޔާލްތަކުގެ ސަބަބުން ޢިލްމު އެނގުނުން ނުވަތަ ޤުރުއާން ފަދަ މުހިއްމު ލިޔެކިޔުންތަކަށް އެއްވެސް ހާލެއްގައި އިސްކަމެއްދެވިފައި ނުވެއެވެ. އިސްލާމްދީނަކީ އެދީނުން ގިނަގުނަ ޢިލްމާއި ޢިލްމުވެރިން އުފެއްދި ދީނަކަށްވީއިރު ދިވެހިންގެ މެދުގައި އިސްލާމްދީނުގެ ކަންކަން އޮތްލެއް ކުޑަކަމުން ދިވެހިންގެ ތެރެއިން ޢިލްމުވެރިން ނުވަތަ ތާރީޚީ ޢިލްމުވެރިން އުފެދުމަށް ދުވަސްވީއެވެ. ދިވެހިރާއްޖެއަށް ދުރުވެފައިވާ ސައްޔާހުން ނުވަތަ ދަތުރުވެރިންގެ ތެރެއިން ގިނައީ އިސްލާމްދީނުގައި ފައިތިލަ ޘާބިތުކޮށްގެން ތިބި މުސްލިމުންނެވެ. އެބޭބޭފުޅުންގެ ލިޔުއްވުންތަކުން އެނގިގެންދަނީ ދިވެހިރާއްޖޭގައި ގިނަ ޢަދަދެއްގެ ދީންތައް އޮތްއިރު އެންމެ މަޝްހޫރު ދީނަކީ ބުޑިސްޓްދީންކަމެވެ. ދިވެހިންގެ ތެރޭގައި އިސްލާމްދީނަށް އޮތް އަހައްމިއްޔަތުގެ ކުޑަކަމުން ދިވެހިންގެ ދީނީ ތާރީޚް ފެންނަން އޮތީ ދިވެހިރާއްޖެއަށް ދުރުވި އިބުނު ބަތޫތާ ފަދަ މުސްލިމް ސައްޔާހުންގެ ލިޔުއްވުންތަކުންނެވެ.
ދިވެހިންގެ ޢިލްމު:
ތާރީޚުން ހެކިދޭ ގޮތުގައި އިހުގެ ދިވެހިންނަކީ ނިކަމެތި ބައެކެވެ. އޭރުގެ ރަސްކަލުންގެ އަޅުންގެ ގޮތުގައިވެސް ބައެއް ދިވެހިން މަސައްކަތް ކޮށްފައިވެއެވެ. މާލީ ހާލަތު ރަނގަޅު މީހުންގެ އަޅުންގެ ގޮތުގައި މީސްތަކުން އުޅުމުގެ ސަބަބުން ޢިލްމު އުނގެނުންފަދަ މުހިއްމު ކަންކަމަށް އިސްކަން ދެވިފައި ނުވެއެވެ. އޭރުގައި ކިޔެވޭ ކިޔެވެއްޔަކަށްވުރެއް ބޮޑަށް އިސްކަމެއް ދެވިފައިވަނީ ބަނޑުހައި ހޫނުކަން ފިލުވައިލުމަށްޓަކައި އަނގަޔަށް ލައި ކާއެތިކޮޅަށެވެ. އަދި ހަމައެހެންމެ އޭރުގައި ޢިލްމު އެއީ އޭރުގެ ބޮޑުންގެ މީހަކަށް ނޫނީ ފަސޭހައިން ލިބޭނޭ އެއްޗަކަށް ނުވެއެވެ. ބޭރުގެ ޤައުމުތަކުގައި ޢިލްމު ކުރިއަރައި ދިޔަނަމަވެސް އިހު ދިވެހިންގެ މެދުގައި ޢިލްމަކީ ޢާއްމުނޫން އަދި ހޯދަން އުނދަގޫ އެއްޗެކެވެ.
ޢިލްމަށް ހުރި ދޮރުތަކުގެ މަދުކަމުންނާއި އެކަމަށް ހުރި ވަޞީލަތްތަކުގެ ހަނިކަމުން ޢިލްމު އެއީ އުނގެނުމަށް ދަތި އެއްޗެކެވެ. އެޔާއެކު މާތް އިސްލާމްދީން ދިވެހިންގެ މެދުގައި ނެތުން އެއީވެސް ޢިލްމީ މަގެއް ނުކޮށުނު ސަބަބެކެވެ. އަދި ހަމައެހެންމެ އޭރުގެ އެންމެ ބާރުގަދަ މީހާއީ އެންމެ މޮޅުމީހާގެ ގޮތުގައި ނަން ހިނގާ މީހާއަށް ވުމުން، އެންމެވެސް މަސައްކަތްކުރީ ޢިލްމު އުނގެނުމަށްވުރެއް ޖާނުން ވަރުގަދަ މީހަކަށް ވުމަށެވެ. ޢިލްމަކާއި ނުލައި ތާރީޚް ލިޔެ ރައްކައި ކުރުމީ މުސްތަޙީލްކަމެކެވެ.
އެޒަމާނުގައި ލިޔަން ކިޔަން ދަންނަނީ ވަރަށް މަދު ބަޔަކެވެ. ލިޔަން ކިޔަން ދަންނަ މަދު ދިވެހިންނަށް ތާރީޚް ލިޔުން އެއީ މުހިއްމު ކަމަކަށް ނުވީ ދިވެހިންގެ ތެރޭގައި އެކިޔާނެ އިތުރު އެހެން ބަޔަކު ނެތުމުންނެވެ. އެހެންވުމުން އެބޭބޭފުޅުންވެސް ހަޔާތުގައި އިސްކަންދޭޖެހޭ އެހެން ކަންކަމަށް އިސްކަން ދިނުމުގެ ސަބަބުން ދިވެހިންގެ ޤަދީމީ ތާރީޚް އިހުގެ ދިވެހިންގެ ތެރޭގައި ލިޔެވިފައި ނެތީއެވެ. އެގޮތުން ދިވެހިންގެ މެދުގައި އޮތް ދޯހަޅި ދީންތަކުގެ ސަބަބުން ދިވެހިންގެ ތާރީޚް ލިޔެވި ރައްކައި ނުކުރުމުގެ އިތުރުން ދިވެހިންގެ މެދުގައި އޮތް ޢިލްމުވެރިކަމުގެ ކުޑަކަމުން ދިވެހިންގެ ޤަދީމީ ތާރީޚް ލިޔެވިފައިވަނީ ދިވެހިރާއްޖެއަށް ދުރުވި ސައްޔާހުންގެ ލިޔުއްވުންތަކުގައެވެ.
މަސައްކަތުގެ ބާވަތްތައް:
ދިވެހިންގެ މެދުގައި ޢިލްމަކީ މަޤްބޫލު އެއްޗަކަށް ނުވުމުގެ އިތުރުން އޭރު އިހު ދިވެހިން ކޮށް އުޅުނު މައިގަނޑު މަސައްކަތްތަކަކީ ލިޔެ ކިޔުމާއި ގުޅޭ މަސައްކަތްތަކަކަށް ނުވުމުން ޤަދީމީ ތާރީޚް ދިވެހިންގެ ލިޔެކިޔުންތަކުން ފެންނާން ނެތީއެވެ. ދިވެހިންގެ ލޭނާރަކީ މަސްވެރިކަމަށް ވީހިނދު، ކަމަކީ ބުރަ އަދި އެހާމެ ގިނަ ވަގުތު ބޭނުންވާ މަސައްކަތަކަށްވުމުން ތާރީޚް ލިޔުންފަދަ މަސައްކަތްތަކަށް ދިވެހިންނަށް އެއްވެސް އިސްކަމައް ނުދެވުނީއެވެ. ދިވެހިންގެ މައިގަނޑު މަސައްކަތަކީ ފަތިހު މަހަށް ފުރާ ގޮތަށް އިރުއޮއްސުމަށް ދާންދެއް ކަނޑުފަޅު ފީނުމަށް ވުމުން ރޭނގަޑުގެ ވަގުތަކީ އަރާމުކުރާ ވަގުތެވެ. ނޫންނަމަ ފަތިހު ރާ އަރަންދާ ފިރިހެން ބޭފުޅުން ގެއާ ހަމައަށް ފޯރާނީ އެދުވަސް ނިމޭހާ ތާނގައެވެ. އެގޮތުން އަންހެން ބޭފުޅުންގެ މަސައްކަތަކަށް ވެފައިވަނީ ފިރިން ގެންނަ މަސްތައް ލައިގެން ކާ އެއްޗަކަށް ހެދުމެވެ. ނޫންނަމަ ރުކުރާ ދިޔާ ހަކުރަށް ހެދުމެވެ.
ހަމައެޔާއެކު އަންހެންބޭފުޅުންނަކީ އޭރުގައި ފަންގި ވިދުމާއި، ރޯނު ވެށުމާއި އަދި ދަރުކޮށުންފަދަ ގިނަގުނަ މަސައްކަތުގައި އަވަދިނެތި ހީވާގިކަމާއެކު އުޅޭ ބަޔަކަށް ވުމުން އަންހެން ބޭފުޅުންނަށްވެސް ތާރީޚް ލިޔުން އެއީ ކުރެވޭވަރުގެ ކަމަކަށް ނުވެއެވެ. އޭގެ އިތުރުން އެޒަމާނުގައިވެސް ފިރިހެން ބޭފުޅުންނެކޭ އެއްހަމައިން އަންހެނުންގެ ތެރެއިން ގިނައީ ލިޔުމާއި ކިޔުންފަދަ ޢިލްމީ މަސައްކަތްތައް ނުދަންނަ ބޭފުޅުންނެވެ. ނުނީ ދިވެހިންގެ ތެރޭގައި އުޅުނު ގިނަ ޢަދަދެއްގެ ބޭފުޅުންނަކީ އެއްވެސް ވަރަކަށް ލިޔަން އަދި ކިޔަން ނޭނގޭ ބޭފުޅުންނެވެ.
ރަސްކަލުންގެ ގަނޑުވަރުގައި އުޅުނު ބޭބޭފުޅުންގެ ތެރެއިން ވަރަށް މަދު ބޭފުޅުންނަށް ނޫނީ ލިޔަން ކިޔަން ނޭނގޭނެއެވެ. އެޔާއެކު ލިޔަން ކިޔަން ދަންނަ ބޭބޭފުޅުންގެ މަސައްކަތަކީ ލިޔުމާއި ކިޔުމާ ބެހޭ މަސައްކަތަކަށްވަނީވެސް ވަރަށް މަދު ފަހަރަކުއެވެ. އެހެނީ ރަސްކަލުންނަކީ ދަރިފަސްކޮޅުން އައްޔަންވާ ބޭފުޅުންނަށްވުމުން، އޭގެތެރޭގައިވެސް ލިޔަން ކިޔަން ދަންނަ ރަސްކަލުން ހުންނަ ފަހަރުތައް މަދުވުމުގެ ސަބަބުންނެވެ.
ޗާޕް ނުކުރެވުން:
ދިވެހިން ކުރަމުންއައި މަސައްކަތްތަކުގެ ސަބަބުން ދިވެހިންގެ ޤަދީމީ ތާރީޚް ދިވެހި ލިޔެކިޔުންތަކުން ފެންނަން ނެތުމުގެ އިތުރުން، ދެން ދިވެހިންގެ ޤަދީމީ ތާރީޚް ދިވެހި ލިޔެ ކިޔުންތަކުގައި ލިޔެވިފައިނެތީ އެއިރުގައި އެކަމަށް ބޭނުންވާ ވަޞީލަތްތަކުގެ މަދުކަމުންނެވެ. ކަރުދާސް އަދި ދެލި ފަދަ ތަކެއްޗަކީ ކޮންމެކޮންމެ މީހަކަށް ލިބެން ހުންނަ އެއްޗަކަށް ނުވެއެވެ. އަދި އޭރުގައި ޗާޕްކުރާ ފަދަ މެޝިންތަކަކީ އިހު ދިވެހިން ދުވަހަކުވެސް ލޮލުން ދެކެފައިނުވާ އެއްޗެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ފޮތްފަދަ ތަކެއްޗަކީ އޭރުގައި އޮތް ދީންތަކާއި، ޢިލްމާއި އަދި ދިވެހިން ކުރަމުންއައި މަސައްކަތްތަކަށް ބަލާއިރު އެހާ މުހިއްމު އެއްޗެއްސެއްނޫނެވެ. އޭރުގެ ހާލަތު ނިޔާކުރާގޮތުން އެފަދަ އެއްޗެއް އޮތުމަކުން ދިވެހިންނަށް މާބޮޑު މަންފާއެއް ނުކުރާނެކަން އެއީ ތާރީޚް އެކަމަށް ހެކިވާކަމެކެވެ. ހަޤީޤަތަކީ އެކަމުން ގިނަގުނަ މަންފާ ދިވެހިންނަށް ލިބެން އޮތެއްކަމަކު ކުރަން ހުރި މުހިއްމު ކަންކަމުންނާއި، ވަގުތާއި އަދި ތަނާ އެކަންކަމަށް ތަން ނުދިނުމުގެ އިތުރުން އެކަމަށް ބޭނުންވާ ތަކެތި ފަސޭހަކަމާއެކު ދިވެހިންނަށް އެއްގޮތަކަށްވެސް ލިބެން ނެތަތީއެވެ.
ދިވެހިންގެ ތެރޭގައި އުޅޭ އާދައިގެ މީހަކަށް އޭރުގައި ދަތުރުފަތުރު ކުރުމަކީވެސް ނުވާވަރު ކަމެކަށްވެފައި، ރަސްކަލުން ކުރައްވާ ދަތުރުތަކުގައިވެސް އެފަދަ މުހިއްމު އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކަށް މާބޮޑު އަހައްމިޔަތުކަމެއް ދީފައެއްނުވެއެވެ. އެފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެވެފައިވަނީ ރާއްޖޭން ބޭރުގެ ސައްޔާހުން ރާއްޖެއަށް ކުރައްވާފައިވާ ދަތުރުތަކުންނެވެ. އަދި އެބޭފުޅުން ދިވެހިރާއްޖޭގެ ރީތިކަމަށާއި އަދި އަޖައިބުކަމަށް ލިޔެ ހެދުމުގައި ދިވެހިންގެ އާދަކާދަތާކާއި ދިރިއުޅުން ނުވަތަ ތާރީޚް ލިޔުއްވިއެވެ. އެހެންވުމުން ދިވެހިންގެ ޤަދީމީ ތާރީޚް ފެންނަން އޮތީ ދިވެހިރާއްޖެއަށް ދަތުރުކުރެއްވި ސައްޔާހުންގެ ލިޔުންތަކުގައެވެ.
ރަސްކަލުން އަމުރުނުކުރުން:
ތާރީޚް ލިޔުންފަދަ ކަމަށް ބޭނުންވާ މުހިއްމު ވަޞީލަތްތައް ނެތުމުގެ އިތުރުން އެފަދަ ކަމަކަށް ތަނުގެ ވެރިމީހާ އަމުރުނުކުރުންވެސް އެއީ ދިވެހިންގެ ޤަދީމީ ތާރީޚް ދިވެހިންގެ ލިޔުންތަކުގައި ފެންނަން ނެތުމުގެ މައިގަނޑު އެއް ސަބަބެވެ. ފުރަތަމަ ފަހަރަށް ރަސްކަލަކު ދިވެހިންގެ ތާރީޚް ލިޔުއްވުމަށް އަމުރުކުރެއްވީ ހަސަން ތާޖުއްދީންއަށެވެ. މިއަދާ ހަމައަށްވެސް ހަސަން ތާޖުއްދީންގެ އެ މިންނެން މަސައްކަތް އަޅުގަނޑުމެނަށް ފެންނަން އެބަ އޮތެވެ. އެކަމުން ދައްކުވައިދެނީ އެމަނިކުފާނުންގެ ކުރީގައި އެއްވެސް ދިވެއްސަކު ދިވެހިންގެ ތާރީޚާ ބެހޭގޮތުން ލިޔުމެއް ލިޔުއްވާފައި ނެތްކަމެވެ. އެމަނިކުފާނުން ދިވެހިންގެ ތާރީޚް ލިޔުއްވުމުގެ މާކުރީގައި ދިވެހިރާއްޖެއަށް ދުރުވި ސައްޔާހުންވަނީ ދިވެހިންގެ ތާރީޚް ލިޔުއްވާފައެވެ. އެއީ ހަސަން ތާޖުއްދީންގެ ލިޔުމުގައި އޮތް ތާރީޚަށްވުރެއް ޤަދީމީ ތާރީޚެއް ސައްޔާހުންގެ ލިޔުއްވުންތަކުން ފެންނަން އޮތުމުންނެވެ.
ރަށެއްގެ ވެރިއަކު އެކަމަކަށް އަމުރުނުކުރާހާހިނދަކު އެތަނުގައި އެފަދަ ކަމެއް ނުހިނގާނެކަން އެއީ ތާރީޚް ހެކިވާކަމެކެވެ. އެއިރުގައި ޤާނޫނާއި ޤަވާޢިދަކީ ލިޔުމަކަން ފެންނަންނެތް ރަސްގެފާނުގެ އަމުރެވެ. އޭނާ އަމުރުކުރާ ކަމެއް އެއީ އެއިރުގެ ހުކުމެވެ. އެކަމެއް އެގޮތަށް ވެ ނިމިގެންދާނެއެވެ. ހަމަ މި ބީދައިން އެއިރުގެ ރަސްކަލުން ދިވެހިންގެ ތާރީޚަކީ މުހިއްމު އެއްޗެއް ކަމަށް ދެކި އެ ހިމާޔަތްކުރުމަށްޓަކައި ލިޔުންތެރިންނަށް ލިޔުއްވުމަށް ޢަމުރުކުރެއްވިނަމަ މިއަދު ދިވެހިންގެ ޤަދީމީ ތާރީޚް ސައްޔާހުންގެ ލިޔުންތަކަށްވުރެއް މާ ތަފްޞީލްކޮށް ދިވެހިންގެ ލިޔުންތަކުގައި ފެންނަން އޮންނާނެކަމީ ވިސްނައިލާފި ސިކުނޑިއަކަށް ފޮރުވެންނެތް ހަޤީޤަތެކެވެ.
ރަސްކަލުން އެގޮތަށް އަމުރުނުކުރެއްވިކަމަށް ޤަބޫލުކުރަންޖެހޭ ސަބަބުތަކަކީ އެއިރުގެ ދީނީ ކަންކަން އޮތް ގޮތުންނާއި، ޢިލްމުގެ ނިކަމެތިކަމުންނާއި، ދިވެހިން ކޮށްއުޅުނު މައިގަނޑު މަސައްކަތުގެ ބާވަތުންނާއި، އެކަމަށް ބޭނުންވާ ތަކެތި ދިވެހިންނަށް ފޯރުކޮށްނުދެވުމުންނާއި އަދި ރަސްކަލުން އެކަންކަމީ މުހިއްމު ކަންކަން ގޮތުގައި ދެކެނު ކަންކަމަށް ނުވާތީއެވެ. އެއިރުގެ ރަސްކަލުންނަކީވެސް ޢިލްމުގެ ގޮތުން އަރައި ހުންނެވި ބަޔަކަށް ނުވުމުން ވިސްނުންފުޅު އެހިސާބަށް ނުގެންގުޅުން އެއީ ނެތްކަމަކަށް ނުވާނެއެވެ. ބައެއް ރަސްކަލުންގެ ރަސްކަމުގައި މައްސަލަތައް ހައްލުކުރުމަށްފަހު ދެން އޮންނާނީ ކުޅިވަރާއި މަޖާކުރުމުގެ ކަންކަން އިތުރު އެހެން ކަންކަމެއް ނޫނެވެ. އެހެންވުމުން ތާރީޚްފަދަ މުހިއްމު އެއްޗަކަށް އަހައްމިޔަތު ދޭނެ ވަގުތެއް އެރަސްކަލުންނަށް ނުލިބުން އެއީވެސް ހަމަ އެކަށީގެންވާ ކަމެކެވެ.
ނިންމުން:
ކަމެއް ނުވަތަ ހާލަތެއް މެދުވެރިވުމުގެ ފަހަތުގައި ގިނަގުނަ ސަބަބުތަކެއްވެއެވެ. އެ ސަބަބުތަކަކީ ބައެއް ހާލަތްތަކުގައި ލޯ މައްޗަށް ފެންނަން ހުންނަ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އަނެއްބައި ހާލަތްތަކުގައި ލޯ މައްޗަށް ފެންނަން ހުންނަކަންކަމުން ފަސޭހަކަމާއެކު ސަބަބުތައް ދެނެގަނެވެއެވެ. އެޔާ ޚިލާފަށް މަދު ހާލަތްތަކުގައި އެކަންކަން އެނގިގެންދަނީ އެކަމާ ދޭތެރޭ ވިސްނައި ފިކުރުކުރުމުންނެވެ. ހަމައެހެންމެ ދިވެހީންގެ ޤަދީމީ ތާރީޚު އެންމެ ބޮޑަށް އެނގިގެން ދަނީ ބޭރުގެ ސައްޔާހުންގެ ލިޔުންތަކުންކަން އެނގިގެންދަނީ މިދެންނެވި ގޮތްގޮތުންނެވެ. ހަމައެޔާއެކު ވިސްނައިފި ކޮންމެ ސިކުނޑިއަކަށް ދިވެހިރާއްޖޭގެ ކުރީގެ ހާލަތު ލޯ މަތީގައި ކުރެހި ކުލަޖެހިގެން ދިއުމީ ވާނޭކަމެކެވެ.

އޭރުން ދިވެހީންގެ ޤަދީމީ ތާރީޚު އަޅުގަނޑުމެނަށް އެންމެ ބޮޑަށް އެނގިގެން ދަނީ ބޭރުގެ ސައްޔާހުންގެ ލިޔުންތަކުންކަމަށް ޤަބޫލުކުރަންޖެހެއެވެ. އެހެނީ އޭރުގައި ދިވެހިންގެ މެދުގައި އިސްލާމްދީން ނެތުމުންނާއި، ދިވެހިންގެ ތެރޭގައި ޢިލްމަށް އަރައި ހުންނެވި ބޭފުޅުންގެ މަދުކަމުންނާއި، ދިވެހިން ކުރަމުންދިޔަ މަސަކަތަކީ މަސްވެރިކަމަށްވެފައި، ދެއްޔާއި ކަރުދާސް އެއީ އިހުގައި ލިބެން ހުންނަ އެއްޗަކަށް ނުވުމުގެ އިތުރުން އަދި އޭރުގައި ވެރިކަން ކުރެއްވި ރަސްކަލުން ޤަދީމީ ތާރީޚު ދެމެހެއްޓުން އެއީ މުހިއްމުކަމެއްކަމަށް ޤަބޫލެއްނުކުރައްވައެވެ.

No comments:

Post a Comment