Friday, January 4, 2019

އަހްލާމް (31 ވަނަ ބައި)


"އިޓްސް އޯކޭ!" އަލީފަށް އެ ވާހަކަތަކަށް ދޭނެ ޖަވާބެއް، ނޫނީ ރައްދެއްވެސް ނޭނގުނެވެ.
ވާނީވެސް އެހެންތާއެވެ. އަލީފްގެ ހިތް އަހްލާމަށްޓަކައި ކަރުތާފެނަށް އެރިގެން ދަނީއެވެ. އަލީފަށް ވިސްނޭނީ ހަމައެކަނި އަހްލާމާ މެދުގައެވެ. އެއީ ފުރަތަމަ ފެނުނީންސުރެއް އަލީފަށް އަހްލާމް ދެކެ އިންތިހާއަށް ލޯބިވެވުމުންނެވެ. އަހްލާމަށްޓަކައި އަލީފްގެ ހިތް މުޅިން ހިބަކުރެވުމުންނެވެ.
އެހެނަސް ނަތާޝާ އެއީ އަލީފްގެ ދަށުން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. އަލީފް ނަތާޝާ ދެކެނީ ގާތް އެކުވެރި، ވަފާތެރި މުވައްޒަފެއްގެ ގޮތުގައެވެ. ކަމަށް ކަމޭހިތާ ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ދެން އަލީފްގެ ހިތުގައި އަހްލާމް ނޫން އެހެން އިންސާނަކަށް ދެވޭނެ ޖާގައެއް ނެތެވެ.
އާއެކެވެ. ދުނިޔޭގެ ދިރިއުޅުން މިއީ ވަރަށް ފާޑެއްގެ ކަމެކެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅަޔަށެވެ. ނަތާޝާގެ ހިތް ވަނީ އަލީފަށްޓަކައި ޤުރުބާން ކުރެވިފައެވެ. އިންޓަވިއުއަށް ހާޒިރުވި ފުރަތަމަ ދުވަހުން ފެށިގެންނެވެ. އޭނާ ހުންނަނީ އަލީފަށްޓަކައި ވާންޖެހޭ ކޮންމެފަދަ ތައްޔާރީއެއްވެސް ވުމަށް ފޫގަޅައިގެންނެވެ.

"ނަތާޝާ! މިވަގުތު އަޅުގަނޑަށް މަޑުކުރެވޭކަށް ނެތް!" އަލީފް ގޮނޑިން ތެދުވިއެވެ. "ވަރަށް އަވަހަށް ފުލުސް އޮފީހަށް ދާން ޖެހިގެން މިދަނީ! ހިޔެއް ނުވޭ އަވަހަކަށް އާދެވޭނެހެން!"
"އޯކޭ!" ނަތާޝާ އިސްޖަހައިގެން އިނދެ ވާހަކަ ދެއްކިއެވެ.
އަލީފް އަވަސް ފިޔަވަޅުތަކެއް އަޅަމުން އޮފީހުން ނުކުމެގެން ދިޔައީއެވެ. ފުލުސް އޮފީހާ ދިމާއަށެވެ. އަހްލާމް ކޮޓަރިއެއްގައި ބަންދުކުރެވިފައި އިނުމަށް އޭނާގެ ހިތް ނޭދޭތީއެވެ. އަހްލާމް ދެކުމަށް އޭނާގެ ހިތް ކުރަމުންދާ އާދޭސްގެ ސަބަބުންނެވެ. އަހްލާމް ސަލާމަތްކުރުން އެއީ އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކޭތީއެވެ. އަހްލާމް ދެކެ އަލީފް ވާލޯބަށް އެއްވެސް މީހަކަށް ހުރަސް އެޅެން ނެތަތީއެވެ.
"ކޮބާ؟ ކިހިނެއް އޮތީ؟" އަލީފް އޮފީހުން ނުކުމެ ޒާހީއަށް ގުޅައިލިއެވެ.
"އަލީފް! އަހަރެމެންނަށް އަލީފް ގޮވައިގެން އެ ގެ ފާސްކުރާކަށް ނުދެވޭނެ!" ޒާހީ ވާހަކަދެއްކީ ނާއުއްމީދާއެކުގައެވެ. "އަހަރެމެން އިރުކޮޅެއްގެ ތެރޭގައި އެ ގެ ފާސްކުރަން ވަންނާނަން!"
"އާނ! އިޓްސް އޯކޭ ބްރަދަރ! އަހަރެން އެބަ ފޮނުވާލަން އެ ގެއަށް ވަދެވޭނެ ކޯޑް!" އަލީފް ފޯނު ކަނޑައިލާ ޖީބަށް ލިއެވެ.
އެއްވެސް ވިސްނުމެއްނެތި އަލީފް ސައިކަލަށް އަރައި ދުއްވައިލިއެވެ. އަލީފް ސައިކަލު ދުއްވަމުން ދިޔައީ އޭނާއަށް ދުއްވޭ އެންމެ ބާރު މިނުގައެވެ. ލުކްޝާން ވަތް ގެއާ ދިމާއަށެވެ. އިރުކޮޅެއް ނުވެއެވެ. ބޭރުގައި އަލީފް ސައިކަލު ޕާރކްކޮށް އެ ގެއަށް ވަދެގެން ދިޔައެވެ. ހުއްޓުމެއްނެތި އަލީފް ދިޔަ ގޮތަށް ގޮސް ލިފްޓަށް އަރައި އެންމެ މަތީ ފަންފިފިލާގެ ނަންބަރަށް އޮއްބައިލިއެވެ.
އަލީފް ލިފްޓުން ފައިބާ އެންމެ ތިރިއަށް ހުސް ލިފްޓު ފޮނުވާލިއެވެ. އެޔާއެކު އަހްލާމް ބަންދުކުރެވިފައިވާ އެޕާރޓްމަންޓަށް އޭނާ ބަލައިލިއެވެ. އޭނާ ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހިންދިރުވައިލެވުނެވެ. މަޑުމަޑުން ގޮސް އެ އެޕާރޓްމަންޓްގެ ދޮރު ހުޅުވާލިއެވެ.
އޭރު ސިޑިން ކޮންމެވެސް ބަޔަކު އަރަމުން އައި އަޑު އިވެއެވެ. އެމީހުން އަޅަމުން ދިޔަ ހަރު ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަލީފް މަޑުމަޑުން އެ ދޮރު ލައްޕާލައި ސިޓިންރޫމްގެ ސޯފާގެ ފަހަތަށް ވަދެ ފިލިއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އެތަނުގައި އަލީފް އޮތްކަން އެނގިއްޖެނަމަ، ކުށުގެ މާހައުލުން ފެނުނު މީހެއްގެ ގޮތުގައި އޭނާގެ އަތުގައި ބިޑި އެޅިގެން ދާނެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
އިސާހިތަކު، ކުއްލިއަކަށް ދޮރު ހުޅުވިގެން ދިޔައަޑު އިވުނެވެ. އެޔާއެކު ބަޔަކު މީހުން ސިޓިން ރޫމްގެ ތެރެއަށް ވަދެގެން ދިޔަ އަޑު އިވުނެވެ. އެއީ ކިތައް މީހުންކަން އަލީފަށް ބުނެދޭކަށް ނޭނގެއެވެ. އެގޭހާވެސް އެއްޗަކީ އެމީހުންގެ ތެރޭފައި ޒާހީ ހުރިކަމެވެ.
"ޖަސްޓް އެލިމިނޭޓް ދިސް ޑޭމް ޑޯރ!" ޒާހީގެ އަމުރަށް ކޮޓަރިއަށް ވަދެގެން ދިޔަ ފުލުހުން އަހްލާމް ބަންދުކުރެވިފައިވާ ކޮޓަރީގެ ދޮރު ގަދަކަމުން ހުޅުވީ ތަޅު ހަލާކުކޮށްލާފައެވެ.
އަލީފް މަޑުމަޑުން ބޯ ހިއްލައިލާ ބަލައިލިއެވެ. އެތަނުގައި ފިލައި އޮންނަން ބޭނުން ނުވާތީއެވެ. އޭރު ކަޅުކުލައިގެ ޔުނީފޯރމްގައި ތިބި ތިން ފުލުހުން އަހްލާމް އޮތް ކޮޓަރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެކޮޓަރީގެ ބޮކި ދިއްލުމާއެކު އަލީފްގެ ލޮލުގައި އަހްލާމް އަޅައިގަތެވެ. އަލީފަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އެޔާއެކު އޭނާ ދުވެފައި ގޮސް އެ ކޮޓަރި ތެރެއަށް ވަނެވެ.
"އަހްލާމް!" އަލީފް އަހްލާމަށް ގޮވައިލިއެވެ.
"ހޫ އިސް ދިސް؟" އަހްލާމް އަތުލަފިކޮށްގެން ހުރި ޒާހީ ވަގުތުން އެތަނުގައި ތިބި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައެވެ.
ފުލުހުން އިތުރު އެއްޗެކޭ ނުބުނެ އަލީފާއި ދިމާއަށް މަޑުމަޑުން ތިބެ އަންނަން ފެށިއެވެ. އަލީފަށް ބެލެމުން ދިޔައީ އަހްލާމްގެ މޫނަށެވެ. އޭނާގެ މޫނުން ވަނީ ފެން ދަމައިލާފައެވެ. މީހާގެ ހަށިގަނޑު ވަނީ ހިކި އަނަރޫފަވެފައެވެ. ކުއްލިއަކަށް އަލީފްގެ ގައިގާ ފަހަތުން މީހަކު ބައްދައިގަތެވެ.
"އަހްލާމް!" އަލީފަށް ގޮވައިލެވުނީ އަހްލާމަށެވެ.
"އަލީފް... އަލީފް... ދޫކޮށްލާ!" އަހްލާމް ގަދަކަމުން ވާހަކަދެއްކިއެވެ.
ޒާހީގެ އިޝާރާތަށް އަލީފްގެ ގައިގާ ބައްދައިގެން ހުރި ފުލުސް މީހާ އޭނާ މަޑުމަޑުން ދޫކޮށްލިއެވެ. އަހްލާމް މަޑު ހިނގުމެއްގައި އަލީފާ ދިމާއަށް ހިނގައިގަތެވެ. އެޔާއެކު ޒާހީ އަހްލާމްގެ ކޮނޑުން އަތް ދޫކޮށްލިއެވެ. އެއީ އަހްލާމް ބޭނުންވާނެ ގޮތްކަން އެނގޭތީއެވެ. އަހްލާމް މަޑު ހިނގުމެއްގައި ގޮސް އަލީފްގެ މުށުތެރެއަށް ވެއްޓިގަތެވެ.
"ވަޓް... ޓުކް ޔޫ... ސޯ ލޯންގ..؟" އަހްލާމް އަލީފްގެ ކަންފަތް ބުޑުގައި ސިއްރު ސިއްރުން ސުވާލެއް ކޮށްލިއެވެ.
"ކޯސް އައި ލަވް ޔޫ ސޯރ މަޗް އެންޑް މޯރ!" އަލީފްވެސް އަހްލާމްގެ ކަންފަތް ބުޑުގައި ސިއްރު ސިއްރުން އަހްލާމަށް ސުވާލުގެ ޖަވާބު ރައްދުކުރިއެވެ.
އަލީފަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އަހްލާމްގެ ހަށިގަނޑުގައި އޭނާ ބާރަށް ބައްދައިލިއެވެ. އެހެނަސް އަހްލާމްގެ ފަރާތުން އަލީފަށް އެ ހަރަކާތުގެ ޖަވާބެއް ނުލިބުނެވެ. އަހްލާމްގެ އަތް ވަނީ ތިރިއަށް ދޫވެފައެވެ. އޭނާގެ ހަށިގަނޑުގައި އަލީފްގެ އެ ލޯބި އިޝާރާތަށް ރައްދުދޭނެހާ ބާރެއް ނެތެވެ.
"ވަޓްސް ގޮއިން އޮން؟" ލުކްޝާން ކޮޓަރީގެ ދޮރުމަތީގައި ހުއްޓިގެން ހުރީ ދެ ލޯ ތަންމިނަށް ހުޅުވައިގެންނެވެ.
"އެލިމިނޭޓް!" ޒާހީގެ އަމުރަށް ފުލުހުން ވަގުތުން ލުކްޝާން ބިންމައްޗަށް ވައްޓައިލާ، އަތް ފުރަގަހަށް ލައި ބިޑި އެޅުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
"އަހްލާމް! އިޓްސް އޯވަރ!" އަލީފް އަހްލާމްގެ ހަށިގަނޑު ދުރަށް ޖައްސާލައި އަހްލާމްގެ މޫނަށް ބަލައިލިއެވެ. "އަހްލާމް! އަހްލާމް! އަހްލާމް!"
އަލީފް އަހްލާމްގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. އެހެނަސް އަހްލާމް އަނގައިން އެއްޗެއް ނުބުނެއެވެ. އޭނާގެ ދެ ލޯ ވަނީ މެރިފައެވެ. އަހްލާމްގެ ހަށިގަނޑުގައި އެއްވެސް ބާރެއް ނެތެވެ. އަލީފްގެ ލޮލުން ކަރުނަ ނީރައިލިއެވެ. އެޔާއެކު އަލީފްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މުޅި ކޮޓަރި އެނބުރެން ފެށިއެވެ. އަލީފް ކުއްލިއަކަށް ފަހަތަށް ވެއްޓުނީ އަހްލާމާ އެކުގައެވެ. އޭރު އަހްލާމް އޮތީ އަލީފް މޭ މަތީގައެވެ.
(ނުނިމޭ)

No comments:

Post a Comment