Wednesday, October 21, 2015

ނަމާދުން ލިބޭ ބައެއް ފައިދާ

ތަޢާރަފް
ނަމާދަށް ޢަރަބިބަހުން ކިޔަނީ އައްޞަލާތެވެ. އޭގެ ލުޣަވީ މާނައީ ދުޢާއެވެ. ޝަރުޢީ މާނައީ ޚާއްޞަ ޢަމަލުތަކަކާއި، ދުލުން ކިޔޭ ޚާއްޞަ ބަސްތަކަކާއެކު، ޝަރުތުތަކަކާއި، ރުކުންތަކެއްގެ މައްޗަށް ބިނާވެގެންވާ ތަކުބީރަކުން ފެށި ސަލާމުން ނިމޭ އަޅުކަމެކެވެ. (އިބްރާޙިމް, 2009)
ނަމާދަކީ ވަރަށް މާތް އަދި އެހައިމެ މުހިއްމު އަޅުކަމެކެވެ. އެއްވެސް އަޅުކަމަކަށް ދެވިފައިނުވާ މަޤާމެއް އިސްލާމްދީނުގައި ނަމާދަށް ދެވިފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީޘްފުޅު ކުރައްވާފައިވާގޮތުގައި ދީނުގެތަނބުތަކަކީ ނަމާދެވެ. އެހެންވުމުން ނަމާދު އަޅައި މީހުންނަކީ ދީނުގެ ތަނބުތައް މުގުރައިލައި މީހުންނަށް ނޫނީ ނުވާނެއެވެ.
ނަމާދު އޭގެ އިންތިހާ ދަރަޖައަށް މުހިއްމުވުމުގެ ސަބަބުން އެ އަޅުކަމުގައި އެކިގޮތްގޮތުން ގިނަގުނަ ފައިދާތަކެއް
އެކުލެވިފައިވެއެވެ. އެގޮތުން އެފައިދާތައް ހަތަރު ބަޔަކަށް ބެހިގެންދެއެވެ. އެއީ ޞިއްޙީ، އަޚްލާޤީ، ޢިޖްތިމާޢީ އަދި ރޫޙާނީގޮތުން ލިބޭ ފައިދާތަކެވެ. އަޅުގަނޑު މިބަލައިލަނީ މިއިން ކޮންމެ ދާއިރާއެއްގައި ނަމާދުގެ ސަބަބުން އަޅުގަނޑުމެން އެންމެނަށް ލިބޭ ފައިދާތަކުގެ މައްޗަށް ވަކިވަކީންނެވެ.

ޞިއްޙީގޮތުން ލިބޭ ފައިދާތައް
ޞިއްޙަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވައިފައިވާ ބޮޑެތި ނިޢުމަތްތަކުގެ ތެރެއިން އިންސާނާ ހަނދާންނެތޭ ނުވަތަ ހަނދާންނައްތާލައި އެއް ނިޢުމަތެވެ. ޞިއްޙަތް ރަނގަޅުގޮތުގައި ދެމެހެއްޓުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅައިކަމެކެވެ. އެގޮތުން ނަމާދުގެ ސަބަބުން ނުވަތަ ނަމާދުގައި ކުރެވޭ ހަރަކާތްތަކުގެ ސަބަބުންވެސް އަޅުގަނޑުމެންގެ ޞިއްޙަތް ދުޅަހެޔޮވެގެންދާކަމީ މިހާރުގެ ދިރާސާތަކުން އެނގި ހާމަވެފައިވާ ކަމެކެވެ.
×     ސާފުތާހިރުވެ، ދަތް ފަނިކެއުމާއި އެކިކަހަލަ ބެކްޓީރިއަލް އިންފެކްޝަންތަކުން ސަލާމަތްވުން.
ނަމާދަށް ތައްޔާރުވުމުގެ ގޮތުން ނުވަތަ ނަމާދުކުރުމުގެ ކުރިން ވުޟޫކުރުމަކީ ނުވަތަ ވުޟޫގެމަތީގައި ހުރުމަކީ ވާޖިބެކެވެ. ކޮންމެ ނަމާދަކަށް ވުޟޫކުރުމުގެ ސަބަބުން މީހާ ސާފުތާހިރުވެގެންދެއެވެ. ވުޟޫގައި ސުންނަތްވެގެންވާގޮތަށް ވުޟޫކުރުމުން ނުވަތަ ދެއަތް ދޮވެވުމުގެ ސަބަބުން އެންމެ ފަސޭހައިން ގައިންގަޔަށް އަރައި ބަލިތަކުން މީހާ މިންޖުވާކަމަށް ގިނަ ޢަދަދެއްގެ ޑޮކްޓަރުންވަނީ އެއްބަސްވެފައެވެ. މިހާރަކަށް އައިސް ގިނަ ޢަދަދެއްގެ ހޮސްޕިޓަލްތަކުގައިވެސް ގިނަގިނައިން އަތް ދޮވުމަށް އިލްތިމާސްކޮށްފައިހުންނަ ޕޯސްޓަރުތައް ހަރުކޮށްފައިހުރުމީ މިކަމަށް ލިބޭ ހެއްކެކެވެ. ނަމާދުކުރުމަށްޓަކައި ދުވާލެއްގެ މައްޗަށް ފަސްފަހަރު ވުޟޫކުރުމުން ނުވަތަ އަތް ދޮވުމުގެ ސަބަބުން މި ރައްކާތެރި ފިޔަވަޅު އެޅިގެންދަނީ ނަމާދުގެ ސަބަބުންނެވެ.
×     ހިތާއި، ލޭ ދައުރުކުރުމުގެ ނިޒާމާއި، ނޭވައިލުމުގެ ނިޒާމާއި، ހަށިގަނޑުގެ މަސްތަކަށް ފަސޭހަކަން ލިބުން.
ނަމާދުގައި ކުރެވޭ ހަރަކާތްތަކުގެ ސަބަބުން ހަށިގަނޑުގައިވާ ހުރިހާ ނާރުތަކުގެ އިތުރުން އެންމެ ހިމަ ހޯލި ނާރުތައްވެސް ދެމި (ސުޓްރެޗްވުމުން) ނާރުތަކުގައި ލޭ ހިނގުން ފަސޭހަވެގެންދެއެވެ. އެކަމުގެ ސަބަބުން ހިތުގެ ހިނގުން ވަރަށް ބޮޑަށް ދުޅަހެޔޮވެ ފަސޭހަކަމާއެކު ބޮލަށާއި ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭ ދައުރުކޮށް ދިނުން ފުރިހަމަކޮށްދެއެވެ. ލޭ ހިނގުން ހަރަކާތްތެރިވުމުގެ ސަބަބުން ނޭވައިލުމަށް ފަސޭހަވެ ނޭވައި ކުރުވުންފަދަ އެންމެހާ ކަންކަމުން ދުރުކޮށްދެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭ ފޯރުކުރުމުގައި މަސްތަކަށް ލޭ ލިބުމުން މަސްތައް ދެމި (ސުޓްރެޗްވެ)، ގުޅަވުމަށް (ރިލެކްސްވުމަށް) ފަސޭހަވެދެއެވެ. (ހަރަކާތްކުރަން ފަސޭހަވެދެއެވެ. ނުވަތަ މީހާ މުރައިލިވެ ހެލިފެލިވުމުގެ ނަސީބުލިބެއެވެ.) އަދި ހަށިގަނޑުގެ މަސްތައް ދެމި (ސުޓްރެޗްވުމުން) މަސްތަކުގައި ހުންނަ މަސްގުޅަކަން ފިލައިދެއެވެ. އެކަމުގެ ސަބަބުން މަސްތަކުގައި ރިހުންފަދަ ކަންކަމުން ދުރުކޮށްދެއެވެ. އެޔާއެކު ހަށިގަނޑުގެ މަސްތަކާއި ނާރުތައް ދެމުމުގެ (ސްޓްރެޗްވުމުގެ) ސަބަބުން ހިތަށް ތަދުވުމާއި، "ސްޕައިނަލް ޑިސްކަށް" ދިމާވާ މައްސަލަތަކާއި "އަރތުރައިޓިސް"ފަދަ ޞިއްޙީ އެކިއެކި މައްސަލަތަކުން ސަލާމަތްކަން ލިއްބައިދެއެވެ.
×     ހިތާއި ސިކުނޑީގައިވާ ނުތަނަވަސްކަން ފިލުވައިދިނުން.
އިންސާނާގެ ޢަމަލްތަކާއި، ހިތްހަމަޖެހުމާއި، ހިތްނުތަނަވަސްވުންފަދަ އެންމެހާ ޖަޒުބާތުތައް ބަލަހައްޓައިދޭ އެއް މަރުކަޒަކީ އިންސާނާގެ ސިކުނޑިއެވެ. އިންސާނާގެ ސިކުނޑީގައި ތާށިކަމެއް ނުވަތަ ނުތަނަވަސްކަމެއް ހުންނަހާ ހިނދެއްގައި އިންސާނާގެ ހަށިގަނޑުގައިވާ އެހެން ގުނަވަންތަކެއް އެންމެ ފުރިހަމައަކަށް މަސައްކަތެއް ނުކުރާނެއެވެ. އެކަމުގެ ސަބަބުން އިންސާނާގެ ހިތަށްޖެހޭ ބަލިތަކާއި ސިކުނޑިއަށްޖެހޭ ބަލިތައްފަދަ ހިތްހުއްޓުން، ލޭގެ ޕުރެޝަރ މަތިވުން، "ސުޓްރޯކް"، "ބުރެއިން ޓިއުމަރ"ފަދަ އެތަކެއް ބަލިތަކަކަށް މަގު ކޮށިގެންދެއެވެ. ނަމަވެސް ނަމާދުގެ އަޅުކަން ހުޝޫޢަތްތެރިކަމާއެކުގައި ކުރާ މީހަކު މިބަލިތަކުން ބަރީއަވެގެންވެއެވެ. ނަމާދުގައި މަޑުމައިތިރިކަމާއެކުގައި ހުރެ އިމާމް ކިޔަވަމުންދާއިރު ނުވަތަ ތަކުބީރުތައް ކިޔައި ހިނދު ކަނުލައި އަޑުއެހުމުގެ ސަބަބުން ކަންކަމަށް ކަނުލައި އަޑުއެހުމުގެ ހުނަރު އިތުރުކޮށްދީ ވިސްނުން ތަރައްޤީކޮށްދެއެވެ. ހިތް ނުތަނަވަސްވުމާއި މީހާގެ މާޔޫސްކަން ފިލުވައިދީ އައުއުއްމީދުތަކާއެކު މީހާ އާރޯކުރުވައެވެ. ފާހަގަކޮށްލެވޭގޮތުގައި މިޒަމާނުގައި ދެވޭ މަޝްޙޫރު އެއްކަސްރަތުކަމުގައިވާ ޔޯގާގެ ކަސްރަތުގައި ހިމެނޭ ގިނަ މުހިއްމު ފައިދާތަކެއް ނަމާދުގެ ހަރަކާތްތަކުން ލިއްބައިދެއެވެ.
×     ކައްޓާއި ހުޅުތަކުގެ ފަރުވާ.
ސައިންޓިސްޓުން ވިދާޅުވެލައްވާގޮތުގައި ނަމާދާއި ނަމާދުގެ ހަރަކާތްތަކުގެ ސަބަބުން އިންސާނާގެ ހުޅުތަކުގެ ކޮޅުގައި ހުންނަ މަޑުކަށި ހަލާކުވުމުންނާއި، ހުޅުތައް ހިކި ދުޅަވާ މުސްކުޅިންނަށް ޚާއްސަ ޤުދުރަތީ ފަރުވާއެކެވެ. ހުޅުތައް ލެނބުމުގެ ސަބަބުން ހުޅުތައް ހަރަކާތްކޮށް ހަރަކާތްތެރިކަންމަތީގައި އެއްވެސް މައްސަލެއްނުޖެހި ހުންނަކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ. އަދި ހުޅުތައް ހަރުނުވެ ހިފަހައްޓައިދީ ހުޅުތަކުގައި ހިފައި ރިހުން ކަނޑުވައިލައެވެ. ހުޅުތަކުގެ އިތުރުން މައިބަދައަށާއި ކައްޓަށް ނުހަނު ގިނަގުނަ ފައިދާތަކެއް ކުރުވާކަމަށް އެމެރިކާއިން ކޮށްފައިވާ ދިރާސާއަކުން ދައްކައެވެ.
އަޚްލާޤީގޮތުން ލިބޭ ފައިދާތައް
މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދުން ސައްލަﷲ ޢަލައިހި ވަސައްލަމަގެ އަޙްލާޤީ ނުވަތަ ސިޔަރަތަކީ އޭގައި މީސްތަކުންނަށް ފުރިހަމަ ނަމޫނާއެއް ވާއެއްޗެކެވެ. އެހެނީ އިސްލާމްދީން ވަނީ ބަދުއަޙްލާޤީ އެންމެހާ ކަންތައްތައް ހަރާމްކޮށްފައެވެ. އަޅުގަނޑު އިންސާފުކުރަމުންމިދާ މައުޟޫ "ނަމާދުގެ ފައިދާތައް" ތެރޭގައިވެސް އަޚްލާޤީގޮތުން އެތަކެއް ފައިދާއެއް އެކުލެވޭކަމީ އިސްލާމްދީން އެކަމަށް ބާރުއަޅައި މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. މިދީނުގެ މަތިވެރި އަޅުކަމެއްކަމަށްވާ ނަމާދުގެ ސަބަބުންވެސް އަޅުގަނޑުމެންގެ އަޚްލާޤު ނަގަހައްޓައިދެއެވެ.
×     އެންމެހާ ފާޙިޝް ކަންކަމުންނާއި މުންކަރާއިތަކުން ދުރުކުރުން.
ނަމާދަކީ އެންމެހާ މުޑުދާރު ޢަމަލުތަކުން އިންސާނާގެ ހިތް އެއްކިބައިކޮށްދޭ އެއް އަޅުކަމެވެ. ނަމާދުގެ ސަބަބުން ފުސްވެ ކަޅުވަމުންދާ ހިތްތަކަށް ދިރުން ގެނެސްދެއެވެ. އިންސާނާގެ ޝަޙްވަތްތެރިކަން ވަކި ހަމައެއްގައި ހިފަހައްޓައިދޭނެއެވެ. އެކަމަށްވާންޖެހޭ އެންމެހާ ކެތްތެރިކަމެއް ނަމާދުކުރުމުން އެމީހަކަށް ލިބިގެންދާނެއެވެ. މާތްﷲ ވަޙީކުރައްވަނީ: [وأقم الصلاة إنّ الصلاة تـنهى عن الفحشاء والـمنكر] (العنكبوت: 45). މާނައަކީ: "ކަލޭގެފާނަށް ބާވާލެއްވުނު ޤުރްއާން ކިޔަވާ ވިދާޅުވާށެވެ. އަދި ނަމާދު ޤާއިމު ކުރާށެވެ. ހަމަކަވަރުން ނަމާދު ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް ނަހީކުރެއެވެ".
×     މަޑުމޮޅި މިޒާޖެއް ލިބި، މީހުންގެ ރުހުން ލިބުން.
ދިރާސާތަކުން ދައްކައި ގޮތުގައި ﷲއަށް ކުއްތަންވުމުގެ ގޮތުން ގިނަގިނައިން އަޅުކަންކޮށް އުޅޭ މީސްމީހުންނަކީ ރަނގަޅު މަޑުމޮޅި މިޒާޖެއްގައި ދެމިތިބޭ ބައެކެވެ. އެމީހުން ނަމާދުގައި ކެތްތެރިކަމާއެކު އަޅުކަމުގައި އުޅޭ އުޅުމުގެ ސަބަބުން މަޑުމޮޅި މިޒާޖެއް ލިބިގެންދެއެވެ. އާއްމު ދިރިއުޅުމުގައިވެސް ދިމާވާ ކަންތައްތަކާމެދު ހާސްވެ ކަންބޮޑުވުމުގެ ކުލަވަރު މޫނުމަތިން ފޮހެވިގެންދަނީ ﷲއަށް ނަމާދުގައި ތަކައްވަލްކުރާފަދައިންނެވެ. އެ ދިރާސާގައި ބުނާގޮތުން އެކަމުގެ ސަބަބުން، މުޖުތަމަޢުން އެބައިމީހުންނަށް ލިބޭ އަޅާލުމާއި އެއްބާރުލުންވެސް ވަނީ އިތުރުވެފައެވެ. އަދި އެބައިމީހުންނަކީ ޤަދަރު ލިބިގެންވާ، އެމީހުން އެހެންމީސްމީހުންނަށް އިޚްތިރާމްކުރާފަދައިން، އިޚްތިރާމްލިބިގެންވާ ބައެކެވެ.
×     ވާހަކަ ދެއްކުމުގެ ރިވެތި އުސޫލާއި، މަޑުމައިތިރިކަންފަދަ އެންމެހާ ރަނގަޅު ސިފަތައް ލިބުން.
ނަމާދުގައި މަޑުމައިތިރިކަމާއެކުގައި ހުރުމުގެ ސަބަބުން މީހާއަށް މަޑުމައިތިރިކަމެއް ގެނެސްދެއެވެ. އެކަމުގެ ސަބަބުން ވާހަކަދެއްކުމުގައި މަޑުމައިތިރިކަން އިޚްތިޔާރުކުރެވެއެވެ. އަޑުލައި ވާހަކަދެއްކުމާއި ހިތްހަމަނުޖެހިގެން މީހުންނާ ދިމާއަށް އެއްޗެހި ކިޔުންފަދަ ހުތުރު ސިފަތަކުން މީހާ ދުރުކޮށްދެއެވެ. މުޖުތަމަޢު ޤަބޫލުނުކުރާ އެފަދަ އެންމެހާ ހުތުރު ސިފަތަކުން މީހާ ދުރުވެ މީހުންގެ މެދުގައި ފުރިހަމަ ކިޔަމަންތެރި މީހެއްކަމުގައި ވުމުގެ، އިތުރުން އޭނާގެ މާތްކަން އިންތިހާވެއެވެ. އެންމެންގެ ލޯބިލިބި ނަމާދުކުރާ، މަޑުމައިތިރި އަޅާ ފެނުމުން އެހެން މީހުންގެ ހިލަ ހިތްތައްވެސް ފުށްގަނޑަކަށްވެދެއެވެ. ރަސޫލާ ސައްލަﷲ ޢަލައިޙި ވަސައްލަމަގެ ޒަމާނުގައިވެސް އެކަލޭގެފާނުގެ މަޑުމައިތިރިކަމާއި ރިވެތި އަޚްލާޤުގެ ސަބަބުން އެތަކެއް ބަޔަކު އިސްލާމްދީން ޤަބޫލުކޮށްފައިވެއެވެ. އެކަލޭގެފާނުގެ ރިވެތި އަޚްލާޤަކީ ފުރިހަމަ ނަމޫނާއެއްކަމަށް އެއިރުގެ އިސްލާމްދީނުގެ ބޮޑެތި ޢަދުއްވުންވަނީ އިއްތިފާޤުވެފައެވެ. ނަމާދުގައި ވަނީ ރަސޫލާ ސައްލަﷲ ޢަލައިޙި ވަސައްލަމަ ދެއްކެވި، ނަމޫނާ ރިވެތި އަޚްލާޤެވެ. އަލްއަޙްޒާބް ސޫރަތުގެ 21ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ "ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބާގައި ތިޔަބައިމީހުންނަށް ރިވެތިނަމޫނާއެއް ވިއެވެ."
ޢިޖްތިމާޢީގޮތުން ލިބޭ ފައިދާތައް
އިސްލާމްދީން އަބަދުވެސް މަސައްކަތްކުރަނީ އެންމެން އެކަތިގަނޑަކަށް ހެދޭތޯއެވެ. ދެމީހުންގެ ދެމެދުގައި ދެބަސްވުމާއި، ރުޅިވެރިކަމާއި، ހިތްބަރުކަމާއި ދެކޮޅުވެރިކަންފަދަ އެންމެހާ ކަންތައްތައް ނައްތައިލައި މުސްލިމުންނީ އަޚްވަންތަ ބައެއްގެގޮތުގައި ދެމެހެއްޓުމަށެވެ. ނަމާދުގެ ސަބަބުން މުޅި މުޖްތަމަޢުއަށް އޭގެ ސަބަބުން އެދެވޭ ރަނގަޅު ބަދަލުތަކެއް އަންނަކަމީ ވިސްނާ ފިކުރުކުރާ ފަރާތްތަކަށް ނުފޮރުވޭނޭ ހަޤީޤަތެކެވެ.
×     ވަގުތައް ކަމޭހިތަން ދަސްވުން.
ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ އަޅުކަމަކަށްވުމުގެ ސަބަބުން ނަމާދަށް ބަރާބަރަށް ހިނގާ މީހެއްގެ ގައިގާ އަށަގަންނާނެ ފުރަތަމަ ޢިޖްތިމާޢީ އެއް ސިފައަކީ ގަޑި ނުޖެހި ވަގުތަށް ދާންޖެހޭ ތަންތަނަށް ދެވުމެވެ. ގަޑިޖެހުން އެއީ ޢިޖްތިމާޢީ ނުވަތަ މުޖްތަމަޢު ބަލައިގަންނަކަމެއް ނޫނެވެ.
×     މީހުންގެ ތެރޭގައި އުޅެން ދަސްވެ، މީސްތަކުންގެ މެދުގައި ހަމަހަމަކަމާއި އޯގާތެރިކަން އޮތުން.
މުޖްތަމަޢު ތެރޭގައި އުޅޭއިރު އެކި ކަހަލަ މީސްމީހުންނާ ދިމާވާނެއެވެ. މީހުންނާ ވާހަކަދައްކާ، މަސައްކަތެއް ކުރަނީނަމަ، ދެމީހުން އެކުލެވިގެން އެކުއެކީގައި އެކަމެއް ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިންމާލެވެނީ ނަމާދުގައި ސަފުތައް ތަރުތީބު ކުރުމުގައި އެއްވެސް ނަސްލެއް އަސްލެއް، މޮޅެއް ދެރައެއް، ދޮނެއް ކަޅެއް، ހިއްކެއް ފަލައެއް، ނުބަލައި ތަފާތު ކުރުމެއްނެތި ސަފުތައް ސީދާކުރާތީވެއެވެ. މިކަމުގެ ސަބަބުން އެންމެންގެ މެދުގައި އޮންނާނީ ހަމަހަމަކަމެވެ. އެކަކު އަނެކަކަށް އަޅައިލައި، އޯގާތެރިވުމާއި، އިޚްތިރާމްކުރުމެވެ.
×     އެއްބައިވަންތަކަމާއި ކިޔަމަންވުން.
ޖަމާޢަތުގައި ނަމާދުކުރަނިކޮށް މީހަކަށް ފެނުމުން އެމީހަކަށް ފެނިގެންދާނީ އެ ޖަމާޢަތުގައި ނަމާދުކުރަމުންދާ މުސްލިމުންނަކީ އެއްބައިވަންތަ ބަޔެއްގެ ގޮތުގައެވެ. އެގޮތުން ޖަމާޢަތުގައި ނަމާދުކުރުމަކީ އެއްމުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވެ، ފެނިދެނެވި، ސަލާން ގަލާންކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ. އެކަމުގެ ސަބަބުން އެކަކު އަނެކެއްގެ މެދުގައި އޮންނަ އަޚުވަންތަކަން ހަރުދަނާވެ ޢިޖްތިމާޢީ ގުޅުން އާލައިވެގެންދެއެވެ. އިމާމާއަށް ކިޔަމަންވާފަދައިން އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އެންމެ އިސްމީހާއަށް ކިޔަމަންވާން ދަސްވެ، އޭނާގެ އަމުރުތަކަށް ތަބާވެ، އެންމެން އެކަތިގަނޑަކަށްވެގެން، ދޭދޭ ފަރުދުންގެ ބަދަލުގައި އެންމެންގެ ލާނބައާއި މަންފާއަށް މަސައްކަތްކުރަން ދަސްވެއެވެ.
×     މުއްސަނދިންނާއި ފަޤީރުންގެ މެދުގައި ހުރަހެއް ނެތުން. (ހަމަހަމަކަން)
ނަމާދަކީ ހިތް ނިޔަތް ﷲ އަށް ޚާލިސްކޮށްގެން ކުރާ މަތިވެރި އަޅުކަމަކަށްވުމުން، ތިމާއީ ކިތަންމެ މުއްސަނދިމީހަކަށް ނުވަތަ ބާރުގަދަމީހަކަށް ވިނަމަވެސް، ﷲގެ ހަޟްރަތުގައި ތިމާގެ ނިކަމެތިކަމާއި ބަލިކަށިކަން އަމިއްލައަށް ޤަބޫލުކުރެވި، އެކަނލާގެއަށް ބިރުވެތިވެއެވެ. އަދި އެއްވެސް ބޮޑާކަމަކާނުލައި ވީވަރަކުން ނިކަމެތި ފަޤީރުންނަށް އެހީތެރިވެދީ އަޅައިލެވެއެވެ. އަދި މެހެމާނުންނަށް ކަމޭހިތައި ފަރުދުންގެ މެދުގައްޔާއި ޖަމާޢަތްތަކުގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހި ފުދުންތެރިކަމާއެކުގައި އުޅެވެއެވެ.
ރޫޙާނީގޮތުން ލިބޭ ފައިދާތައް
ނަމާދުގައި މަޢުނަވީ ފައިދާތަކެއް އެކުލެވިގެންވުމާއިއެކު ރޫޙާނީ ފައިދާތަކެއްވެސްވެއެވެ. އިސްވެ ބަޔާންވެގެން ދިޔަ ސިއްޙީ، އަޚްލާޤީ އަދި ޢިޖްތިމާޢީ ފައިދާތަކަކީ ނަމާދުން ލިބޭ މަޢުނަވީ ފައިދާތަކެވެ. ދެން މިބަލައިލަނީ ނަމާދުގެ ސަބަބުން ލިބޭ ރޫޙާނީ ފައިދާތަކަށެވެ. މިކަމުގައި ވިސްނަންވީ ރޫޙާނީ ފައިދާތަކަކީ ތިމާގެ އަމިއްލަ ނަފްސަށް ނުވަތަ ފުރާނައަށް ލިބޭ ފައިދާތައް ކަމުގައެވެ. އެހެނީ ރޫޙާނީގެ މަޢުނައީ "ހަށިނެތް" ނުވަތަ "ފުރާނަ"އެވެ.
×     ދުނިޔެމަތީގައި އެއްވެސް ހާސްކަމަކާއި ކުރިމަތިލާން ނުޖެހުން.
ނަމާދުކޮށް އުޅުމަކީ އެމީހެއްގެ އީމާންތެރިކަން ވަރުގަދަވެ ﷲއަށް ތަޤުވާވެރިވުމަށް އެޅޭ ފާލަމެކެވެ. އެހެންވުމުން ދުނިޔެމަތީގައި ދިމާވާ ހިތާމަވެރި ކަންތައްތަކަކީ އަޅަމެން އިމްތިޙާން ކުރެއްވުމަށްޓަކައި ދިމާވާ ދަތިތަކެއްކަމުގައި ޤަބޫލުކުރެވި އެކަންތައްތަކުން ﷲ އަޅަމެން ދޫނުކޮށްލާނެކަން އީމާންތެރިކަމާއެކުގައި ޤަބޫލުކުރެވޭނެއެވެ. އަދި ހަމައެހެންމެ ނަމާދުކުރުމުގެ ސަބަބުން ﷲއާ ގާތްވެވިގެންދެއެވެ. އެހެންވުމުން ލިބޭ ނިޢުމަތްތަކަށް ޝުކުރުކޮށް ނަމާދުކުރުމާއި އެހެނިހެން ހެޔޮކަންތައް ކުރުމުގައި އިޚްލާސްތެރިކާމާއެކު ދެމިހުރެވެއެވެ. އެގޮތުން ނަފްސާނީގޮތުންނާއި ރޫޙާނީގޮތުން ނަމާދުކުރާ އަޅާ ވަރުގަދަވެ، ކިތަންމެ ބޮޑު މުސީބާތަކާއިވެސް ހިތްވަރާއެކު ކުރިމަތިލުމުގެ ފުރިހަމަ ޤާބިލިއްޔަތުކަން ލިބިގެންދެއެވެ.
×     ފާފަތައް ފުއްސެވުން.
ބަރާބަރަށް ނަމާދުކުރާނަމަ އެއްނަމާދު އަނެއް ނަމާދުގެ ދޭތެރޭގައި ކުރެވޭ ފާފަތައް ފުއްސެވޭނެކަމުގައިވެއެވެ. ނަމާދަކީ ތަސްބީޙަތަކެއްގެ މައްޗަށް އެކުލެވިފައިވާ އެއްޗަކަށްވުމުން ނަމާދުކުރެވޭ ހިނދުގައި ﷲއަށް މުނާޖާ ދެންނެވޭނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީޘްކުރައްވަނީ "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރާޙާލު އޭނާ އެވަނީ އޭނާގެ ވެރި އިލާހަށް މުނާޖާ ދެންނެވުމުގައެވެ." (ރަވާޙް ބުޚާރީ :531/ ޞަލާތް އެމްވީ އެޕުލިކޭޝަން، ނަމާދުގެ މުޙިއްމުކަން). އެކަމުގެ ސަބަބުން ﷲ ހަނދުމަވެ ތިމާއަށް ކުރެވޭ ފާފަތަކާމެދު ހިތާމަކުރެވި އެޔަށް ތައުބާވުމަށް ބާރު ލިބިގެންދެއެވެ. ނަމާދުގެ ތަސްބީޙަތަކުގައިވެސް ތިމާގެ ކުށްތައް އަފޫކުރެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވެއެވެ. މިސަބަބުތަކަށްޓަކައި ނަމާދުގެ ސަބަބުން ކުރެވޭ ފާފަތައް އަފޫވެގެންދެއެވެ. އެފާފަތައް ދެވަނަ ފަހަރަށް ނުކުރުމަށް ހިތުގައި ޢަޒުމްކަނޑައެޅެއެވެ.
×     ސުވަރުގެއަށް ދެވުމުގެ މަގު ފަހިވެގެން ދިއުން.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީޘްކުރައްވަނީ "އެނަމާދުތަކަށް ރައްކާތެރިވާމީހާއަށް ނޫރެއްކަމުގައްޔާއި، ބުރުހާނަކާއި ނަޖާތެއްކަމުގައި ޤިޔާމަތް ދުވަހުން އެ ނަމާދު ވާނެތެވެ." (ޞަލާތް އެމްވީ އެޕުލިކޭޝަން، ނަމާދުގެ މުޙިއްމުކަން) .ތިމާގެ ފާފަތައް އަފޫކުރުމީ ސުވަރުގެ ދެވެން މަގު ފަހިވާކަމެކެވެ. ނަމާދު ބަރާބަރަށް ވަގުތުން ވަގުތައް އަދާކުރުމުގައި ދެމިހުރެއްޖެ މީހަކަށް ޤިޔާމަތްދުވަހުން އަރުށީގެ ހިޔާވަހިކަން ލިބިގެންދެއެވެ. އެއީ ފުރަތަމަވެސް ހިސާބު ބެއްލެވޭ ޢަމަލަކީ ނަމާދުކަމުގައިވާތީއެވެ. ސުވަރުގެ ލިބޭނެ ބަޔަކީ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންކަން ބަޔާން ކުރަމުން ﷲ ސުބްޙާނަޙޫ ވަތަޢާލައި އަލްމުޢުމިނޫން ސޫރަތުގެ 9، 10، 11 ވަނަ އާތަޔުގައި ވަޙީކުރައްވަނީ "އަދި އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާމީހުންނެވެ. ވާރުތަވާ ބަޔަކީ އެބައިމީހުންނެވެ. އެބައިމީހުންނަށް ފިރުދައުސް ވާރުތަވެއެވެ. އެތާނގައި އެބައިމީހުން ދެމިތިބޭ ޙާލުގައެވެ."
ރިފަރެންސް:
އިބްރާހިމް ރަޝީދު މޫސާ، ފަސޭހަ ފިޤްޙް. 2009
އިސްމާޢިލް މަޢުރޫފް އިސްލާމީ ތަރުބިއްޔަތު ގްރޭޑް 9، 2006
މުހައްމަދު އިބްރާހިމް، ކިތާބުއް ޞަލާޙް، 2009 (އިބްރާޙިމް, 2009)
އަބްދުއް ސައްތާރު އަބްދުއް ރަޙްމާން، މޫސާ ނިޒާރު އިބްރާހިމް، އަޙްމަދް ފަހުމީ ދީދީ، އިސްލާމީ ތަރުބިއްޔަތު، 2009
އަފްރާޝީމް އަލީ، ނަމާދުގެ މާތްކަމާއި އޭގެ ފައިދާ، 2010
ބިބިލިއޮގްރަފީ:
އިބުން އަލް ޤައްޔޫމް، ހިއުމެނިޓީ އިން ޕްރޭޔަރ، 2003
އުޘްމާން އަބްދުއްﷲ، ދަރުމަ، 2004
ޢަލީ އަޙްމަދު، ދަރުމަ، 2005

No comments:

Post a Comment