ތަޢާރަފު:

އެތަކުރުފާނުގެ ސިޔަރަތުން ނުވަތަ ޤައުމީ ޖިހާދުން އަޅުގަނޑުމެން ޢިބްރަތް
ޙާސިލު ކުރުމުގައި ވިސްނައި ބަލަންވީ ތިން ކަމަކީ އެބޭފުޅަކީ ކޮބައިކަމާއި،
އެބޭފުޅާގެ ޤަޢުމީ ޖިހާދަކީ ކޮބައިކަމާއި އަދި އެކަންކަމުން އަޅުގަނޑުމެނަށް ލިބޭ ޢިބްރަތްތަކަކީ
ކޮބައިކަމާ މެދުގައެވެ.
މުޙައްމަދު ތަކުރުފާނު:
"އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް"އަކީ އުތީމު
ޙުސައިން ޚަތީބު ތަކުރުފާނަށާއި އިހަވަންދޫ އާމިނާދިއޯއަށް ލިބިފައިވާ ސިރީ
ސަވާދީއްތަ މަހާރަދުންގެ ކޮލީ ނަމުން ނަން ދެވިފައިވާ ހިތްވަރުގަދަ ކެރޭ ތޫނުފިލި ދިވެއްސެއްކަމަށް
އަޙުމަދު ޝަކީބު (1999) ވިދާޅުވެއެވެ. ތާރީޚީ ޢިލްމުވެރިން ދެކިލައްވައި ގޮތުގައި ބޮޑު
ތަކުރުފާނުގެ ޤަޢުމީ ޖިހާދު ފެށިފައިވަނީ އެބޭފުޅާގެ އެންމެ ތުއްޕުޅުއިރުން
ފެށިގެންނެވެ. (ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، 2014). އެހެންވުމުން އަޅުގަނޑުމެން
އެ ރަސްކަލުގެ ހަޔާތްޕުޅުން ޢިބްރަތެއް ޙާޞިލްކުރަން ބޭނުންވާނަމަ އެބޭފުޅާގެ އެންމެ
ތުއްޕުޅުއިރުގެ ސިޔާސަތަށް ވިސްނައި ދިރާސާކޮށްލަން ޖެހެއެވެ.
ނަސީމާ މުޙަމަދު ވިދާޅުވާ ގޮތުގައި އެންމެ ތުއްޕުޅުއިރުގައިވެސް ތަކުރުފާނު
އުތީމުގެ ތުނޑީކޮޅުގައި މަޅިފަތި ޖައްސަވައިގެން ދޫނި ހިއްޕަވައި އެދޫނިތައް
މިނިވަންކުރައްވައެވެ. ދިވެހިން މިކަމުން ދެނެގަންނަންވީ އަޅުގަނޑުމެންގެ ޅަދަރީން
ބަލައި ބޮޑުކުރުމުގައި އެކުދިންގެ ހިތްތަކުގައި ޤަޢުމީ ލޯތްބާއި މިނިވަންކަމަށް
ކުރާ ލޯބި އިތުރުކުރަންޖެހޭކަމެވެ. އަދި އެހެންމެ އެބޭފުޅާގެ ޝަޙުޞިއްޔަތުފަދަ މުޅި
ތިލަދުންމަތި ބިރުގަންނަފަދަ ވަރުގަދަ ޝަޙުޞިއްޔަތެއް ބިނާކޮށްދިނުމުގައި ކޮންމެ
މައެއް، ބަފައެއް އަދި ތިމާ އަމިއްލައަށްވެސް މަސައްކަތް ކުރަންޖެހެއެވެ. (ޝިއުނާ
އަޙުމަދު، 2009) ތަޢުލީމް އުނގެނޭ ދަރިވަރުން ވިސްނަންވީ އެބޭފުޅާފަދައިން
އެއިރަކު ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔަވަން ގަދައަޅައި މަސައްކަތްކުރުމެވެ.
އެބޭފުޅާގެ ޝަޙުޞިއްޔަތުގައި ހުރި އެންމެ ރަނގަޅު ސިފަތައްފަދަ ތޫނުފިލިކަމާއި،
ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާއި، އުޅުންތެރިކަމާއި، ރޭވުންތެރިކަންފަދަ މުޙިއްމު
ކޮންމެ ސިފައަކީ ކޮންމެ ދިވެއްސެއްގެ ގައިގާ ހަރުލައްވަންޖެހޭ މާތް ސިފަތަކެކެވެ. އަދި
ހަމައެޔާއެކު ދިވެހީން ބޮޑު ތަކުރުފާނުގެ ޙަޔާތުން ޢިބްރަތް ޙާޞިލްކުރަންޖެހެނީ އެބޭފުޅާގެ
ޙަޔާތުން ފުރިހަމަ ނަމޫނާއެއް ލިބޭތީއެވެ.
ޢިބްރަތުން ފުރިގެންވާ ޤައުމީ
ޖިހާދު:
ޕޯޗުގީޒުންގެ އަތްދަށުގައި ދިވެހިރާއްޖެ އޮތްއަތުމުގައި މުޙައްމަދު
ތަކުރުފާނު ކުރެއްވި އަގުނުކުރެވޭ ޖިހާދުންވެސް އަޅުގަނޑުމެން ދިވެހީންނަށް އެތަކެއް
ޢިބްރަތެއް ލިބިގެންދެއެވެ. އެގޮތުން އެބޭފުޅާ ފުރަތަމަވެސް ވިޔަޒޯރުގެ އިތުބާރާއި
ގާތްކަން ލިބިގަތެވެ. އެޔާއެކު އެބޭފުޅާއަށް މޭލެއިން އުތުރުގެ ކަތީބުކަން ލިބިވަޑައިގަތެވެ.
(ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 2005). މިކަމުން އަޅުގަނޑުމެނަށް
އެނގިގެން ދަނީ ކަމެއް ޙާޞިލްކުރެވޭނީ ބާރުގެ ބޭނުން ކޮށްގެން ނޫންކަމަށާއި ވިސްނުމާއި
ޙިކުމަތުގެ އަލީގައިކަމެވެ. އިސާހިތަކު ރަށްތައް ފަތަޙަކުރުމުގެ ބޭނުމުގައި، ވިޔަޒޯރުގެ
އެހީއާއެކު ކަޅުއޮށްފުއްމި ބެންނެވިކަމަށް މުޙައްމަދު ފާރޫކް (1986) ވިދާޅުވެއެވެ.
ކަޅުއޮށްފުންމީގައި އެބޭފުޅާގެ އާއިލާގެ ބޭފުޅުން މަލިކަށް ގެންދެވުމުން ދޭހަވަނީ އާއިލާއަށް
ބަހައްޓަންޖެހޭ އަހައްމިއްޔަތެވެ.
ތަކުރުފާނާއި އެހެން ފަހުލަވާނުން އުތީމުގައި އެކި ރޭވުންތައް ރާވައި ކަނދުވަލު
މިސްކިތުގައި އެބޭފުޅުން ފަތަޙައަށް އެދި ދެ ރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. (ރޯއީސުޓޮން
އެލިސް، 2000). މިކަމުން އަޅުގަނޑުމެނަށް
ސާފުވަނީ ކަމަކާ ކުރިމަތިލުމުގެ ކުރިން ރޭވުންތެރިކަމާއި ވިސްނުންތެރިކަން
އިސްކޮށް، އިސްވެރިއެއްގެ ދަށުން ކަންތައްތައް ނިންމަންޖެހޭކަމެވެ. ހަމައެހެންމެ ކޮންމެ
ކަމެއް ކާމިޔާބުވާނީ ﷲގެ އިރާދަފުޅުން ކަމަށްވާތީ އެކަލާނގެ ވާގިފުޅަށް އެދި ދުޢާކުރަންޖެހޭކަމެވެ.
އަދި ކަމެއް ތިމާ އަމިއްލައަށް ނިންމައި ނުލެވޭނެކަމާއި އެހެން މީހުންގެ އެހީއާއި
ލަފަޔަކީ ހޯދަންޖެހޭނެ އެއްޗެއްކަން ވަރަށް ފުރިހަމައަށް ޘާބިތުވެއެވެ.
އިބްރާހިމް ބިން އިސްމާޢީލް ފީބޯ (1957) ވިދާޅުވާގޮތުގައި ކަޅުއޮށްފުއްމީގައި
ގޯވާއިން ހަތިޔާރު ހޯދެއްވިކަމަށާއި ރާއްޖޭގެ ކަންކޮޅުތަކުގައި ޕޯޗުގީޒުން ގެންގުޅުނު
ހަތިޔާރުތައް އެއްކުރެއްވީ އެމީހުންގެ ބާރުކަނޑުވައިލުމަށެވެ. އަދި ކޮންމެ
ރެއެއްގެ ދަންވަރުގެ ވަގުތުގައި ރާއްޖޭގެ ރަށްރަށަށް އަރައި އެރަށުގައި ތިބޭ ކާފަރުންތައް
ޤަތުލުކޮށް، އެމީހުންނަށް ނުފެންނާނެ ހިސާބަށް އެނބުރިދަނީއެވެ. (އާމިނަތު ޒަޢީމާ،
2009). ވިސްނައި ފިކުރުކުރާ މީހަކަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާނެ މޮޅު ރޭވުމެކެވެ.
ކަމެއް އެންމެ ފުރިހަމައަށް ކާމިޔާބުވާނީ އެކަމެއްގައި އަޅުގަނޑުމެންނަށް
ކުރިމަތިވާނެ ގޮންޖެހުންތައް ފުހެލައިގެންނެވެ. އަދި މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއެކު
މަސައްކަތް ކޮށްގެންނެވެ.
ސިލްސިލާކޮށް ރަށްތައް ފަތަޙަކުރަމުން އައިއައުމުގައި އަލީތަކުރުފާނަށް ކަޅުއޮށްފުންމިއާ
ހަމައަށް ނާދެވުމުން، އެބޭފުޅާ ތަކަންދުއަށް ދޫކޮށް ތަކުރުފާނަށް ޖެހިވަޑައިގަތީ
ފުރުއްވާށެވެ. (ޙަބީބާ ހުސެއިން ޙަބީބް، 1988) ދަނޑިވަޅަކީ ނާޒުކު ވަގުތަކަށްވުމުން، ބައެއް ހާލަތުގައި އެންމެ ލޯބިވާ އެއްޗެއް ނުވަތަ
މުހިއްމު އެއްޗެއް، މީހެއް ދޫކޮށްލަން ޖެހުމަކީ ކުރަން ޖެހިދާނެ ކަމެއްކަން އަޅުގަނޑުމެން
ދިވެހީން ވިސްނަންޖެހެއެވެ. އަދި އެއްޗެއް ގެއްލުމުން އެކަމާ ހިތާމަކުރުމުގެ
ބަދަލުގައި ބޮޑު ތަކުރުފާނު ފަދައިން ކުރަން ފެށިކަމެއް ފަސްނުކޮށް ނިންމުން އެއީ
އެންމެ އެކަށޭނަ ރަނގަޅު ގޮތްކަން ދެނެގަންނަންޖެހެއެވެ.
ދިވެހީން، ތަކުރުފާނުގެ
ޤަޢުމީ ޖިހާދުން ޢިބްރަތް ޙާޞިލްކުރަންޖެހެނީ، އެބޭފުޅާގެ ޖިހާދަކީ ފުރިހަމައަށް ރާވައިލެވި ވިސްނުންތެރިމާއި
ހިތްވަރުގަދަކަމާއެކު އެންމެންގެ ދިރިއުޅުމަށާއި މުޅި ދިވެހިރާއްޖެއަށް ދެއްވި ހަދިޔާއަކަށްވުމުންނާއި
އެހަދިޔާ ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމުގެ ވާޖިބު
ދިވެހިންގެ ބޮލުގައި އެޅިފައިވާތީއެވެ. ދިވެހީން ބޮޑު ތަކުރުފާނުގެ މުޅި
ދިރިއުޅުއްވުމުން ޢިބްރަތް ޙާޞިލްކުރަންޖެހެނީ، އެބޭފުޅާގެ މުޅި ދިރިއުޅުމަކީ މި
ޤަޢުމުގެ ކޮންމެ ޢުމުރުފުރައަކަށް ޢިބްރަތުން ފުރިގެންވާ ދިރިއުޅުމަކަށް
ވުމުންނެވެ.
ނިންމުން:
ކޮންމެފަދަ މީހެއްގެ ދިރިއުޅުމާމެދު ވިސްނައި ފިކުރު ހިންގައިފިނަމަ އެކަމުން
ގިނަގުނަ ޢިބްރަތްތަކެއް ލިބިގެންދާނެއެވެ. އޭނާގެ ޙަޔާތުގައި ކޮށްފައި ހުރި
ރަނގަޅު ކަންތައްތަކުން ނަމޫނާ ލިބެއެވެ. އެޔާ ޚިލާފަށް ކޮށްފައިވާ ނުރަނގަޅު
ކަންކަމުން ދުރުހެލިވުމުގެ ފުރުޞަތު ލިބިގެންދެއެވެ. އެހެންވުމުން މުޙައްމަދު
ތަކުރުފާނުފަދަ ޤަޢުމީ ބަޠަލެއްގެ ދިރިއުޅުއްވުމުން އަޅުގަނޑުމެނަށް ޢަދަދު
ނުކުރެވޭހާ ގިނަގުނަ ޢިބްރަތްތަކެއް ލިބިގެންދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ.
އެގޮތުން އަޅުގަނޑުމެން ވިސްނައި ފިކުރުކޮށް ދިރާސާކުރަންވީ އެ އަބުޠާލާގެ ދިރިއުޅުމުގައި
ގެންގުޅެއްވި ސިޔާސަތެވެ. އެ މުޖާހިދުގެ އަގުމާތްވި ޖިހާދު ފެށުނު ހިސާބުން
ފެށިގެން ނަޞްރާއި ކާމިޔާބު ލިބުމަށެވެ. އަދި އެހުރިހާކަމަކުން އަހަރެމެންނަށް
ލިބިގެންދާ ޢިބްރަތްތައް ދިރާސާކޮށް ހޯދައި ބެލުމުން އަޅުގަނޑުމެންނަށް، އާދެ!
ދިވެހިންނަށް އޭގައި ހުރި ގިނަގުނަ ފިލާވަލުތައް ދަސްވެގެންދާނެއެވެ. އެބޭފުޅާގެ އަގުމާތްވި
ޤަޢުމީ ޖިހާދުން އެތަކެއް ޢިބްރަތްތަކެއް ޙާޞިލްވެގެންދާނެއެވެ.
ރިފަރެންސް ލިސްޓް:
1. ޢަބްދުލްޢަޒީޒް
ޖަމާލު އަބޫބަކުރު، (2014). ބޮޑުތަކުރުފާނު ޕޯޗްގީޒުން ބަލިކުރެއްވީ
ޙިކުމަތުޢަމަލީގެ ބޭނުން ކުރައްވައިގެންތޯ އެވެ؟ ނުވަތަ ހަމައެކަނި ބާރުގެ ބޭނުން
ހިއްޕަވައިގެންތޯއެވެ؟، ނެގީ: ފެބްރުވަރީ 7، 2016. http://www.fanvai.info/dhivehi/thaareekh/2353-2011-10-28-07-04-13އިން.
2. ޝިޢުނާ
އަޙުމަދު. (2009). ބޮޑު ތަކުރުފާނު. ޖަމާޢަތުގެ ޚަބަރު 362، 19-20.
3. އަޙުމަދު
ޝަކީބު. (1999). ބޮޑުތަކުރުފާނު. (ޕ.ނ).
4. ނަސީމާ
މުޙައްމަދު. (ތ.ނ). އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ
ސަވާދީއްތަ މަހާރަދުން، މާލެ: ޤައުމީ މަރުކަޒް.
5. ދިވެހިބަހާއި
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، (2005). އައްސުލްޠާނުލް ޣާޒީ
މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، މާލެ:
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
6. އާމިނަތު
ޒަޢީމާ، (2009). ބޮޑުތަކުރުފާނު، ނެގީ: ފެބްރުވަރީ 7، 2016. http://www.fanvai.info/dhivehi/thaareekh/463-2009-02-26-04-54-14އިން.
7. ޙަބީބާ
ހުސެއިން ޙަބީބް. (1988). މުޙައްމަދު ތަކުރުފާނު، ދަ ގުރޭޓް. (ޕަ.ނ).
8. ރޯއީސުޓޮން
އެލިސް. (2000). އަ ހީރޯ އިން ޓައިމް، ސިންގަޕޮރ: ޓައިމްސް އެޑިޝަން.
9. މުޙައްމަދު
ފާރޫކް. (1986). މުޙައްމަދު ތަކުރުފާނު ބައި ޞަލާހުއްދީން، މާލެ: ނޮވެލްޓީ
ޕުރިންޓާރސް އެންޑް ޕަބްލިޝާރސް.
10. އިބްރާހީމް
ބިން އިސްމާޢީލް ފީބޯ. (1957). ބޮޑުތަކުރުފާނު ވާހަކަ – ބުރާރު މުޙައްމަދު
ކިޔައިފައިވާ ގޮތަށް. (ޕ.ނ).
No comments:
Post a Comment