
ހިތަށް ކެތްނުވެގެން
އަހަރެންނަށް ރޮވުމުން އޭނާ އަހަރެންގެ ގާތުން މާފަށް އެދޭނެއެވެ. ލޮލުން ކަރުނަ
ފައިބައި ހާލުގައެވެ. ފަހުދަށް އެހެންވާ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން
އުފާވެރިކަމުގެ ކަރުނަ ނީރައިލައެވެ. އެއީ ދެން އެހެންނުވާނޭކަމަށް
ޤަބޫލުކުރަމުންނެވެ.
އެހެންނަމަވެސް އަޅައި ފޮޅިޔަކަށް އެއްވެސް ބަދަލެއް
ނާދެއެވެ. ދެތިން ދުވަހަށްފަހުން އެނެއްކާހެންވެސް އެކަން ތަކުރާރުވުން ނޫންކަމެއް
ނުވާނެއެވެ. އެހެނަސް އަހަރެމެންގެ ލޯތްބަށް އެއްވެސް ހީނަރުކަމެއް ނާދެއެވެ. އެއީ
މީސްމީހުންނަށް އަތްލެވޭނެ ހިސާބަށްވުރެއް މާއުހުގައިވާ އެއްޗެއްކަމުންނެވެ. މާއެތެރޭގައިވުމުން
ފެންނަން ނެތް އެއްޗަކަށްވާތީއެވެ.
ދުނިޔޭގެ އާދަޔަށް ނުވިޔެއްކަމަކު
މިއީ އަހަރެންގެ ހަޔާތުގެ އާދައެވެ. އަހަރެމެންގެ ގުޅުމާމެދު ދެޢާއިލާވެސް އެހާ
ރުހެއެވެ. "ކިޔެވުން ނިމިފައިވާނަމަ ދެކުދިންވެސް ގުޅިންގެން ކުރިއަށް ދާށޭ!"
އެއީ އަހަރެމެންގެ މައިންބަފައިންގެ އާބަހެވެ. ދެމީހުންމެދުގައި ކުދިކުދި
މައްސަލަތައް ޖެހުނެއްކަމަކު ގިނަ ދުވަސްތަކުގައި އަހަރެމެންނީ އެންމެ އެކުވެރި، އެންމެ ލޯބިލޯބިން އުޅޭ ޖޯޑޭ ބުންޏަސް ދޮގަކަށް
ނުވާނެއެވެ. ފެންނަ ކޮންމެ ލޮލެއް ހަސަދަވެރިކުރުވާނޭފަދަ ގުޅުމެކެވެ. އެއިން
ކޮންމެ ހަތަރު ލޮލަކީ އަހަރެމެންގެ ލޯތައްކަމުގައި ވާނަމައޭ ހިތާހިތާ ކިޔައިނެކަން
ޔަޤީނެވެ.
ކިތަންމެ އުފަލާއި
ހިތްހަމަޖެހުމާއި، ހެއްވާ މަޖަލުގައި ފަހުދާއެކު
ވަގުތުތައް ހޭދަކުރެވުނަސް އަހަރެންގެ ހިތާމެވެރި މޫނަކަށް އެއްވެސް ބަދަލެއް
ނާދެއެވެ. އެމޫނަކީ ހަމައެކަނި އަހަރެންނަށް ފެންނަ މޫނެކެވެ. ފަހުދު ދެރަވެދާނެތީ
އަހަރެން އެމޫނަކުން ފަހުދަކަށް ނުބަލަމެވެ. ފަހުދު ލޮލުން އެންމެ ކަރުނަ ތިއްކެއް
ވެއްޓިއްޖެނަމަ އަހަރެންގެ ލޮލުން ދެގުނަ ފައިބައިނެއެވެ. އޭނާ އުފާވާ ކޮންމެ
ވަގުތަކީ އަހަރެންގެ ހިތް އުފަލުން ފޮޅިލާ ވަގުތުތަކެކެވެ.
ފަހުދު
ހިތްހަމަނުޖެހޭ އެއްވެސް ކަމެއް އަހަރެންނެއް ނުކުރަމެވެ. ކުރާކަށެއް ބޭނުމެއްވެސް
ނޫނެވެ. އެކަމަކު ފަހުދު އަހަރެން ދެރަވާ ކަންތައް ކުރަނީ ކީއްވެބާއޭ ހިތަށް
އަރައެވެ. އެކަމާ ވިސްނެއެވެ. ދެރަވެވެއެވެ. ފަހުދު އަހަރެން ކިތަންމެ
އުފާކޮށްދިނަސް ފަހުދު ކޮށްލައި ކަމަކުން އަހަރެންގެ ހިތުގައި ޒަހަމް އުފެދެއެވެ.
ދުވަސްތަކެއްގެ ހަމަޖެހުމަށްފަހު އެކަން ތަކުރާރުވުމުން އަހަރެންގެ ހިތުގައި
އުފެދޭ ޒަހަމާއެކު ހިތުގައިވާ ލަކުނުތަކުގައި ވޭން އަޅައެވެ. އެއް ދުވަހުގެ
ހިތާމައަކީ ސަތޭކަ ދުވަހުގެ އުފަލާ އެއްވަރު އެއްޗެކޭ ބުނުމަކުން އަހަރެން
ފާފަވެރިއެއް ނުވާނެއެވެ. އާއެކެވެ. އެއީ އިންސާނާގެ ތަބީޢަތެވެ. ތަފާތަކީ އެކަން
ދަންނާނީ ގިނައިން ހިތާމަކުރާ މީހުން އެކަނިކަމަށްވުމެވެ.
އަހަރެން ހިތާމާގައި
ކެތްކުރަނީ ފަހުދުދެކެވައި ވަފާތެރި ލޯތްބެއްގެ ސަބަބުންނެވެ. ފަހުދު
އަހަރެންދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަހަރެން އެ ދެލޮލަށް ބަލައިލާ ކޮންމެ
ފަހަރަކު އަހަރެންނަށް އެކަން ޔަޤީންވެއެވެ. ހިތާމައަކީ މީހެއްގެ ތަބީޢަތުގައި
ހަރުލައިފައި ހުންނަ ކަންތައްތައް ފަސޭހައިން ފިލުވައި ނުލެވޭތީއެވެ. ހުދުކުލައިގެ
ގަމީހުގައި ކިހައްޑިހަ ޖެހިއްޖެނަމަ އެ ގަމީހުގެ ބޭނުންމެއް ނޯންނާނެއެވެ.
ފަހުދަށްޓަކައި އަހަރެންގެ މުޑުދާރު ހެދުންތައް އައު ކުރިނަމަވެސް ފަހުދަށް އެކަން
ކުރުން އެއީ އުނދަގޫކަމެކެވެ. ޤަބޫލުކުރަމެވެ. ފަހުދު މަޑުމަޑުން ރަނގަޅުވެއެވެ. ނަމަވެސް
ގެއްލިއްޖެ ވަގުތަކީ އަނބުރައި ލިބޭނެ އެއްޗަކަށްނުވުން އެއީ އަހަރެންގެ ބަދު
ނަސީބުކަމުގައި މީހަކު ބުނެދާނެއެވެ. އަހަރަން ހެއްދެވި ފަރާތް ވޮޑިގެންވަނީ
ކެތްތެރިންނާއެކު ކަމަށްވާތީ ކެތްކުރާ މީހުންގެ ތެރެއިންވުމުގެ އުއްމީދުގައި މަޑުކޮށްލައިގެން
ހުރީއެވެ. ނޫނެކެވެ. އެނދުގައި އޮތީއެވެ.
ހިތާމައިގެ ސަބަބުން
އަހަރެން މިއަދު މިއޮތީ އެނދުމަތިކޮށްފައެވެ. އަހަރެންގެ ގާތުގައި މަންމަ ބޯ
ޖަހައިލައިގެން އޮތެވެ. ފަހުދުގެ ކޮލެޖް ދަތުރުގައި މާލެއިން ބޭރަށް ދިޔަތާ
ހަފްތާއަކަށްވާން ދެންހުރީ އެންމެ ދުވަހެކެވެ. ފަހުދު ފުރުމުން އަހަރެން ފަހުދަށް
ފޯނުކުރީ ކިހާވަރަކަށްކަމެއް ނޭނގެއެވެ. ލިޔެވުނީ ކިތައް މެސެޖްކަމެއް ނޭނގެއެވެ.
ފޮނުވުނީ ކިތައް ވައިބްކަމެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އަހަރެންނަށް
ފަހުދުގެ ކޯލެއް، މެސެއްޖެއް ނުލިބުނުތާގައި ވައިބެއްވެސް ނުލިބޭކަމެވެ. ފޯނު
ހިފައިގެން އެކިތަންތަނުގައި އެކި ގޮތަށް އިންތިޒާރުކުރީމެވެ.
ފަހުދުގެ ހާލު ނޭނގުމުން
އެކަމާ ފިކުރުކުރަން މުޖުބޫރުކުރުވިއެވެ. ފަހުދުގެ މަންމައަށްވެސް ގުޅީމެވެ. ގުޅި
ބޭނުން ނުފުދި އުޅެނިކޮށް ފޯން ބާއްވަން ޖެހެނީ ފަހުދު ރަނގަޅޭ ބުނަމުންނެވެ.
އެދެވޭ ނަތީޖާއެއް ނުކުންނާނީ ފަހުދު މަންމައަށްވެސް ގުޅައިނަމައެވެ. ފަހުދު
ގުޅިޔަސް މަންމަ ގާތުގައި ފަހުދު އަހަރެންނަށް ނުގުޅައި ވާހަކަ ބުނާކަށެއް
ނުކެރޭނެއެވެ. އަހަރެން މިހަލާކުވަނީ އަހަރެން އަމިއްލައަށޭވެސް ބުނެވިދާނެއެވެ.
އަހަރެންނަށްވުރެއް ބޮޑު މޮޔައެއް މިދުނިޔޭގައި ހުރެދާނެބާއޭވެސް ސުވާލު
އުފެދެއެވެ. އެތަކެއް އިންތިޒާރަކަށްފަހު އެންމެފަހުން އަހަރެންގެ ހާލު
ދެރަވީއެވެ.
އިންސާނަކަށް
ކެތްކުރެވޭނީ ވަކިވަރަކަށޭ ބުނެ ވާހަކަ ދައްކައި އަޑުވެސް އަހަމެވެ. ފަހުދާ
ދިމާއަށް އެހެން ބުނަންވެސް ހިތަށް އަރައެވެ. އަނގަވެސް ހުޅުވައިލަމެވެ. ހަމަ
އަހަރެންގެ ހަށީގައި އެ ހިތްވަރުނެތީއެވެ. ބުނުމަކުންވެސް ކުރާނެ ފައިދާއެއް
ނެތެވެ. ކުށްވެރިވާނީ އަހަރެންނެވެ. ބުނުމަށްވުރެއް ނުބުނުންވެސް އަހަރެންގެ
ހިތަށް މާ އަރާމެވެ. އިތުރަށް ހިތާމަކުރާނެ ކަރުނައެއް ނެތެވެ. އަހަރެން ދެރަވުމުން
ފަހުދު ދެރަވާތަން ބަލާނެ ލޮލެއް ނެތެވެ. ފަހުދަށް ހިތްވަރުދީ ނަސޭޙަތްދޭނެ
އަނގައެއް ނެތެވެ. އެކަކު އަނެއްކަކުގެ ރުހުން
ހޯދަން މަސައްކަތްނުކުރާނަމަ މިފަދަ ދެރަގޮތެއް މެދުވެރިވެދާނެއެވެ.
އަހަރެންނަށް
އަހަރެންގެ އަމިއްލަ ހިތާމަތައް ކެހިދެނީއެވެ. ސިކުޑި ގޯސް ކުރަނީއެވެ. މެޔަށް
ތަދުވަނީއެވެ. ހިތްފަޅައިގެން ދަނީއެވެ. ނޫނެކެވެ. ނިކަމެތި ހިތުގެ ނާރުތައް
ފަޅައިގެން ދާން އުޅޭހެން ހީވަނީއެވެ. ލޭގެ ހިނގުން ލަސްވަނީއެވެ. ނޭވައިލާން
ދަތިވަނީއެވެ. ލޯ މައްޗަށް އަނދިރިވަނީއެވެ. މަގޭ ލޯބިވާ ފަހުދެވެ. އަހަރެންނަށް
މާފުކުރާށެވެ!
No comments:
Post a Comment