
އެ ލުއިލުއި ހިނިތުންވެލުމެވެ. އެ ޗޮކްލެޓްކުލައިގެ ބޮޑު ކަޅި އެވެ. އެ ބޮޑެތި ރާޅު ނަގައިފައިވާ އިސްތަށިގަނޑެވެ. އެ
ކުރުކުރު އޮފް ތުބުޅިއެވެ. އެ ރީނދޫކަންގަދަ ހަންގަނޑެވެ. އެ ފުޅާ ބައިމައްޗެވެ.
އެ ހަމަހަމަ ރީތި އިސްކޮޅެވެ. އެއީ އެފަދަ ދެވަނައެއް ނުވާ ރީތި ޒުވާން ފިރިހެން
ކުއްޖެކެވެ. އަންހެން ކުދިންގެ ހިތްތަކާ ކުޅެލެވޭނެވަރުގެ މޮޅު ޖާދޫގަރެކެވެ.
ނިޒާމްގެ ފަހަތުން އަންހެންކުދިން އަބަދުވެސް ހޫރިލަ ހޫރިލާ ތިބެއެވެ.
އޭނާގެ ހިތް މިލްކުކުރަން ނުކުރާ
ކަމެއްނެތެވެ. ކުރެވެން ހުރި ހުރިހާކަމެއް ކުރަމުންގެން ދާތަން އަހަރެން ދެކެމެވެ.
ނަމަވެސް އޭނާގެ ލޯބި ކާމިޔާބު ކުރެވޭނެ ވަރުގެ ސިހުރުވެރިއަކު މިއިހަވަންދޫއަކު
ނެތެވެ. ނިޒާމް "ކޮލެޖަށް" ވަންނަ ވަގުތުގައި އިސްތިޤުބާލްގައި އަންހެންކުދިން
ފުނި ނުޖެހޭ ދުވަހެއް ނުދެއެވެ. އަހަރެންގެ ހިތުގައިވެސް އޭނާއަށްޓަކައި ބިންދެވި، ޢިމާރާތަކަށް އާދޭސްކުރެވެއެވެ. އެހެން ނަމަވެސް
އެހެން ކުދިން އުޅޭ ގޮތަށް އުޅެން ދާކަށް އަހަރެންނަކަށް ނުކެރޭނެއެވެ. އެހެން
ކުދިން އަތުގައި ލަދުގަންނާނެ ފައިސާ ނެތަސް އަހަރެންނަކީ ލަދުގަންނަ، ޖެހިލުންވާ،
ނުކެރޭ މީހެކޭ ބުނެވިދާނެއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެއޭ ބުނާ އަޑުވެސް
އަހަރެން އަހަމެވެ. ނަމަވެސް އަހަރެންނަކަށް ތަދުފިލުވާނެ ބޭހެއް ނުލިބުނުތަނުގައި
އެކަން ކުރާނެ މަގެއްވެސް ނުފެނުނެވެ.
އެއްދުވަހެއްގެ ހިތްގައިމު ހެނދުނެވެ. ޕުރޮފިސަރ
ޖުނެއިދުގެ "ލެކްޗަރ" އަޑުއަހަން އަހަރެން ތަންކޮޅެއް އަވަހަށް ދިޔައީ
ފިލާވަޅުތައްވެސް ނިންމަން ޖެހޭތީވެޔާއެކުގައެވެ. ފިލާވަޅުތައް ހެދުމައިގެން
މަސްއޫލުވެގެން އުޅެނިކޮށް، އެކަމުން އަހަރެން ބަރީއަކޮށްލީ އިވޭތޯ ދުޢާކުރަމުން
ދިޔަ އަޑެވެ. މަޑުމޮޅި ރީތި އަޑެކެވެ. ބޭއިޚްތިޔާރުގައި އިސްއުފުލައި
ބަލައިލެވުނެވެ. އެއީ ހަނދުފަދަ އަލި މޫނެކެވެ. އަހަރެންގެ ހިތުގައި ކުޅެލީ
މިއުޒިކެއް ކަންނޭނގެއެވެ. އަހަރެންގެ ދެތުންފަތް ކުޑަކޮށް ދުރުވެލިއެވެ.
އެކަމަކުވެސް އަޑެއް ބޭރެއް ނުވިއެވެ. ހައިރާންވީއެވެ. ހިތްބާރަށް ތެޅެން ފެށީ
އެވެ. ވާނުވާ އޮޅުނީ އެވެ. އެއީ ހަމަ ޖާދުވީ އަޑެކެވެ. ދެވަނަ ފަހަރަށްވެސް ވާހަކަ
ދެއްކީ ނިޒާމެވެ. އަހަރެންގެ ލޯ ތަންމިނަށް ހުޅުވުނެވެ. އޭނާ އެދެމުންދިޔަ ކަމަށް
އުފަލުން ބޯ ޖަހައިލެވުނެވެ.
އަހަރެން ކައިރީ ނިޒާމް އިށީދެގެން އިދެ މަދު
މަދުން، މަޑު މަޑުން ތަޢާރަފްވަމުން ދިޔައެވެ. އަހަރެންގެ ނިތްކުރިން ހިއްލަމުން
ދިޔަ އޮއް ދާތަކުގެ ސަބަބުން އަހަންނަކަށް އަނގަޔަކުން ނުބުނެވުނެވެ. ބާމަނެއް
ފަދައިން ދައްކަމުން ދިޔަ ވާހަކަތަކައް ބޯ ހޫރުވާލައި، ބޯ ޖަހަމުން ގެންދިޔައީއެވެ.
ބައެއް ފަހަރަށް ނިޒާމް ކޮށްލައި ސަމާސަތަކައް ލަދުން އިސްޖަހައިލެވެއެވެ.
ބާރުކޮށް ފިއްތައިގެން އިންނަ ދެތުންފަތް ދޫވެ، ދަތްތައް ދައްކާލެވެ އެވެ. ބައެއް
ފަހަރަށް ބޭ އިޚްތިޔާރުގައި ނިޒާމްގެ ޖާދުވީ މޫނަށް ބަލައިލެވެއެވެ. ވައި އަޑަކުން
ވާހަކަ ދެއްކިޔެއް ކަމަކު، އަހަރެންނަށް އެ ހުރިހާ ބަސްތަކެއް ވަރަށް ސާފެވެ. ހިތްގައިމެވެ.
ދެގަޑިއިރުގެ "ލެކްޗަރ" ދެ ސިކުންތުގެ ސުކޫތަކަށް ބަދަލުވެގެން ދިޔައެވެ.
ނިޒާމް ގޮޑިން ތެދުވަމުން، ރޭނގަޑުގެ ނުވައެއްގައި
"ހޯހޯ ސުކޫޕަށް" ދިޔުމަށް އަހަރެންނަށް ދަޢުވަތު ދިނެވެ.
ގަޑިއަށް ބަލައިލެވުނެވެ. އަދިވެސް ނުވައެއް
ޖަހާކަށެއް ނުވެއެވެ. ގަޑީގެ ސިކުންތުކަށި ނުހިނގައި ހުއްޓި ހުންނަހެން ހީވުމުން
ފޯނުގެ ގަޑިއަށް ބަލައިލެވެނީވެސް މަދެއްކޮށެއް ނޫނެވެ. ހެދުމެއް ނަގަންވެގެން އަލަމާރިޔާ
ހިސާބަށްވެސް ދެވިއްޖެއެވެ. އެކަމަކުވެސް ނަގާނެ ހެދުމެއް ނޭނގިގެން
އެތަނުގައިވެސް ވަގުތުތައް ފެނަށް ވެގެންދަނީއެވެ. ފަހަރަކު ހެދުމެއް ނަގައި
ގައިގާ ޖައްސާލުމަށްފަހު ފަރިބަލައިލެވެއެވެ. ކަމުނުގޮސްގެން އެނދުމައްޗަށް
އެއްލާލެވެނީ އެވެ. ލާނެ ހެދުމެއް ނޭނގިގެން ހެދުންތައް އެތަން މިތަނަށް އުކަން ފަށައިފީމެވެ.
އެންމެ ފަހުން މަންމަ ކައިރީ އަހައިގެން، މަންމައަށް ކަމުދާ ރަތްކުލައިގެ ޒަމާނީ
ހެދުމެއް ނަގައި އިސްތިރި ކާތައިލީމެވެ. ފުންނޭވާތަކެއް ލުމަށްފަހު ހެދުން
އެނދުމަތީ ބާއްވައި ފެންވާރާލުމަށްޓަކައި ފާޚާނާއަށް ވަނީމެވެ. ކޮންމެ
ފެންތިއްކެއްވެސް އައިސް އަހަރެންގެ ގައިގާ ޖެހެނީ ވަރަށް މަޑުންނެވެ. ފެނުގެ
ފިނިކަން އިޙްސާސްކުރެވެމުން ދިޔުމުން ލޯ މަރައިލެވުނެވެ. ނިޒާމްގެ ސޫރަ ހިތުގައި
ކުރަހައިލެވުނެވެ. "ބިލިގާގައި" އެ ސޫރަޔަށް ބަލައިލަ ބަލައިލާ
އޮތެވުނެވެ. ޚިޔާލީ ދުނިޔެއެއްގަ އެވެ. ނިޒާމާއެކު ވަގުތުތައް ހޭދަކުރާނެ
ގޮތްތަކާމެދު ވިސްނާށެވެ.
ވަގުތު ކުޑަތަންވަމުން އެބައާދެއެވެ. ނުވަޔަކަށް
ބޮޑުކަށި އަރާން ތައްޔާރުވަމުން ދިޔައިރު ރީތިވެލައިގެން ކޮޓަރީގެ ކަންކަނަށް
ހިނގައިލަ ހިނގައިލާ ހުރީމެވެ. ލޯގަނޑުން މޫނު ބަލައިލާ މޫނުގެ "މޭކަޕް"
ފުރިހަމަކޮށްލެވެއެވެ. ހެދުމުގެ ފަސްބައިގައި ދެއަތުން އަތް ހާކާލެވެއެވެ. ދެއަތް
ދެއަތައް ބޯ އަރިކޮށްލައި އަމިއްލައަށް އަމިއްލަގެ ރީތިކަމާމެދު ފަޚުރުވެރިވެ
ވެއެވެ. ސެންޓުފުޅި ނަގައި މުޅިގަޔަށް "ސެންޓް" ބުރުވައިލީމެވެ. ކޮޓަރިން
ނުކުތީ ނައިސްގެން އުޅޭ ވަގުތު އައިސް ޖެހުމުންނެވެ.
"ސުކޫޕާ" ދިމާއަށް އަޅަމުން ދިޔަ
ފިޔަވަޅުތައް އަވަސްވަމުން ދިޔަ ވަރަކަށް ހިތުގެ ތެޅުންވެސް އަވަސްވަމުން
ދިޔައެވެ. ސިކުޑީގައި އުފާވެރިކަމުގެ ޚިޔާލްތައް އެބުރެމުން ސެބުރެމުންދެއެވެ.
އަހަރެންގެ އިންތިޒާރުގައި، ރީނދޫކުލައިގެ ގަންޖުފަރާހެއް ލައިގެން އެހުރީ ނިޒާމްއެވެ.
އޭނާގެ އަތުގައި ރަތް ކުލައިގެ ފިނިފެންމަލެއް އޮތެވެ. ކައިރިއަށް ގޮސް ހުއްޓުމުން
ނިޒާމްގެ ގަޔަށް ޖަހާފައިވާ "ސެންޓުގެ" ވަސް ނޭފަތައް އަރައި އެވަހުގައި
އާވާރާވެވުނެވެ. ނިޒާމް ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު، އަހަރެންނާ
ދިމާއަށް ފިނިފެންމާ ދިއްކޮށްލުމުން އެއްވެސް ޖެހުލުމެއްނެތި، އެމަލުގައި ހިފީ
"އައިލަވް ޔޫ ޓޫ އޭ" ބުނަމުންނެވެ.
ހަޔާތުން އައު ބާބެއް ފެށުނީއެވެ. ނިޒާމްގެ
މުއްސަނދި ދިރިއުޅުމުގެ ފޮނިކަމުގެ ރަހަ ކަރުތެރޭގައި އަބާދާ އަބަދުމެ ހުރެއެވެ.
ކިޔެވުމުގެ ރޫޙު މަޑުމަޑުން ދުރަށްގޮސް މުޅިންހެން ގެއްލިގެންދަނީއެވެ. ވަގުތުތައް
ހޭދަކުރަމުންގެންދަނީ އުފަލާއި ހިތްހަމަޖެހުމާއެކުއެވެ. ނިޒާމްގެ އެހީތެރިކަމާއި
ރަނގަޅުކަން ލޮލަށް ފެނިފެނި ހުރެއެވެ. ދުވަސްތައް ފާއިތުވަމުން ދަނީ އަހަރެން
ބޭނުންވާ ގޮތަށެވެ. ބޭނުންވާ ހަޔާތުގެ ބައިވެރިޔާއެކުގައެވެ. ބޭނުންކަމެއް
ކުރަމުންނެވެ.
ހަފްތާއަކަށް ވުރެއް ގިނަދުވަސްތަކެއް
އަހަރެމެންގެ ގުޅުމަށް ވީއިރު، ގުޅުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވެއެވެ.
ނިޒާމުގެ ކައިވެންޏަށް ބޭނުންވާން ފެށިއެވެ. ލިބެމުން ދިޔަ ލޯބި އިތުރުވުމަށް
އެދެވެން ފެށިއެވެ. އެހެންނަމަވެސް ނިޒާމް އަހަރެންނާ ރައްޓެހިވީ ކައިވެންޏަކާ
ހިސާބަކަށް ދިއުމަކަށެއް ނޫނެވެ. ހަމައެކަނި ލޯބީގެ ގޮތުން މާތަކެއް
ފޮޅުވާލުމަށެވެ. އެ މާތަކަށް ދުވަސްވުމުން މިލާ މޯޅިވާ ބީދައިން އަހަރެންވެސް
މޯޅިވެއްޖެއެވެ. ބިމައްވެއްޓުނީ އަޅާލާނެ މީހަކު ނުލިބި އެވެ. ނިޒާމަށް އެއީ އެހާ
ބޮޑުކަމެއް ނޫނެވެ. ކުރިން އުޅެމުން ދާގޮތައް ދުވަސްތަސް ކަނޑަތުކުރަމުން ދަނީއެވެ.
އެހެން ނަމަވެސް އަހަރެންގެ ލޮލުން ކަރުނަތައް ފައިބަފައިބާ ހުރެއެވެ. އެތައް
ފަހަރަކު އޭނާގެ ފައިބުނޑަށް ދިޔައީމެވެ. އެހެންނަމަވެސް ނިޒާމް ދިޔައީ އެހެން
ކުދިންނާއެކު އެކުދިންގެ ވަގުތީ ހަޔާތުގެ ނާގައެވެ. އުފާކުރި ދުވަސްތަކުގެ
ބަދަލުގައި ހިތާމައިގެ ދުވަސްތަކެއް ލިބުނީއެވެ.
ފެށުނު އައު ބާބުގެ ސަފްޙާތައް ދޫކޮށް އައު
ފެށުމަކުން އަލުން ބަލުން އަހަރެންގެ ދިރިއުޅުން އާރާސްތުކުރީމެވެ. ކިޔެވުމަކީ
މައިގަނޑު ކަމަކަށް ދެކި، ކިޔެވުމުގެ ދިރިއުޅުމަށް ފުންމާލީމެވެ. މައިންބަފައިން
ހިތްހަމަ ޖެހޭ ވަރުގެ ރަނގަޅު ނަތީޖާއެއް ހޯދައި، މޮޅު މީހަކަށް ވުމުގެ
ބޭނުމުގައެވެ. ނުލިބުނު ފިލާވަޅުތައް އެކިގޮތްގޮތުން ހޯދައި، ދިރާސާކޮށް މުޠޯލިޢާ ކުރުމުގައި ދެމިހުރީމެވެ.
ހުރިހާ އުފަލެއް ޤުރުބާން ކުރަމުން ދިޔައީ ހަމައެކައެކަނި އެބޭނުމުގައެވެ. ނިޒާމް
ނުލިބުމުންނެއް ނޫނެވެ. ނިޒާމް އަހަރެންނަށް މޫނު އަނބުރައިލިގޮތައް އަހަރެންވެސް
އޭނާއަށް މޫނު އަނބުރައިލީމެވެ. އޭނާގެ ރީތިކަން ކިތަންމެ ސާފަސް، އެތެރެއިން އެއީ
އެއްވެސް މީހެއް ނޫނެވެ.
ހިތްމަތާއެކު މަސައްކަތް ކުރުމުގެ ނަތީޖާތައް
ލޯމައްޗަށް ފެންނަމުން ދިޔައީ މޫނަށް އަލިކަމާއި އުފާވެރިކަން ގެނެސް ދެމުންނެވެ.
ލިބުނު ކާމިޔާބީގެ އިނާމްތަކާއި، ތަށިތަކުގެ އިތުރުން ވަޒީފާތައްވެސް މަތިން އޮހޭ
ކަހަލައެވެ. ހިތާމަ ތަކުގެ މައްޗަށް ފަސްއަޅައި އެ ފޮރުވާލީމެވެ. ބޭކާރު ކަންތައް
ތަކުން ބަރީއަވީމެވެ. އަމިއްލަ އޮފީހެއްގައި މަސައްކަތްކޮށް ރަނގަޅު އާމްދަނީއެއް
ހޯދަމުން، ދިރިއުޅުމުގައި
އުފަލުން ކުރިޔަށް ދިޔައީމެވެ. ހުރިހާ ކަމެއްވެސް އެއްދުވަހުން އަނެއްދުވަހަށް
އާރޯވެ ތާޒާވަމުން ދިޔައީވެސް ބުނަންނޭނގޭހާވެސް ބާރުމިނެއްގައެވެ.
"މަންމާ!" ޚިޔާލްތަކުގެ
ފުންކަނޑު، އަހަރެންނާ
ދުރުކޮށްލީ އަހަރެންގެ ލޯބިލޯބި ދަރިފުޅު، ނަފާއެވެ. ނަފާގެ ފަހަތުން އަހުމީ،
ހުދުދަތްތައް ދައްކާލައިގެން ހުރެ އާދެއެވެ. ހިނިތުންވުމެއް ފިރިމީހައަށް ދެމުން
ދަރިފުޅާ ދިމާއަށް ދެއަތް ދިއްކޮށްލީމެވެ. ދަރިފުޅު އުރައިލައިގެން ޖޯލިން
ތެދުވަމުން އެ ރީނދޫކުލައިގެ ކޮކާލާ ދިމާއަށް ބަލައިލީމެވެ. އެއިރު އޭތި،
ރަތްފިނިފެންމާތަކުން ފޮނިބޮއިލާފައި އެމާތަކާ މާ ދުރައް މިސްރާބް ޖަހާފިއެވެ.
ނިޒާމްވެސް "ކޮލެޖުގެ" ކުދިންތައް އޭނާގެ ސޫރައިގައި ޖައްސާ، އެކުދިންތަކަށް މޮޅިވެރިކަން ދީފައި މާ ދުރަށް
ގޮއްސިއެވެ. ހަމަ އެކޮކާލުގެ މިސާލަށެވެ. އޭނާ ވީ ނިމުމެއްނުވާ ލޯތްބެކެވެ.
އުޅެމުން ދިޔައީ އުފަލެއް ނުވާ ދިރިއުޅުމެކެވެ.
No comments:
Post a Comment