ހަނދުވަރުދޭ
ހިތްގައިމު ފިނިފިނި ރެއެކެވެ. ވާރޭވެހުމުގެ ސަބަބުން މުޅި ވެށި ވަނީ ފިނީގެ
ތެތްކަމުން ފުސްކޮށްލާފައެވެ. ރާޅުތައް އައިސް ގޮނޑުދޮށަށް ބިންދާލައި އަޑުނޫން
އެހެން އަޑެއް މާހައުލަކުން ނީވެއެވެ.
މޫދު ކައިރިން
ގޮނޑުދޮށުގައި ނިފޫ ހިނގަމުންދިޔައީ އެހަނދުވަރުގެ އަލީގައެވެ. އޭނާ ލައިގެންހުރި
ގަދަ ނޫކުލައިގެ ހަވީރީ ދިގު ހެދުމުގެ ފަސްބައިވަނީ މޫދުގެ ލޮނުގަނޑުން ތެމި
ފޯވެފައެވެ. ހިމަ ހޯޅި އެއްއަތުގައި ފުންނާބު އުސް (ހައި ހީލް) ފައިވާނެއް އޮތެވެ.
ކަނާއަތުގައި އޮތް ރަތްކުލައިގެ ފިނިފެންމަލުގައި ނިފޫގެ ހިމަހިމަ ދިގު ނޭފަތުގެ
ކުރި ޖައްސާލައި ވަސްބަލާލައެވެ. އެ ދިގު ކަޅު ކުލައިގެ އެސްފިޔަތަކުގެ އެހީގައި
ދެލޯ މަރާލެވެނީ ފިނިފެންމަލުން ދުވާ މީރުވަހުންނެވެ. އެދޮންދޮން މޫނަށް އެޅިފައި
ހުރި ހަނދުގެ ފަނޑު އަލިވެސް، އެމޫނުގައި
ބޮސްދީފައި ނޫނީ ނުދާނެއެވެ. ރަތްކުލައިން ފަވާލެވިފައިވާ ނިފޫގެ ތުންފަތަށް
ވެރިވެފައިވާ ހިނިތުންވުމުން އޭނާ ގޮނޑުދޮށުގައި ހިނގަމުން ދިޔައީ އެއްވެސް
ބިރެއްނެތިކަން އެނގެއެވެ. އޭނާގެ ފަންފަން އިސްތަށިގަނޑު އޮތީ ކުރި މައްޗަށް
ވާގޮތަށް ދޫކޮށްލާފައެވެ.








