Thursday, October 24, 2013

ވޯޓް


 މިއަންނަ ހޮނިހިރި ދުވަހަކީ ދިވެހިރާއްޖޭގެ ރައީސް ހޮވުމަށްޓަކައި ވޯޓް ލާން ހަމަޖެހިފައިވާ ދުވަސްކަމުން އެދުވަހައްޓަކައި އެތައް ބަޔަކު ތައްޔާރުވަމުން އެބަދެ އެވެ. ބައެއް މީހުން ގޭގޭގެ ފާރުތަކުގައި ކުލަތައް އުނގުޅަމުން ދިޔައިރު، އެއްބަޔަކު ދިދަ ފަތިތައް ދެމުމުގައި ފޯރި އަރުވާލައިގެން އުޅެއެވެ. އެހެން ބަޔަކު އަޑުގަދަ ކުރާއިން ލަވަތައް ޖަހަމުންދެ އެވެ. އަދި މިވަރަކުން ފުއްދާލެވޭކަށެއް ނެތެވެ. އަތިރިމަތީގައި ހުރި ބުރުތަކުގައި ސިކުންތަކުން ސިކުންތަކުން ކުލަ ބަދަލުކުރުމުގެ، ކުލަ އަރާރުމެއްވެސް އުފެދިފައިވެ އެވެ. މި ހުރިހާ މަންޒަ ރެއް ހިނގަމުން ދިޔައިރު މާޖީ މިހުންނަނީ އެހުރިހާ މަންޒަރުތަކަށް ވަށްބަހުން ޖަހަން ތަންކޮޅެއް ދުރުގައެވެ. ސަބަބަކީ އޭނާއަކީ މިއަހަރު އަށާރަ ފުރުނު މީހަކަށްވުމުގެ އިތުރުން ސިޔާސީ ކުލަ، އޭނާގެ ގައިގާ ނުޖެހި ހުރީމަ އެވެ.
   އުޅުމުގައި ސަމާސަގޮތެއް ހުންނަ މާޖީއަކީ އަބަދުވެސް އައު ކަންތަކަށް ސަމާލުކަން ބަހައްޓައި އެކަންތައްތައް ކުރާ މީހެކެވެ. އަދި މީހުން ގޮއްވުމާއި މީހުންނަށް ކުދި ކިޔުމަކީ އޭނާގެ ކަށީގައި ހަރުލާފައި ހުރި ކަންތައްތަކެވެ. މިހުރިހާ ސިފަތަކުގެވެސް މަންމަ ކަމަށް ވެގެންދަނީ ފޮނި ދެއްކުމާއި ސަޅިވުމެވެ. މިފަހަރުވެސް މާޖީ ރާވަމުންދިޔައީ މީހުން އެއްގޮތަކަށްވެސް
ނުކުރާކަމެއް ކުރުމަށެވެ. އެއީ އެންމެ ފުރަތަމަ ރަށުގައި ވޯޓުލީ މީހާގެ ޝަރަފް ހޯދުމެވެ. މިކަމަށް ތައްޔާރުވަމުން އަންނަތާވެސް އެތައް ދުވަހެއް ވެދާނެ އެވެ. އެހެންނަމަވެސް މާޖީއަށް އެކި ގޮތްގޮތުން މިފަހަރު، ފުރަތަމަ ވޯޓު ލީ މީހަކަށް ވުމަށްޓަކައި މީސް މީހުން މަސައްކަތް ކުރާކަމަށް މައުލޫމާތު ލިބުނެވެ.
   މެންދަންވެ ހަމަހިމޭން ވެއްޖެ އެވެ. މާޖީ މިސްރާބް ބަހައްޓާފައިވަނީ ސީދާ ސުކޫލާ ދިމާއަށެވެ. އެއިރުގަޑިން ތިނެއް ޖަހަން ފަސް މިނެޓް ހުއްޓެވެ. މާޖީގެ އަވަށުން ވޯޓުލުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ފުރަތަމަ ގޮނޑީގައި މާޖީ އިށީދެއްޖެ އެވެ. ކައިރީގައި ދަބަސް ބަހައްޓާފައި ގޮނޑިއަށް ރަގަޅަށް ވެޑުވިގަތެވުނުއިރު މާޖީއަށް އޮތީ ރަގަޅަށް ނިދިފަ އެވެ.
   ސިއްސައިގެން ގޮސް ހޭލެވުނީ ނަޝީދު ހުސެއިން މާޖީގެ ގައިގާ ޖެހިމުންނެވެ. ލޯ އުނގުޅަމުން ގަޑިޔަށް ބަލާލިއިރު ފަހެއް ޖެހީ އެވެ. ކިއުގައި މިހާރު އެތިބީ ހަތަރު މީހުންނެވެ. މާޖީ ވަރަށް ބޮޑަށް ފާހާނާއަކަށް ދާންޖެހިގެން، ސުކޫލްގެ ފާހާނާއަށް ދާން ތެދުވިހެންނެއްހިޔެއް ނުވެ އެވެ. ނަޝީދު ހުސެއިން އެންމެ ފުރަތަމަ ގޮނޑިއަށް ދެމިގަތެވެ. "ހ.ނަޝީދަކަށް ނުޖެހޭނެ މި ގޮނޑިއަށް ފުންމާލާކަށް!" ރުޅިއައިސްގެން މާޖީ އެތައަށް އެއްޗެއް ކިޔުމުންވެސް އޭނާ އެ ގޮނޑިއަކުންނެއް ނުތެދުވި އެވެ. އެންމެ ފަހުން ދަބަސް ހިފައިގެން ހަތަރުވަނަ ގޮނޑިއަށް ދިޔަ އެވެ. އެއިރުގަޑިން ހަހެއް ޖަހާ ދިހަ މިނެޓް ހިނގައިފި އެވެ. މާޖީ ދަބަހުން ބުރުހަކާ އެއްޗެހިނަގާ އަނގަސާފުކޮށްލި އެވެ. އަނގަދޮންނަން ނުޖެހޭ ގޮތަށް ދަތްއުނގުޅާ ބޭސްފުޅިން އެތިފުކެއް އަނގަތެރޭގައި ކާތާލީ އެވެ. ކޮފީއެއް ގިރަން ބޭނުންވާނެ ސާމާނު ނަގައި ކޮފީއެއް ގިރާލި އެވެ. މިހުރިހާ ސަކަރާތެއް ބަލަން ކިއުގައި ތިބި ހަތަރުމީހުން ތިއްބެވެ.
   ވޯޓްލާގަޑި ކައިރިވަމުންދެ އެވެ. މިހާރު ހުރީ ތިރީސް މިނެޓެވެ. ކިއުގައިވެސް ފުދޭވަރަކަށް މީހުން ތިއްބެވެ. މާޖީ އިނީ ފާޑަކަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. އެވަގުތު ރިޝްމީ އެތަނަށް އަންނަތަން މާޖީއަށް ފެނުނެވެ. ރިޝްމީ އައީ މާޖީ ކައިރީގައި އިން އޭނާގެ ބޭބެ، އިއްބެ ވަހީދު ކައިރިއަށެވެ. އިއްބެ ވަހީދު އޭނާއަށް ގޮނޑިދީފައި ސުކޫލުން ބޭރަށް ގޮއްސި އެވެ. އެއިރު ކިއުއަށް މީހުން އައިސް ފުރި ބާރު ވަނީ އެވެ.
   ކުއްލިއަކަށް މާޖީގެ ބަނޑަށް އެނެއްކާހެންވެސް އުނދަގޫ ވާންފެށި އެވެ. ހަމަ ހިފަހައްޓައިގެން އިނީ އެވެ. އެއްޗެއް ވަރަށް ބާރަށް ފަޅައިގެން ދިޔަ އަޑަށް އެދިމާއަށް އެންމެން ބަލާލި އެވެ. މާޖީ ހަމަ އިސްޖަހައިގެން އިނީ އެވެ. ނަސީބަކުން ވަހެއް ނުދަވައޭ ބުނާނެ ފުރުޞަތެއް ނުލިބުނެވެ. ރޯކުނިވަސް ދުވަން ފަށާފި އެވެ. އެކި މީހުން ކިއީ އެކި އެއްޗެހި ކައިގެން މާޖީއާ ކަމަށެވެ. އެމީހުން ދައްކާ އެއްވެސް ވާހަކައަކަށް މާޖީ ސަމާލުކަމެއްނުދެ އެވެ. އެކި މީހުން ނޭފަތުގައި އަތް އަޅައިގެން ތިއްބެވެ. މާޖީ އެންމެ ބޮޑަށް ޖެހިލުންވީ އެއްކުލާހެއްގައި އުޅުނު ރިޝްމީ ކައިރީގައި އިނީމަ އެވެ.
   މިހާރު ބާކީ އޮތީ އެންމެ ފަސްމިނެޓް އެވެ. ވަސްގަނޑު އައު ވެއްޖެ އެވެ. އެކަމަކު ކަމަކުދާކަށެއް ނެތެވެ. މާޖީ ކޮންމެވެސް އެއްޗެއް ފޮރުވޭތޯ ފިއްތަ ފިއްތާފައި ބޮލަށް ނާރު އަރުވަމުން އެބަގެންދެ އެވެ. އެންމެ ފަހުން ފިއްތި އެތި ކާމިޔާބެއް ނުވި އެވެ. ބޮމެއް ގޮވިހެން ދެވަނަ ވައިވެސް ހަމަ ނުކުތީ އެވެ. މިފަހަރު މާ ވަސްގަނޑު ނުބަ އެވެ. ކިއުގައި ތިބި ބައެއް މީހުން ކެއްސާއަޑުވެސް އިވެމުން ދިޔަ އެވެ. މާޖީއާ ދިމާއަށް އެއްޗެހި ކިޔާވެސް ހަދަ އެވެ. މާޖީއަކަށް ހަމަ ފަރުވާލެއްނެތެވެ.

   މިހާރު ގޮނޑިއަކަށްފަހު ގޮނޑިއެއް ދޫކޮށް ދެން ވޯޓްލާން ޖެހެނީ މާޖީއަށެވެ. މުޅި މީހާގެ ގައިން ދާތިކިތައް އޮހޮރެ އެވެ. އޮހޮރޭ ކޮންމެ ދާތިއްކަކާ އެއްވަރަށް މީހާ ތުރުތުރުވެސް އަޅާބަ އެވެ. މާޖީއަށް ގޮވާލެވުނު އިރަށް، ޖެހުނު ލަތްކެއްހެން މީހާ ގޮނޑިން ފުންމާލައިގެން ދުއްވާގަތެވެ. ވޯޓްލާން ހަމަޖެހިފައިވާ ކިލާސްތެރެއަކަށެއް ނޫނެވެ. ފާހާނާއާ ދިމާއަށެވެ. އެއިރު ފަޓޫލޫނުން ބައެއް ތަންތާގައި ޖެހިފައި ހުރިކަމުގެ ނިޝާންތައް ފާޅުވަމުންދެ އެވެ. ކިއުގައި ތިބި އެންމެން ކަހަލައިން ހީގަތް އަޑުއިވެ އެވެ. ގޭގެ ފާހާނާއާ ހަމައަށް ދެވުނުއިރު ބޭރުވާން ޖެހޭ ހުރިހާއެއްޗެއް ހުރީ ބޭރުވެ ނިމިފަ އެވެ. ގަތް ކުރެއްވި ލަދުންނާއި ލިބުނު މަލާމާތުގެ ސަބަބުން ވޯޓުލާން ދާކަށެއް ނުކެރުނެވެ. އަލަށް ވޯޓްލާން ލިބުނު ފުރުޞަތު ގެއްލިގެން ދިޔައީ މާ މޮޅުކޮށް، ފޮނިކޮށް އެކަންތައް ކުރަން ހަދައިގެންނެވެ.

No comments:

Post a Comment