
ވިއްސާރައިގެ އަސަރު އުދަރެހުން ދައްކާލާފައި
އެ ކުލަވަރު މުޅިން އެހެން ކުލަވަރަކަށް ބަދަލުވެ އުޑުމަތި ދިޔައީ ސާފުވަމުންނެވެ.
އަހަރެން ގެއަށް ވަދެ ބަނޑަށް ކުޑަގޮތެއް ހަދާލުމަށްފަހު، ދެތިން ގަމީސް ދަބަހަށްލައި ތައްޔާރުވެލީމެވެ. އަދި ރަޙުމަތްތެރިއަކަށް ވާން ހުރި ކުއްޖާއަށް ދޭނެ ކުޑަ ހަދިޔާއެއް މަންމަ ލައްވައި ހެދީމެވެ. މަންމަމެންގެ ނަސޭހަތުގެ އަޑު އަހައި އާއިލާއާ ސަލާން ގަލާން ކުރުމަށްފަހު ފެންވަރައި ތާޒާ ވެލުމާގެން ކުރިއަށް ދިޔައީމެވެ. ގޭތެރޭގައި ހޫރިލަ ހޫރިލާ އުޅުމަށްފަހު، ގަޑި ބަލައިލިއިރު ވަގުތު ކައިރިވަމުން ދަނީވެސް ހީނުކުރާހާ ބާރު މިނުގަ އެވެ. ފުރަން ހަމަޖެހިފައިވަނީ 11 ޖަހާއިރުކަމުން، ތަންވަޅު ބަލައި ލިބުނު ސައިކަލެއްގެ ފަހަތުގައި ފެރީ ގިމަތާ ދިމާއަށް ދުއްވާލީމެވެ.
އަހަރެން ގެއަށް ވަދެ ބަނޑަށް ކުޑަގޮތެއް ހަދާލުމަށްފަހު، ދެތިން ގަމީސް ދަބަހަށްލައި ތައްޔާރުވެލީމެވެ. އަދި ރަޙުމަތްތެރިއަކަށް ވާން ހުރި ކުއްޖާއަށް ދޭނެ ކުޑަ ހަދިޔާއެއް މަންމަ ލައްވައި ހެދީމެވެ. މަންމަމެންގެ ނަސޭހަތުގެ އަޑު އަހައި އާއިލާއާ ސަލާން ގަލާން ކުރުމަށްފަހު ފެންވަރައި ތާޒާ ވެލުމާގެން ކުރިއަށް ދިޔައީމެވެ. ގޭތެރޭގައި ހޫރިލަ ހޫރިލާ އުޅުމަށްފަހު، ގަޑި ބަލައިލިއިރު ވަގުތު ކައިރިވަމުން ދަނީވެސް ހީނުކުރާހާ ބާރު މިނުގަ އެވެ. ފުރަން ހަމަޖެހިފައިވަނީ 11 ޖަހާއިރުކަމުން، ތަންވަޅު ބަލައި ލިބުނު ސައިކަލެއްގެ ފަހަތުގައި ފެރީ ގިމަތާ ދިމާއަށް ދުއްވާލީމެވެ.
އެކި ދިމަދިމާއިން ބެލެނިވެރިންނާއި
ދަރިވަރުން ނުކުންނަމުންދާ މަންޒަރު ފެނެ އެވެ. އެއްބަޔަކު ބަރޮލުގައި ތަކެތި
އުފުއްލަމުން ދާއިރު އަނެއް ބަޔަކު ގާނޑިޔަލުގައި އެއްޗެހިތައް ފެރީއަށް
ބަރުކުރަމުން ދިޔަ އެވެ. ގިނަ ޓީޗަރުންނާއި އެހެނިހެން ބޭފުޅުންތައް ހަމައެކަނި
ދަބަހެއް ކޮނޑުގައި އަޅުވައިލައިގެން ފެރީއަށް އެރުމަށްޓައި އަތިރިމަތީގައި މަސްވެރިންދުވަހު
ހަދާފައިވާ ކުޑަތައްތައް ދަށުގައި މަޑުކޮށްލައިގެން، ކެތްމަދުވެފައި، ދެކޮޅަށް
ބޯހޫރުވާލަ ހޫރުވާލައި ތިއްބެވެ. ހުރިހާކަމެއް ހަމަޖެހި މީސްކޮޅު ގިނަވުމުން
ފެރީއަށް މީހަކަށްފަހު މީހެއް އަރަމުން ދިޔަ އެވެ. އިހަވަންދޫގައި ދުއްވާ ކުރަކީލި
ފެރީއަށް 13 އަންހެން ދަރިވަރުންނާއި 8 ފިރިހެން ދަރިވަރުންގެ އިތުރުން 8
ބެލެނިވެރިންނާއި 17 މުދައްރިއްސުން އެރުއްވި އެވެ. އޭރުވެސް ދިވެހި މުދައްރިސް
ފަތުޙުﷲ ސަރ، އިންތިޒާރެއްގައި ވައިޓަރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ.
އަހަރެންނަށް އެ މަންޒަރު ބަލާކަށެއް ތަނެއް
ނުދިނެވެ. ފަތުޙުﷲ ސަރގެ އެދިލެއްވުމަށް ހުރިހާ ދަރިވަރުންގެ އައިޑީ ކާޑްތައް، ނެގުމުގައި
ހީވާގި ވެލައިގެން އުޅުނީމެވެ. ފެރީއަށް ނުފުރި ލަސްވެގެން ދިޔައީ ޑެޕިއުޓީ
ޕްރިންސިޕަލް މުޙައްމަދު އަބުދުއް ޞަމަދާއި، ދަތުރުގެ ކަންތައްތައް އެންމެ
ފުރިހަމަ ގޮތުގައި ރާވައި ނެގެހެއްޓެވި އަހަރެމެންގެ ސުޕަރވައިޒަރ އަޙްމަދު ރަޝީދް
ނައިސް ލަސްވުމުންނެވެ. އެހެންނަމަވެސް ގިނަ ވަގުތުތަކެއް ގެއްލުވައި ނުލައި
ފެރީއަށް ހއ.އިހަވަންދޫ ނެރުން ނުކުމެވުނުއިރު ގަޑިން 11 ޖަހައި 31 މިނެޓް ހިނގަނީ
އެވެ. ފެރީ ނައްޓާލުމުން ދަތުރުމަތީގެ ދުޢާ ކިޔައި ފެރީގެ ގޮނޑިއެއްގައި
ލައްވެލީމެވެ.
ކޮޅު ފަސްކޮޅުގައި ހުރެފައި ފޯނުނަގައި ގަޑި
ބަލައިލިއިރު، ކަނޑުމަތީގައި ބައިގަޑިއިރު ހޭދަކުރެވިފައިވާކަން އެނގުނެވެ.
ނަސްފަރަށް ފެރީ އެރުމުގެ މައުލޫމާތުތައް ދިމަދިމާއިން އަންނާތީވެ، ފެރީގެ
ކުރިއަށް ބަލައިލިއިރު ފެހިކުލައިގެ ގައްލަންދޫ ގަސްކަރަ ފެންނާން ހުއްޓެވެ.
އެއިރުވެސް ހަމަ ވާހަކަ ދައްކާންތިބި މީހުންތައް ތުންގުޅުވައިލައިގެން ތިއްބެވެ. ބައެއްކުދިން
ހޭބޯނާރައި ވާހަކަފޮތްތައް ކިޔަމުން ގެންދަނީ އެވެ. ބައެއް މީހުން 'ސަމްސަގް"
ފަދަ މޮޅެތި ފޯނުތަކުގެ ޖާދުވީ "ޓަޗް"ގެ އަވާގެން ޖެހިގެން ދަނީ އެވެ.
ބާކީވެފައި ތިބީ ބޮލަށް އެނބުރުން އަރައިގެން، އަނގައިން އެއްވެސް އެއްޗެއް ބޭރުވިޔަ ނުދޭން ތިބި
މީހުންނެވެ. ކުއްލިއަކަށް ކަނޑުމައްޗަށް ބަލި ކުއްޖަކު ތަންމަތިވީ، އެދުވަހުގެ ހެނދުނު ކެއިހާ އެއްޗެއް ބޭރުކޮށް ހަށިން ބާރު
ދިޔައީމަ އެވެ. އެކަން އަޑިގުޑަން ފިލުވުމަށްޓަކައި ދެތިން މުދައްރިއްސަކު އަވަދި
ނެތި އުޅުނެވެ.
އެކި މީސްމީހުން އުޅޭ ނޫޅޭ ގޮތް ބަލަން
ހުރެވުނީ ކިހާ އިރެއް ވާންދެއް ކަން އެނގުނީ ފެހި ކުލައިގެ ގަސްކަރައެއް ފެރީގެ
މައި ދޮރޯށިން ފެނުމުންނެވެ. އެއިރު ގަޑިއެއްހާއިރު ކަނޑުމަތީގައި ހޭދަވީ އެވެ.
އަވަހަށް ފެރީގެ އެންމެ މަތީ ފަންގިފިލައަށް އަރައި ބަލައިލީމެވެ. ފުރުތަމަވެސް
ލޮލުގައި އަޅައިގަތީ މައްޗަށް އެރިހާ ބަޔަކުމެ ރަތްދަކައަވީގައި ކަނދު އަޅާފައިވާ
މިސާލަށް އަތުރާލާފައި ތިއްބަ އެވެ. އެއިރު މަތީގެ ދިރުނބާ ކޮޅާވީ ދިމާލުގައި ހުރި
ބެލްކަނީގެ ދަގަނޑުގެ އެހީގައި ދެތިން ކުއްޖަކު ކޮޅަށް ހުރީ ފެރީގެ ބޮޑު މާލިމީ،
އިބްރާހިމްބެޔާ އެކު އެވެ. އެހިސާބަށް މަޑުހިނގުމެއްގައި ގޮސް ވަށާ ހޯދައިލިއިރު
ދުރުން، ދިވެހިރާއްޖޭގެ ބައި ބައި ވެފައިވާ ފެހިކަންގަދަ ހއ.އިހަވަންދޫގެ
ގަސްކަރައޮބި، އައު ގަސްކަރަތަކެއް ފެންނާން ހުއްޓެވެ.
ބަނޑުހައިހޫނުކަން އިޙްސާސްކުރެވުމުން
ތިރިއަށްގޮސް ކުލާހުގެ އަންހެންކުދިންތައް ތައްޔާރުކޮށްފައިވާ
"ޕިއްޒާ"އެއް ހިފައިގެން މައްޗަށް އަރައި މަތީގައި ތިބި
ފިރިހެންކުދިންނާ އެކުލެވިގެން ކެއުމަށް އިންސާފް ކުރީމެވެ. ތިރިއަށް ފޭބުމާއެކު
ކައިރީގައި ހުރި އަހުމީމް ގަޑި އަހާލުމުން 12:30 އޭ ކިޔައިފައި، ފެރީމައްޗަށް
އަރުވާފައިހުރި ކާނާ ކުރޮނޑިތަކުގެ މަތިނަގައި ތިރީގައި ތިބި އެންމެނަށް ކާތަކެތި
ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވުމަށްފަހު، އާދެވުނީ ކޮން ހިސާބަކަށްތޯ
ބަލައިލީމެވެ. އެއިރު މުލިދޫއާއި ދޮނަކުޅި ހާމައަށް ފެންނާން އޮތެވެ. ފެރީގެ
ފަހަތުގައި ހުރި ވަޅުފެން ހަމަކުން ވުޟޫކޮށް އަވަދިވެގެން މަތީގައި ކުރަމުންދިޔަ
މެންދުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ، ޒިކުރުކޮށް ދުޢާކޮށްލަން
މަޑުކޮށްލީމެވެ.
ޖެހެމުންދިޔަ ގަދަވައިން، ދެމުންދިޔަ ދިލަ
އަވީގެ ހޫނު އިންތިހާއަށް ކުޑަކޮށްދިނެވެ. ފެންނަމުންދިޔަ ވިނަރެހަކަށްފަހު
ވިނަރަހެއް ދޫކޮށް ދާން އޮތް މަންޒިލް ކައިރިވަމުން ދިޔަ އެވެ.
ޖެހެމުންދިޔަ ގަދަވައިން،
ދެމުންދިޔަ ދިލަ އަވީގެ ހޫނު އިންތިހާއަށް ކުޑަކޮށްދިނެވެ. ފެންނަމުންދިޔަ
ވިނަރެހަކަށްފަހު ވިނަރަހެއް ދޫކޮށް ދާން އޮތް މަންޒިލް ކައިރިވަމުން ދިޔައެވެ.
"ފަރިދޫ" ދޫކޮށް "ނޮޅިވަރަންފަރު"ގެ ރުއްގަސް ތަކުގެ ފުސްކަން
ކެނޑެމުން ދިޔަ އެވެ. ރަށަކީ ބިޔަ އަދި އެހާމެ ދިގު ރަށެކެވެ. ރަށްކައިރީގައި ދެ
ފިނޮޅު ފެންނާން އޮތެވެ. ސިޔާސީ މަސްރަޙްގެ ދުވަސްވަރުކަމުން، ސިޔާސީ ދިދަތައް
ފިނޮޅުގައްޔާއި، ފަރުގައި ޖަހާފައި ހުއްޓެވެ. ރަށުގެ އެއްފަރާތުގައި ރަށުން
ބުރިވެފައި އޮތް ބައެއް އޮތެއްކަމަކު، އެއީ ކުޑަ އަދި ގަސްމަދު، ގިރަމުން އަންނަ
ތަންކޮޅެއްކަން އެނގެއެވެ. ރަށަށް އެރުމަށް ހަދާފައިވާ ލަކުޑީގެ އެއްފާލަން އޮތީ
ފީވެ ހަލާކުވެފައެވެ. މަސްދޯނިތަކާއި ބޮއްކުރާތައްފަދަ އުޅަނދުތައް ރަށާ ދުރުނޫން
ހިސާބެއްގައި އަޅާފައި ހުއްޓެވެ.
ދުވެލި މަޑުކޮށްލީ ނޮޅިވަރަންފަރުގެ ނެރުން ފެރީއަށް
ވަދެވުމުންނެވެ. ކުޑަކޮށް ހައިރާންވާން ޖެހުނީ އެއްވެސް އިންސާނީ ދިރުމެއް ރަށުގެ
ރުއްގަސްތަކުގެ ދަށުން ފެންނާން ނެތުމުންނެވެ. އެހެންނަމަވެސް ރަށާކައިރިވީ
ވަރަކަށް ރަށުގެ އެތަންމިތަނުގައި ހަދާފައިހުރި ހޮޅުއަށިތަކާއި ޖޯލިފަތިތައް
ލޮލަށް ކުލަވަމުން ދިޔައެވެ. އަހަރެމެންނަށް އާދެވުނީ އަވަހަށްކަމަށް ޝައްކުވާން
ފެށީ އެއްވެސް ދަރިވަރަކު އަދި އެއްވެސް ބޭފުޅަކުވެސް ފެންނާން ނެތީމައެވެ. ހިތަށް
ގިނަވަމުން ދިޔަ ވަހުމްތައް ފިލައިގެން ދިޔައީ، އިސާހިތަކު ރަށުގެ ބޮޑުމަގަކުން،
ސުކޫލްގެ އިސްވެރިންގެ ފަހަތުން، މުދައްރިއްސުންނާއި މުދައްރިސާއިންގެ އިތުރުން،
ހުދުކުލައިގެ ޔުނީފޯރމްތަކުގައި ދަރިވަރުންތައް ސަފުސަފަށް ތިބެ ފާލަން ކައިރިއަށް
އަންނަމުން ދާތަން ފެނުމުންނެވެ. އެއީ ބަލައިލަން ހިތްގައިމް މަންޒަރެކެވެ.
ދައްކުވައިދެނީ ކިޔަމަންތެރިކަމާ އަދަބުވެރިކަމެވެ. ފާލަމުގައި ސުވާސްތީ
ދެންނެވުމަށް އެތުރެމުން ދިޔަލެއް ފުރިހަމަކަމުން ދުރާލައި ތައްޔާރުވެފައިވާކަން
ފާހަގަވިއެވެ.
ރަށުގެ ނެރުން ވަދެވި، ރަށުގެ
ވަށައިގެން އޮތް ފަރުގެ ބޮޑުކަމުން 11 ވަރަކަށް މިނެޓް ފަރުގައި ދުއްވުމަށްފަހު،
ފެރީއަށް ފާލަން އަތުލެވުނުއިރު ގަޑިން 1:54 ހިނގާފި އެވެ. ފާލަން ކައިރީގައި ފެރީ
މަގަތްކޮށްލުމުން، އެމީހަކު އެމީހެއްގެ ދަބަސްތަކާއި ހަދިޔާ ބަދިޔާ ހިފައިގެން
ރާސްލާފައި ފާލަން މައްޗަށް ފައިބަންނަން ފަށައިފި އެވެ. ފެރީގެ ފަހަތުކޮޅުގައި
ހުރުމުގެ ސަބަބުން، ނޮޅިވަރަންފަރުގެ އައު ފާލަމުގައި އަހަރެންގެ ފައި ޖެހުނުއިރު
ހަވަރަކަށް މިނެޓް ފާއިތުވެ ހިނގައްޖެ އެވެ. ފާލަމަށް އަރައި ފޮޓޯތަކެއް ނެގުމަށް
ފަހު ސަލާން ގަލާން ކުރުމުގައި މަސްއޫލްވީމެވެ.
ސާފު ހުދު-ދޮން ކުލައިގެ ބޮޑު ވެލިގަނޑުގައި
އަތިރިމައްޗަކަށް ނަންދެވޭނެ ވަރަށް ރުއްގަސްތައް ހައްދާފައިވެ އެވެ. އަމާން
އޮމާންކޮށް އޮތް މޫދުގެ ލޮނުގަނޑުގައި ވިލުކުލައިގެ ފެއްސެއް އަރަ އަރައި ހުރީ
މޫދު ތެރޭގައި ކުނިބުނި ފަދަ ތަކެތި ނެތުމުންނެވެ. ޖެހެމުންދާ ފިނިވައިރޯޅިތަކުން
ހިތަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދެ އެވެ. އަތިރިމަތިން ދެން ދިޔައީ
ސުކޫލަށެވެ. އަތިރިމަތިން ލިބެމުންދާ ފިނިވައިރޯޅިތައް އެއްވާނެއްގައި ސުކޫލާ
ހަމައަށް ގެނެސް ދެވެނީ އަތިރިމަތި ސުކޫލާ ގާތްވުމުންނެވެ. ސުކޫލްގައި
ޢިމާރާތްތައް އަޅައި އިތުރަށް ޢިމާރާތްކުރެވޭނެ ހުސް ޖާގަ އޮތެވެ. ކުޑަކުދިންގެ
ކަސްރަތުގަޑިއަށް އަތުރާލެވިފައިވާ ސާމާނުތަކުން ޕާކެއްގެ ކުލަ ކޮންމެވެސް
ވަރަކަށް ސުކޫލުގައި ޖެހިފައި ހުއްޓެވެ. ޢިމާރާތްތައް ފިޔަވައި ދެން ސުކޫލު
ހިޔާކޮށްފައި ވަނީ ސުކޫލުގައި އިންދާފައިވާ ބިޔަ ބޮޑެތި ގަސްތަކުންނެވެ.
އަހަރެމެންނަށް، ދަތުރުގެ ވަރުބަލިކަން ފިލުވައިލާ
ކަރުތެރެ ތެންމާލުމަށްޓަކައި ސުކޫލުގައި ހުރި ގަހެއްގެ ހިޔަލުގައި ވައްބުރެއްހެން
ތަރުތީބުން ގޮނޑިތައް އަތުރާލެވިފައި ހުއްޓެވެ. އަރުތެރެއަށް ފުރަތަމަ އެރަށުގައި
ހުރެ އެތެރެކޮށްލަން ލިބުނީ ރަހަ މީރު "ސަންކުއިކް" ފަނިތައްޓެކެވެ.
ނޮޅިވަރަންފަރު ސުކޫލަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭނެ ސުކޫލެކެވެ. 1992 ވަނަ
އަހަރާ ހަމައަށް ބޮޑުތިލަދުންމަތީގެ ފުރަތަމަ ސުކޫލެވެ. ސުކޫލު ނަމަށް
ބަލައިލާއިރު، ފުރަތަމައަށްނަމަ "މަކުތަބުލް ޤަމަރިއްޔާ"އެވެ.
ދެވަނައަށްނަމަ "އަމީނިއްޔާ ސުކޫލް އޯކިޑް ޤުލްޝަން"އެވެ. މަރުޙަބާ
ދަންނަވައި، ކުދިންތައް ތިބެން ހަމަޖެހިފައިވާ ގޮތް ޢަލީ އަޙްމަދު ސަރ ހުރިހާ
ކުދިންނަށް ވަރަށް ރަނގަޅަށް ފަހުމްކޮށް ދިނެވެ.
ނަމަކަށް ފަހު ނަމެއް އިއްވަމުންގޮސް، އަހަރެންގެ
ނަމާއެކު އިއްވުނު ނަމަކީ ޕެނެމާގޭ އަޙުމަދު އާތިފްގެ ނަމެވެ. ލިބުނު
ރަޙްމަތްތެރިޔާއެކު އަހަރެން ހިނގައިގަތީ ތާޒާވެލުމަށްޓަކައެވެ. ނޮޅިވަރަންފަރަކީ
އާބާދުކުރެވިފައިވާ ރަށަކަށްވުމުން އެރަށުގައި ތިން "ސައިޓް" ނުވަތަ
ތިން ސަރަޙައްދު އޮވެއެވެ. އާތިފަކީ ހދ.މައިވާދޫ ކުއްޖަކަށްވުމުން އާތިފަށްވެސް
ލިބިފައިވަނީ ފުރަތަމައަށް އާބާދުކުރެވިފައިވާ ސަރަޙައްދެއްކަމަށްވާ "އެލިޔާ
ސައިޓު"ގެ ގެއެކެވެ. ނޮޅިވަރަންފަރުގެ ބަސްތީ ކަމަށްވާ
"ފަރުސައިޓް" ދޫކޮށް އެލިޔާ ސައިޓަށް ދިޔައިރު ފެންނަމުން ދިޔަ ބައެއް
ގޭތަކަކީ ވަރަށް ދުވަސްވެފައިވާ ގޭތަކެއްކަން ގޭތަކުގެ ކުލަޔާއި ބައްޓަމުން ވަރަށް
ފުރިހަމައަށް ދޭހަވެއެވެ. އާދައިގެ ގޮތައް ހަދާފައިވާ ބައެއް ގޭތައް ފަސްދީ ދިޔައިރު
މޮޅުކޮށް ވަރުގަދަކޮށް ހަދާފައިވާ ގޭތައް ކުރިމަތިވަމުން ދެއެވެ. ރަށުތެރެއިން
ހިނގާފައި ދިޔައިރު އެކި ފުރާތަކުގެ މީހުން އަހަރެންނާ ދިމާއަށް ބަލަމުން ދިޔައީ
ބީރައްޓެއްސަކަށްވުމުންނެވެ. ދާން އޮތް ސައިޓަށް ދެވެނީ ވަލުތެރެ ކައިރިންނެވެ.
ތިން ސައިޓްވެސް އަޅާފައިވަނީ ރަށްމަތިން ބަލައިލުމުން ތިން ސައިޓްވެސް ވަކިވާނޭ
ގޮތަށެވެ. ކޮންމެ ސައިޓެއްވެސް ވަކިކުރެވިފައިވަނީ ގަހާތަކުންނެވެ.
ހެދިފައިވާ ބިޔަ ބޮޑެތި ކާނިގަސްތަކުންނާއި
އެހެނިހެން ރުއްގަސްތަކުން ރަށަކީ ބިމުގެ ގޮތުން މުއްސަނދި، ދަނޑުވެރިކަމުގެ
ސިނާއަތެއް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނެ ރަށެއްކަން
ދެނެގަނެވުނެވެ. ވިއްސާރަވެހުމުގެ ސަބަބުން ބިމަށް އިތުރު އާރޯކަމެއް ގެނެސް
ދީފައިވެއެވެ. ބައެއް މަގުތަކުގައި ހެދިފައިވާ ޗަކައިން ނޮޅިވަރަންފަރުގައި
ކޮންމެވެސް ދިމާލެއްގައި ކުޅިއެއް ނުވަތަ ޗަކަ ބިމެއްވާނެ ކަމަށް ޤަބޫލުކުރީ،
އާތިފްގެ ކައިރިން އެކަން ޔަޤީން ކުރުމަށް ފަހުގައެވެ. އެލިޔާ ސައިޓަށް
ވަދެވުނިކަން އެނގުނީ ހިނގަ ހިނގާތިއްބާ މަގުތައް ފުޅާވެ، އެއްތައްގަނޑަކަށް
އަޅާފައިވާ ގޭތައް ފެނުމުންނެވެ. ވަލަށްވާ މަގުގެ ދެފަރާތުގައި ހުރި ބޮޑެތި
ގަސްތަކުން އަތިރިމައްޗަށް ޖެހޭ ވައިގެ އަސަރުތައް ހިފާފައި ހުއްޓެވެ.
މަގުމަތިވަނީ ހިޔާވެފައެވެ. ދޮންކެޔޮގަސްތައް ދިމަދިމާގައި ފެންނާން ހުއްޓެވެ.
ހިނގަމުންގޮސް މަޑުކޮށްލީ ޕެނަމާ އަށެވެ. އެހެން
ގޭތަކާ މާ ބޮޑު ތަފާތެއް ނެތަސް، މުސްކަރާއި އަޅައިލުމައި، އާތިފްގެ ކިބައިން
ފެންނަމުން ދިޔަ ހިތްހެޔޮކަން، އެގޭގެ އެންމެންގެ ފަރާތުންވެސް ނިހާޔަތައް
ލިބުނެވެ. ގެއަށް މަރުޙާބާ ކީ އެމީހުންގެ އަމިއްލަ ދަރިއަކު ފަދައިން
ބަލައިގަނެގެންނެވެ. ވެފައި ހުރި ބީރައްޓެހިކަން ރައްޓެހިކަމަށް ބަދަލުވެގެން
ދިޔައީ ހީވެސް ނުކުރާހާ ބާރަށެވެ. މީގެ ކުރިން ދުވަހަކު ހަޔާތެއް ގައިވެސް ލޮލުން ދެކެފައިނުވާ ނޮޅިވަރަންފަރުގައި
މަންމައަކާއި ބައްޕައެއްގެ އިތުރުން އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮއެއް
ލިބުނު ފަދައީ އެ އާއިލާގެ ރޭދަވަނުދައިގެ ސަބަބުންނެވެ. ހިތާހިތުން ﷲއަށް ޝުކުރު
ކުރާ ހާލުގައި އާތިފްގެ އާއިލާއަށްވެސް ހިތުން ޝުކުރުގެ ބަސްތައް އަމުނަމުން،
ތާޒާވެލައިގެން ކެއުމުން އަވަދިވީމެވެ. އަދި ގޭގެ ކައިރިގައި އޮތް، ބޮޑު
ހުސްބިމެއްގައި އަޅާފައިވާ ވަގުތީ ކުޑަމިސްކިތުން ހަވީރުގެ ނަމާދު އަދާކުރީމެވެ.
ރޭވިފައިވާގޮތުން ފުރަތަމަވެސް އޮތީ އެކުވެރިކަމުގެ
ފުޓްބޯޅަ މެޗަކާއި، ނެޓްބޯޅަ މެޗެކެވެ. ހަވީރުގެ ވަގުތުތައް ހުސްވެގެން ދިޔައީ
މުޅިންހެން އެކަމަށެވެ. ނެޓްބޯޅަ ކޯޓާއި ފުޓްބޯޅަ ދަނޑު އޮތީ އެއްތަނެއްގައެވެ.
ރީތިކޮށް ރޮނގުތައް އަޅައި ކޯޓާއި ދަނޑު އޮތީ އާ ކޮށްފައެވެ. މުބާރާތްތައް
ބޭއްވުމަށްޓަކައި ދަނޑު އެއްފަރާތުގައި ދިދަ ނަގައި ހަދަން، ދިދަ ދަނޑިތަކެއް
ޖަހާފައި ހުއްޓެވެ. ބެންޗްވަނީ ވަޅުޖެހިފައިވާ މިސާލަކަށް ރީތިކޮށް ރާނާފައެވެ.
ފުރިހަމަކޮށް ތަންތަން ހަދައި ރަނގަޅަށް ކަންތައް އިންތިޒާމްކޮށްފައިވެއެވެ. އަދި
ޝޯތައް ދީ މުބާރާތްތައް ކުރިއަށް ގެންގޮސް ހަދަން ބޭނުންކުރާ ސްޓޭޖްވެސް ހުރީ ހަމަ
ދަނޑުތަކާ އެއް އިއްވެގެންނެވެ. ބަލައި ބެލުމަށް އަހަރެމެންނާ ވާދަކުރަން ތިބީ
އެއްނޭވާކުދިންނެވެ. ފުޅާ ބާސަނަޔަކާއި މީބައްކަތިރި ލިބިފައިވާ، ކުޅަދާނަ،
ވަރުގަދަ އެއްކަށިވީއްރުންތަކެވެ.
އަންހެންކުދިންގެ ނެޓްބޯޅަ މެޗުން އިހަވަންދޫ
ސުކޫލުގެ ކުދިން ނާކާމިޔާބު ވީނަމަވެސް ފިރިހެންކުދިންގެ ފުޓްބޯޅަ މެޗުން ކުރި
ހޯދުނީ އެއްލަނޑު ސުންލަނޑުން އަހަރެމެންނަށެވެ. ލިބުނު ކާމިޔާބު ފާހަގަކޮށް
އިނާމްތައް ނޮޅިވަރަންފަރު ސުކޫލުން ބެއްސެވެ. މަޣްރިބް ނަމާދުގެ ބަންގީގެ
އަޑާއެކު އެއްބަޔަކު އަނެއްބަޔަކާ ސުކޫލުން ދިމާވާނެކަމަށް ބުނެ، އެއްކުއްޖަކު
އަނެއްކުއްޖެއްގެ ގެއަށް ހިނގައިގަތެވެ. ފެންވަރައިލައިގެން ނަލަ ހެދިގެން،
މަޣްރިބު ނާމާދުކޮށްލީ ދުރުގައި ހުރި އެދުރުކަލޭފާނު މިސްކިތުންނެވެ.
އިޝާނަމާދުވާން މާ ގިނައިރުތަކެއް ނެތުމުން ގެއަށް އައީ އިޝާނަމާދުވެސް
ފުރިހަމަކޮށްފައެވެ. ރަށުގެ ބޮޑުކަމުންނާއި ސުކޫލްގެ ދުރުކަމުން އެލިޔާ އަވަށުގައި
އުޅޭ އިހަވަންދޫ ކުދިންތަކާއި ނޮޅިވަރަންފަރުގެ ކުދިންވެސް ސުކޫލަށް
ދިއުމަށްޓަކައި ބައިސްކަލުގެ އެހީ ހޯދިއެވެ.
8:30 އަށް ސުކޫލަށް ދިއުމަށްފަހު
ވަގުތުކޮޅެއްވާދެއް އެއްކުއްޖަކު އަނެއްކުއްޖެއްގެ އިޙްސާސްތަކާއި ތަޖުރިބާތައް
ހިއްސާކޮށް، ވާހަކަ ދައްކައިލަން ތިބީމެވެ. ނޮޅިވަރަންފަރުގެ ސުކޫލާ ބެހޭގޮތުން،
ސުކޫލުގެ ޕުރިންސިޕަލް އަދުނާނު ޢަލީގެ ޕުރެޒެންޓޭޝަންގައި ބައިވެރިވީ
ސުކޫލްތެރެއަށް ޖެހެމުން ދިޔަ ހިތްގައިމް ވަޔަށް ކުރުނީސްކޮށްފައެވެ.
ނޮޅިވަރަންފަރުސުކޫލާ ބެހޭގޮތުން ނޭނގޭ ވަރަށް ގިނަ މައުލޫމާތުތައް
ޕްރެސެންޓޭޝަނުން ލިބިގެން ދިޔައެވެ. ހަމަ އެހެންމެ އިހަވަންދޫ ސުކޫލުގެ ފަރާތުން
ލަކުޑިން ހަދާފައިވާ ހަނދާނީހަދިޔާއަކާއި، 12 ގެ ދަރިވަރުންގެ ފަރާތުން
"ދޮޅަސް 2013" ނޮޅިވަރަންފަރު ސުކޫލަށް ހަދިޔާ ކުރިއެވެ. މީގެ
އިތުރުންވެސް އެ ބައްދަލުވުމުގައި އިހަވަންދޫ ސުކޫލުގެ ފަރާތުން، ދަތުރުގެކަންތައް
އިންތިޒާމްކޮށް ދެއްވަމުންގެންދާތީވެ ނޮޅިވަރަންފަރު ސުކޫލުގެ މެނޭޖްމެންޓަށް
ޝުކުރުގެ ބަސްތައް ބަރުތީލަކުރެއްވިއެވެ.
ތައާރަފްގެ ބައްދަލުވުމުން
މިންޖުވީއިރު، ސިކުންތުކަށި ގަޑިން ނިދުމުގެ ވަގުތަށް ތަން ހުސްކުރަމުން ގެންދެއެވެ.
އިތުރަށް މަޑުކޮށްލުމެއްނެތި އަހަރެންވެސް އާތިފްއާއެކު ދިޔައީ ސީދާ ގެއަށެވެ.
ރޭނގަޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު، އިރުކޮޅެއްވަންދެން ގޭގެ އަހުލުވެރިންނާ
ވާހަކަ ދައްކައިލަން އިނީމެވެ. ބޮލަށާއި ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމާއި
ވަރުބަލިކަން ފިލުވާލުމަށްޓަކައި އެނދުގެ މަގަތުގައި އިށީދެވެސް ނުލާ، ނިދޭތޯ
އޮށޯވެލުނުއިރު ގަޑިން 10:30 ވެގެން ދަނީއެވެ. ނިދޭތޯ މުޅިން އައު
ތަންމައްޗެއްގައި ފުރޮޅޭނެ ގިނަ ވަގުތުތަކެއް ނުލިބި އުޅެނިކޮށް ނިދި އަހަރެންގެ
މައްޗަށް ގަދަވެ، އިރުކޮޅެއްގެ ތެރޭގައި އަހަރެންނަށް ހަމަރަނގަޅަށް ނިދިއްޖެއެވެ.
ގަޑިން 4:30 ވާނެ އިތުރު
ފުރުޞަތެއް ނުދީ، ނިދީގެ މައްޗަށް ފަސްއަޅައި ފޮރުވައިލުމަށްފަހު،
ފަތިސްނަމާދަށް ދިޔައީމެވެ. ގެއިން ނާސްތާރޮށީގެ ކުރިން ކުޑަގޮތަކަށް ނާސްތާއެއް
ކޮށްލައިގެން ރަށުތެރެއަށް ނުކުމެލީ އެހެން ރަހުމަތްތެރިކުދިންތަކާ އެކުއެވެ.
ފަތުޙުﷲ ސަރޔަށް ކަން ހިނގާ ނުހިގާ ގޮތް އަންގަން ޖެހޭތީވެ ބައިސްކަލު ދުއްވަން
ނުކުތީވެސް އެކަމަށް އިޝާރާތްކޮށްފައެވެ. ރަށުކުދިންގެ އިތުރުން ނޮޅިވަރަންފަރުގެ
ރަޙްމަތްތެރިންތައްވެސް އަހަރެމެންނާއެކު ވަގުތު ހޭދަކުރަން ބޭނުންވުމުން
އެކުދިންނާއެކު ބައިސްކަލުތަކުގައި ރަށުގެ އެތަންމިތަން ބަލައިލީމެވެ. އެކި
ތަންތަނާ ބެހޭގޮތުން އެކުދިން އަހަރެމެންނަށް މައުޟޫމާތު ދެމުން ގެންދިޔައެވެ.
ދެވޭ
ކޮންމެ ސައިޓަކުންވެސް ސާފުކަން ފެނިގެން ދެއެވެ. މަގުތައްވަނީ ކުނިކަހާ ޗާލުކޮށްފައެވެ.
ހެނދުނުގެ ވަގުތުގައި އެ މަސައްކަތުގައި އުޅޭ އަންހެންވެރިންނާއި މުސްކުޅިފުރާގެ
އަންހެނުންވެސް އިލޮށިފަތި ހިފައިގެން އެކަމުގައި ފަރުވާވެ އުޅުނެވެ. ފިހާރަތައް
މަދުވެ ކުދިކަމުގައި ވީނަމަވެސް ފިހާރަތަކުން ލިބެން ހުންނަ ތަކެތީގެ ޢަދަދު ގިނަ
ވެފައި މޮޅެވެ. އެލިޔާ ސައިޓްގައި ނަރުދަމާ އަޅައިފައިވުމުން އެކަމުގެ ފަސޭހައިގެ
ވާހަކަ ކޮންމެވެސް ވަރަކަށް ޢާއްމުންގެ ފަރާތުން އިވެމުން ދިޔައެވެ.
ގިނަތަންނަށް ދެވޭނެ
ހިތްވަރާއި، ބުންވަރު ހުއްޓެއްކަމަކު، ވަގުތު ވީ އަގުބޮޑު މަދު އެއްޗެއްކަމުގައެވެ.
8:30 ގައި އޮތް، ސަޤާފީ ކަންކަމާއި ރަށުގެ އާދަކާދަތަކާ ގުޅޭ މައުލޫމާތު
ހިއްސާކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށްޓަކައި ބަލަން ހުރި، އެކަމަކު
ނުބެލިހުރި ތަންތަން އެހެން ފަހަރަކަށް ހަދައިފައި، ސުކޫލާ ދިމާއަށް މިސްރާބު
ޖެހީމެވެ. މައުލޫމާތު ދެއްވުމަށްޓަކައި ގެނެސްފައިހުރީ، ނޮޅިވަރަންފަރުގެ ކުރީގެ
ކުޑަކަތީބު، އަޙްމަދު އަބްދުﷲއެވެ. އަޙްމަދު ފުރަތަމަ ދެއްވީ ނޮޅިވަރަންފަރު
ސުކޫލާ ބެހޭ ވާހަކަތަކާއި އެ ސުކޫލުގެ އެންމެ ކުރީގެ މާޒީގެ ވާހަކަތަކެވެ. ސުކޫލް
ވުޖޫދުވެގެން އައި އިރު ސުކޫލުގެ މަޤާމާއި، އެސުކޫލަށް ލިބިފައިވާ ޤަދަރުގެ
ވާހަކަތަކުގެ މައްޗަށްވެސް އަލި އަޅުއްވާލިއެވެ.
ދެން މަޑުކޮށްލީ ސުކޫލު
ކައިރީގައި ހުރި މޫސާ އެދުރުތަކުރުފާނުގެ ކުރީގެ ގެކޮޅު ހުރި ފޫޓުގައެވެ.
އެދުރުތަކުރުފާނަށް ވާރުދެއްވުމުން، ވާރުކުރެއްވީ އޭނާގެ ގޭގައެވެ. 6 މެއި 1992
ގައި ކުޅުދުއްފުއްޓަށް ހދ. އަތޮޅުއޮފީސް ބަދަލުކުރަންދެން ހދ. އަތޮޅުގެ ހުރީ
ނޮޅިވަރަންފަރުގައި އެދުރުތަކުރުފާނުގެ ގެ ހުރި ތާންގައެވެ. އެހެންނަމަވެސް މިއަދު
އަޅުގަނޑުމެނަށް ފެންނަން ހުރީ އެ ގެކޮޅުގެ ބަދަލުގައި ރަށްވެހި ގެއެއް އެތަނުގައި
ހުއްޓައެވެ. ހަމަ އެޔާއެކު އެދުރުތަކުރުފާނު އުޅުއްވި ކަމުގެ ހެކިތަކާއި
ނިޝާންތައްވެސް އަދި އަދަށް އަންނަންދެއް އެތަނުން ފެންނާން ހުއްޓެވެ. އެތަނުގައި
ހުރި އެދުރުތަކުރުފާނުގެ ގެކޮޅު މުސްކުޅިވެ ވީރާނާވެ ހަލާކުވެގެން ދާން ފެށުމުން،
އެތަން ތަޅައިލުމަށްފަހު ރައްޔިތުންނަށް ފައިދާވާނޭ ގޮތަށް ކަންތައް ކުރެއްވީ ކަމަށް
މައުލޫމާތު ލިބުނެވެ.
އެދުރުތަކުރުފާނުގެ ގެއިން
ފައިނައްޓާލެވުނު އިރު ކައިރިން ފެންނަން ހުރި ބޮޑު ގަހަކާމެދު ސުވާލުކުރެވުމުން،
އެއީ އެރަށުގައި ހުރި އެންމެ ދުވަސްވީ ގަސްކަން އެނގުނެވެ. އެއީ ލާމިގަހެކެވެ.
އަދި އެރަށުގައި އުޅޭ އެންމެންނަށް ވީ އަހަރެއް އެގަހަށް ވާނެކަމަށްވެއެވެ.
މަގުތަކުގައި ހިނގަމުން ދިޔައިރު ފެންނަމުންދާ މުހިއްމު ތަންތަނުގެ
މައުލޫމާތުތަކުގެ އިތުރުން ރަށާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް އަޙްމަދު
ދެއްވިއެވެ. ސުވާލުކުރުމުގެ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން އިހަވަންދޫ ކުދިން
ކުރެއްވި ކޮންމެ ސުވާލަކަށް އެންމެ ފުރިހަމައަށް ޖަވާބު ދެއްވުމުގައި
ދެމިހުއްޓެވެ.
މުހިއްމު ތާރީޚީ ތަންތަނުގައި މަޑުކޮށްލުމަށްފަހު
މައުލޫމާތު ހޯދަމުން ގޮސް ދެން އެންމެ ފާހަގަކޮށްލެވޭ އެއްތަނަކީ ވީ އެރަށުގައި
މިހާރު ހުރި ކުރީގެ ހުކުރު މިސްކިތެވެ. ގެގަނޑު ގެ އާރޯކަން ވަނީ ގޮސްފައެވެ.
ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނަވެ، ފުރާޅުގެ ތަންތަނުން ފޫގޮސް، ވެއްޓި
ވަރަށް ބޮޑަށް ވަނީ ބައު ވެފައެވެ. ސިޑިއާއި ފާރުތަކުގައި ފެހިޖަހާ އެތަންތަން
ވަނީ ހަލާކުވެފައެވެ. މިންބަރު އަދިވެސް ފެންނާން އެބަ ހުއްޓެވެ. އެމިސްކިތް ހުރީ
އިހުޒަމާނުގައި ބުޑިސްޓުދީނުގެ ބިނާއެއް ހުރި ތަނެއްގައި ކަމަށް ފޮތްތަކުގައި
ލިޔެވިފައި އެބަހުއްޓެވެ. އެއްއިރެއްގައި އެމިސްކިތް ކައިރީގައި ހުދު ދިދަ ޖަހައި
އެ މިސްކިތައް ހުރުމަތްތެރިކޮށް ހިތައިގެން އުޅުނުކަމަށްވެސް މައުލޫމާތު ލިބުނެވެ.
ހުކުރުމިސްކިތާ ދިހަވަރަކަށް
ފޫޓު ދުރުގައި ޤިބްލައަށްވީ ފަރާތުގެ އުތުރުކަނުގައި މޫސާ އެދެރުތަކުރުފާނުގެ
މަހާނާ ފެންނާން ހުއްޓެވެ. ބުނެވޭ ގޮތުގައި މި ބޭކަލަކީ އުތީމު ކަޅުއަލީ
ޚަތީބުތަކުރުފާނާ އެއްބަފާ ބޭކަލެކެވެ. އެދުރުތަކުރުފާނަކީ، އުތީމު އަލްޣާޒީ
މުޙައްމަދު ތަކުރުފާނަށް ލަފައާއި މަޝްވަރާދެއްވި އެދުރުބޭކަލެއްކަމަށް ކުރީގެ
ފަތްފުށްތަކުން ފެނެއެވެ. މި ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައި މީހުން
ވަޅުލެވެން ފެށި އަހަރެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އެ
ޤަބުރުސްތާނުގައި ސައްޔިދު މުޙައްމަދު އަލްމަޣްރިބީއާއި ސައްޔިދު މުޙައްމަދު ޢަލީ
އަލްމަޝްރިޤީއާއި ދެބޭކަލުންގެ ޒިޔާރަތްވެއެވެ. އަދި އެހެންމެ ރާއްޖޭގައި
ރާވެރިކަން ތަރައްޤީކޮށް އެ މަސައްކަތް މީހުންނަށް ދަސްކޮށްދޭން ރާއްޖޭން ބޭރުން
ގެނެވުނު ތިން އެދުރުބޭކަލުންވެސް ވަޅުލެވިފައިވަނީ ހދ.ނޮޅިވަރަންފަރުގައެވެ.
މިތަންތަނާ ބެހޭ މައުލޫމާތުތައް
ފުރިހަމައަށް ރައްކާކުރެވިފައެއް ނުވެއެވެ. އެތަންތަންވަނީ އާރާސްތުކުރަން ބޭނުން
ވެފައެވެ. އެހެންނަމަވެސް އެތަން ހިމާޔަތް ނުކުރެވި، މަރާމާތުނުކޮށް ހުރުމުގެ
ސަބަބުން އެތައް ބައެއްގެ ނުފޫޒު އެތަންތަނަށް ވަނީ ފޯރައިފައެވެ. އެތަންތަން
ހިމާޔަތް ކުރުމުގެ ބަދަލުގައި، އެތަންތަނަށް ވަނީ އިހާނެތިކޮށް ހިތާފައެވެ.
ރާއްޖެއާއި ނޮޅިވަރަންފަރު ތާރީޚުގެ ބޮޑު ބައެއް ގެއްލިގެން ނެތިގެން ދަނީއެވެ.
ފޮތްތަކުގައި އެތަނުގެ ވާހަކަތައް ލިޔެވިފައިވީނަމަވެސް އިތުރަށް އެތަންތަން
ބަލައިލުމުގެ ފުރުޞަތެއް ދެން އަންނަން އޮތް ޖީލުތަކަށް ނުލިބޭނެކަން އެއީ އެތަން
ދެކޭނެ މީހަކު އެއްބަސް ނުވެ ނުދާނެކަމެކެވެ.
ލިބިފައިވާ ވަރުބަލިކަން
ފިލުވާލުމަށްޓަކައި އެރަށުގައި މިހާރު ހުރި އެންމެ ބޮޑު ނިކަގަސްކަމުގައިވާ
"ޗައިނާ ބޮޑު ނިކަގަސް" ދޮށުގެ ހިޔަލުގައި މަޑުކޮށްލީމެވެ. ފެންނަ
ފެނުމަށް "ޗައިނާސައިޓް" އެޅިގެން ދިޔައިރުވެސް އެގަސްވަނީ ކަނޑާ ނުލައި
ބަހައްޓައިފައެވެ. ނުވަތަ ހިމާޔަތް ކުރެވިފައެވެ. އެގަހުގެ ބިޔަކަމާއި ބޮޑުކަމުގެ
އިތުރުން ރީތިކަމަށް ގިނަ ބަޔަކު ހެއްލި، އެތަނުގައި ފޮޓޯތައް ނެގުމުގައި
ވަގުތުތަކެއް ހުސްކުރިއެވެ. ދެވުނު މައުލޫމާތުތައް ފޮތްތަކުގައްޔާއި ފޯނުތަކުގައި
ހުރިހާކުދިންތައް ރައްކާކުރަމުން ގެންދިޔައީ ވަރަށް ފޯރީގައެވެ. މިހާރުވެސް
އެރަށުގައި ފުލެޓްތަކެއް އެޅުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. ވަރަށް ބާރަށް
ޔަޤީންކަމާއެކު އަތުނުވާނޭ ދަރަޖައަކަށް ނޮޅިވަރަންފަރު ތަރައްޤީ ކުރެވިދާނެ
ކަމުގެ ކުލަތައް އެރަށުގެ ހުރިހާ ދިމާއަކުން އެއްއަޑަކަށް އިވި އިވި ހުއްޓެވެ.
ހަރަކާތް ނިމުނުއިރު ހުކުރަށް
މާ ގިނައިރުތަކެއް ނެތުމުން ދެން ދިޔައީ ހުކުރުނަމާދަށް ދާން ހުކުރުހެދޭށެވެ.
ހުކުރަށް އަރައި ކަހުފް ސޫރަތް ކިޔެވުމަށްފަހު ހުކުރު ޚުތުބާޔާއެކު ހުކުރުނަމާދު
ނިންމާލެވުމުން ގެއަށް އައީ އާތިފް އާއެކުގައެވެ. ގިނަ ވަގުތުތަކުގައި އާތިފް
އަހަރެން ގާތުގައި ހުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ނޮޅިވަރަންފަރުގެ
އެކިތަންތަނުގެ މައުލޫމާތު ލިބި ރަށް ރަނގަޅަށް ދަސްވެގެން ދިއުމުގެ މަގަކަށެވެ.
ގެއިން ކައިބޮއިހަދައިގެން ގޭގެ ކުދިންނާއި، ގޭގެ
އެންމެންގެ ގާތުގައި ވަގުތުތައް ހޭދަކޮށްލަން މަޑުކޮށްލީމެވެ. ގޭގައި އުޅޭ
މީހުންގެ ހިތްހެޔޮކަމާއި އަޅާލުން އަބަދުމެ އަބަދަށް އަހަރެންގެ ހިތައް ބަންޑުއްވެ
ވެ ހުއްޓެވެ.
އަމިއްލަ ވަޒަނަށް އަލުން އެނބުރި ދިއުމުގެ ވަގުތު ކައިރިވަމުންދެއެވެ.
ފޮހެނުލެވޭނެ އެތައް ހަނދާންތަކެއް ހިތުގައި ބިންވަޅު ނަގައިފައިވެއެވެ.
އޭގެތެރެއިންވެސް އެންމެ ގަދަޔަށް ހިތުގައި ހިފައިގަތް އެއްކަމަކީ ޕެނަމާ އާއިލާ
އަހަރެންނާމެދު ކަންތައް ކުރި ހެޔޮލަފާ ގޮތްތަކާއި އަހަރެންނަށް އެއާއިލާއިން ކީ
މަރުޙަބާއާއި، ބެހެއްޓި އޯގާތެރިކަމާއި، އެއާއިލާއިން ލިބުނު މިންނެތް ލޯތްބެވެ.
ގޭގެ އެންމެނާ ސަލާންގަލާންކޮށް، ރައްދުކުރަންޖެހޭ ސަލާންތައް ބަލައިގަނެގެން،
ގެއިން ނުކުތީ ހިތުން އެތަކެއް ޝުކުރެއް އެ އާއިލާއަށް ރައްދުކުރާ ޙާލުގައެވެ.
އެނބުރި ފަހަތް ބަލައިލިއިރު އާތިފްގެ މަންމައާއި، ދައްތައެއްގެ ދަރި،
"ކޮއްކޮ" ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. މަގު އަޅައިދެން
އެގޮތުގައި އެމީހުން ތިބުމުން އަހަރެންނަށްވެސް ހިނގަމުން ދެވުނީ އަތުން
ހަނާއަޅަމުންނެވެ.
އަތިރިމަތިވަނީ ތޮއްޖެހެން ކައިރިވެފައެވެ. ފުރުވައިލަން އައިސްފައިވާ
މީހުންގެ ޢަދަދު ގިނަކަމުންނެވެ. އާތިފްގެ ބައްޕަ ދިން ހަދިޔާތަކަށް ޝުކުރުކޮށް،
ސަލާންކޮށްލީމެވެ. އާތިފްގެ ބައްޕަ އެދެމުންދިޔައީ އަދިވެސް އެރަށަށް އައުމަށް
އެދިއެވެ. މަގަތު ފާލަމުން ފެރީ ބަރުކުރަމުން ދާތީވެ އެރަށުން ރަޙްމަތްތެރިވި
ބައެއް ކުދިންނާ ސަލާންކޮށް، ދެވެން އޮތް ނަޞޭޙަތެއްވިއްޔާ ރައްދުކުރަމުން
ދިޔައީމެވެ. އިސްބޭފުޅުންނާ ސަލާންކޮށް ހީސަމާސާ ކުރަމުން ދިޔައީމެވެ. ޝުކުރުން
ބަސްތައް އަމުނަމުން ދިޔައީމެވެ. އެހެންނަމަވެސް ނޮޅިވަރަންފަރުން ލިބުނު ފުރިހަމަ
މެހެމާންދާރީއަށް އެއްވެސް ވަރަކަށް ޝުކުރުގެ ބަހެއް ބުނެނުލެވޭތާ ފިއްޔެއް ނުވަތަ
އަކުރެއްގެ ހާހިސާބުވެސް ބުނެނުލެވޭފަދައެވެ. އެއީ އެއަގުނުކުރެވޭނެ ވަރުގެ
މެހެމާންދާރީއަކަށް ވުމުންނެވެ. އާތިފްއާ ސަލާންކޮށް ކިޔެވުމަށް
ނަޞޭޙަތްތެރިވުމަށްފަހު، އެންމެފަހުން ޕުރިންސިޕަލާ ސަލާން ކުރުމަށްފަހު ޝުކުރުގެ
ދެތިން ބަހެއް ރައްދުކޮށް ފާލަމުން ފައިހިއްލައިލާ ކުރިކީލަ ފެރީއަށް އެރުނުއިރު
ގަޑިން 3:15 ވާން މާކަގިނައިރުތަކެއް ނެތެވެ.
އަހަރެންގެ ދަބަސް ފެރީގެ ގޮނޑިއަކަށް ގުޅަކޮށްލުމަށްފަހު އެންމެ މަތީ
ފަންގިފިލައަށް އެރުނުއިރު ފެރީގެ ވާ، ނޮޅިވަރަންފަރު ފާލަމުން މޮހައިލައި
އިހަވަންދޫއާ ދިމާއަށް މިސްރާބު ބަހައްޓަނީއެވެ. ލިބުނު ރަޙްމަތްތެރިންނަށް
އަވަހަށް ހަނާ އަޅައިލީމެވެ. އެކުދިންތައްވެސް އަހަރެމެން އެންމެނާ ދިމާއަށް އެއް
ޖޯޝެއްގައި ހަނާއަޅަމުން ދިޔައެވެ. ވަކި ކޮޅަކުން ނާޅައޭ ބުނާނެ ކޮޅެއްނެތެވެ.
ރަށުގެ ނެރުން ނިކުމެވި ރަށަށް ފުސްއަރަންދެއްވެސް ފާލަމުގައި ބައެއް މީހުން
މަޑުކޮށްލައިގެން ތިއްބެވެ. ނޮޅިވަރަންފަރަށް ދިޔައިރު ސިފަކުރެވުނުގޮތް އިދިފުށަށްޖަހައި
ނޮޅިވަރަންފަރު ކުޑަވަމުން ކުޑަވަމުންގޮސް ގެއްލިއްޖެއެވެ. ނޮޅިވަރަންފަރު ލޮލުކޮޅަށް
ނުފެނުނުކަމުގައި ވީނަމަވެސް އެހަނދާންތައް ހިތުގައި އާވެ އާވެލައި ހުއްޓެވެ.
ޖެހެމުންދާ ފިނި ރޯޅިތަކުން، ބައެއް ކުދިންގެ ލޯތަކަށް ނިދީގެ އަސަރު
ފޯރައި މަތީ ފަންގިފިލާގައި ފުރޮޅި ފުރޮޅި ތިބީ ކަނޑުގެ ލޮނުގަނޑު ހިމޭން ނުވުމުގެ
ސަބަބުންނެވެ. އެހާގަދައެއްވެސް ނޫނެވެ. އަދި އެހާ މަޑެއްވެސް ނޫނެވެ. ކަނޑުގައި
ކިރިޔަ ކިރިޔާ ބޮޑު ރާޅެއް އުފައްދައިލިޔަސް، ކަނޑުމައްޗަށް ބަލި ކުދިންތައް،
ބަނޑަށް ލާފައިވާ އެއްޗެއްނަމަ ބޭރުކޮށްލަފާނެއެވެ. އެތެރޭގައި ބައެއް އަންހެން
މުދައްރިއްސުންވެސް ބޯ އަނބުރައި ހޮޑުލެވޭތީވެ އެހެން މުދައްރިއްސުންގެ އެހީތައް
ހޯދަމުން ދިޔައެވެ. ވަކިން މުދައްރިއްސެއް ނުވަތަ ދަރިވަރެއް ނޫނެވެ. އަންހެން
ޖިންސްލަތީފަކަށް ވެއްޖެނަމަ ބެލެނިވެރިންވެސް އެ ބޮޑު މާލޫދުގައި ބައިވެރިވެ،
ނަގައި ކިޔަމުން ގެންދިޔައީ ގަދައަޅައި ހިތްވަރު ކުރަމުންނެވެ. މާލޫދުގައި
ކިރިޔާވެސް ބައިވެރިވެއްޖެ މީހަކަށް، ފުރިހަމަކޮށް އެހީތެރިވެދިނުމާއި ބޭނުންވާނެ
ތަކެތި ފޯރުކޮށްދިނުމުގައި ފިރިހެންވަންތަ ދެތިން މުދައްރިއްސަކާއި ދަރިވަރުންތަކެއް
މުރާލިވެލައިގެން އުޅުނެވެ.
މަތީފަންގިފިލާ މުޅިން ތަފާތެވެ. އެއްވެސް މީހަކު ބޯއަނބުރައި
ހޮޑުލެވިދާނެތީއެއް ނޫޅެއެވެ. ހީސަމާސާކުރުމާއި މަޖާކުރުމުގައި ވަގުތުތައް
ގުނަމުން ދަނީއެވެ. ކުރެވުނު ތަޖުރިބާތަކާއި ފެނުނު ހިތްގައިމް މަންޒަރުތަކުގެ
އިތުރުން އެމީހަކަށް ލިބުނު ފޮނި މެހެމާންދާރީއަށް ޝުކުރުކޮށް، ހިނިތުންވެ
އުފާފާޅުކުރަނީއެވެ. ދިމާވި ހާދިޘާތަކާއި އެކަންތައްތަކުން ލިބުނު ފޮނިކަމުގެ
ރަހައިގެ ވާހަކައިން އެހެންމީހުންނަށް ދެރަދެނީއެވެ. އަހަރެންވެސް އަނަރެންނަށް
ލިބުނު އާތިފްގެ އާއިލާގެ ރަނގަޅުކަމުގެ ވާހަކަ ދައްކައިލަ ދައްކައިލާ އިނީމެވެ.
އެހެން އެންމެންނަށް ދެވޭ ވަރުގަދަ ރައްދެއް ފަދައިންނެވެ. އެވަގުތު އެރަށުން
ލިބުނު ބައެއް ދަތުރުމަތީގެ ހަދިޔާތައް އެއްބަޔަކު އަނެއްބަޔަކަށް ފޯރުކޮށްދީ
އިންސާފުކުރަމުން ދިޔައެވެ. މައިލޯއާއި، ކޭކާއި، ބިސްކޯދުގެ އިތުރުން ތެލުލި
ކައްޓަލައާއި، ތެލުލި ފޮތިކޭލުން ނަންހުސްކޮށް ބަހަމުން ގެންދިޔައެވެ. ކެއުމަށް
ނިމުމެއް ގެނައި ނޮޅިވަރަންފަރުގެ ބިމަށް އުފަން، ފޮނިފޮނި ބޮޑު ކަރައަކުންނެވެ.
މާގިނައިރުތަކެއްނުވެ، ބަނޑު ދަމާލުމަށްޓަކައި ދިގަށާއި، ހުރަހަށް އެކި
ދިމަދިމާގައި ވީއްލެން ފަށައިފިއެވެ. އޭރުވެސް ސާއިރައޮތީ، އެއްވެސް
ކަޅުކަމެއްނެތި، ވަރަށް ސާފުކޮށެވެ. އަހަރެންވެސް އޮށޯވެލީމެވެ. ރަނގަޅަށް
ހަމަނުޖެހިވެގެން އުޅޭތާ އިރުކޮޅެއްނުވެއެވެ. ބުރަކަށްޓަށް މަޑުމަޑު
ތެތްފިނިކަމެއްގެ އަސަރުކުރުވިއެވެ. ބޭއިޚްތިޔާރުގައި، ރާޅެއްގެ އަސަރުތޯ
ބަލައިލުމަށް ތެދުވެލިއިރު ކަމަކުދާކަށެއްނެތެވެ. އެއީ ލޮނުގެ އަސަރުނެތް ފެނުގެ
ތޫފާނަކަށް ނުވިތާގައި، އެއީ ކުޑައީދު، ނޫނީ ބޮޑުޢީދެއްވެސް ނޫނެވެ. އެއީ ހަމަ
ފެނުގެ ކުޅިވަރެކެވެ. އިސާހިތަކު އެއްބަޔަކު އަނެއްބަޔަކަށް ފެނުގެ ހަމަލަތަކާއި
ފެނުގެ އުންޑަތައް ބަދަލުކުރަން ފަށައިފިއެވެ. އެއީ ބަޑިބުރާސްފަތި ނޫނީ
ބަޑިހުކުރުދުވަހެއްވެސްނުމެ ނޫންމެއެވެ. އެއީ ދުނިޔޭގެ ބޮޑު ހަނގުރާމައެއްވެސް
ނޫނެވެ. އެއީ ހަމަ ދަތުރު މަޖަލެކެވެ. ފަނިވަމުން، ފޫހިވަމުން، ގިރިވަމުންދިޔަ
ކުދިންކޮޅު މޯޅިވެދިޔަނުދީ ނެގެހެއްޓުމަށްޓަކައި ފެށި ފެނުގެ ހަނގުރާމައެކެވެ. ފަންގިފިލާމަތީގައި
ދުވެ، ފުމެ، ފެނުން ރެކެން އުޅުނު އިރު، ކަނޑުމަތިކަންވެސް ގިނަ ބަޔަކު
ހަނދާނެއްނެތެވެ. އަހަރެންނަކީ ކަރުދާސްކޮޅަކަށް ނުވިނަމަވެސް ތެމެން ބޭނުން
ނުވާތީވެ އެމީހުން ޖަހަމުންދިޔަ ސަކަރާތަށް ހެމުން، ހެމުން ސިޑިން ތިރިއަށް
ފޭބީމެވެ.
އޭރުވެސް މަތީގައި އަޑުމަޑުވެފައި، އަލުން ބަލުން އަޑުގަދަވެލަ، ގަދަވެލާ
ހުއްޓެވެ. ބައެއް ފަހަރަށް ސީލިންގު ބޯމައްޗަށް ވެއްޓިދާނެކަމުގެ ބިރުވެސް ހީވެއެވެ.
އެކަމަކުވެސް ޖަހަމުންދިޔަ ސަކަރާތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މަތީގައި
ވަރުގަދަ އެތިފަހަރުތައް އެއްބަޔަކު، އަނެއްބަޔަކަށް ދެމުން ގެންދިޔައިރު، ހަމަ
މާލޫދު ކިޔަވާ، ޝާއްބަ އަންހެންކުދިންތައް އަޑުން އަޑުނަގައި ކިޔަވަނީއެވެ.
އެކަމަށްވެސް ދެވޭނެ ފަރުވާއެއް އޮތެއްކަމަކު އެފަރުވާވެސް ވެގެން ދަނީ ފެނަށެވެ.
އެމީހުން ރަނގަޅުވާނެކަމަށް ޤަބޫލުކުރެވެނީ ބިމުގައި ދެފައިޖެހޭ ސާއަތުންނެވެ.
އެނޫންގޮތެއް ހަމަ ނެތީއެވެ. މަތީގައި ހިނގަމުންދިޔަ ކޯޅުންގަނޑުގެ އަޑު
މަޑުވުމުން އަހަރެން ފެރީގެ ދިނރުބާކޮޅަށް ނިކުތީމެވެ. އިހަވަންދޫގެ ގަސްކަރަ
ވަރަށް ހާމައަށް ފެންނާންއޮތެވެ. ރަށުގައި އެކި ފުރާގެ އެކިމީހުން މަސްވެރިކަމާއި
އެހެނިހެން މަސައްކަތުގައި އަވަދިނެތި އުޅެމުންދެއެވެ. އެއިރު ދިނރުބާކޮޅުގައި
ހަސަން ޒާހިރު މުދައްރިސް ދެއަތް އުރައިލައިގެން ހުއްޓެވެ. ހީވަނީ ޖެހެމުންއައި
ތެތްފިނި ވަގައި މަސްތުވެފައި ހުރިހެންނެވެ. ކުއްލިއަކަށް ފެނުގެ ޞާއެއް
އަހަރެންނާއި މުދައްރިސް ތެންމާލިއެވެ. ދެން އިވުނީ މަތީގައި ކޯޅެމުންދިޔަ،
ކޯޅުންގަނޑު ފަތުއަޑު ކިޔައިފައި ރޯވި އަޑެވެ. އިރުކޮޅެއްނުވެ އެސަކަރާތްގަނޑަށް
ފުރިހަމަ އިންޤިލާބެއް ގެނައީ ފެރީގެ ވެރިފަރާތް އަދި ބޮޑުމާލިމީ
އިބްރާހިމްބެއެވެ. އެއިރު އިހަވަންދޫގެ ބަނދަރަށް ފެރީ ވަދުމުގެ ހުރިހާ
ތައްޔާރީތަކެއް ވަމުން ދަނީއެވެ.
ސާއަތުން ބަރާބަރު 6:30 ވީއިރު އަމިއްލަ ރަށުގެ ނެރުން ފެރީގެ ދެބައިކުޅަ
އެއްބައި ވަދެގެން ދަނީއެވެ. ފެރީގޮސް ބަނދަރުކޮށް މީސްކޮޅާއި މުދާތައް ބާލަން
ފެށިއިރުވެސް އަހަރެންގެ ގައިން ލޮނުފެން ނުހިކެއެވެ. ދަބަސް ކޮނޑުގައި އަޅުވަމުން
ފެރީއިން ނުކުމެވުނުއިރު ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އިހަވަންދޫ
ސުކޫލުގެ ޕްރިންސިޕަލް ކާޝިފް ރަޒާ ޒަޢިދީ، ދަތުރުވެރިންނަށް މަރުޙަބާ
ދަންނަވަމުންދާ މަންޒަރެވެ. ލިބުނު ހަދިޔާތައް ދޫކޮށް އަތް ދިއްކޮށްލައިގެން ހުރެ،
ގޮސް ޕުރިންސިޕަލްއާއި ސަލާންކޮށްލީމެވެ. އެއިރު އަހަރެން ބަލައި
"ޓެކްސީ" އައިސްފައި އޮތެވެ. އަހަރެންގެ ދަބަހާއި، ޕެނަމާ އާއިލާއިން
ދިން ބޮޑު ދޮންކެޔޮގަނޑާއި، ހަދިޔާ ފޮށިގަނޑުތައް
ޓެކްސީއަށް ލުމަށްފަހު، އިރުކޮޅަކުން ގެއަށް ދެވޭނެކަމަށް ބުނުމަށް، އަހަރެންގެ ބޮޑުދައިތަ ދަރި ހައްސާނު ގާތުބުނެ، އެތަކެތި
އޭނާއާއި ހަވާލުކުރީމެވެ.
ދުނިޔެމަތި ދިޔައީ އަނދިރިވަމުންނެވެ. މަޣްރިބު ވަގުތުވަނީ ވަދެފައެވެ.
ނޮޅިވަރަންފަރުން ގެނައި ހަނދާނީ ލާމިގަސް އިންދުމަށްޓަކައި އޭގެ އޮފިކޮޅުތައް
އަތުއަޅުވައިލައިގެން، އަހަރެންނާއި، ކުލާސް ކުއްޖެއްކަމަށްވާ މުޙައްމަދު އަޙުމީމްއާއެކު
ދިޔައީ ސީދާ ސުކޫލަށެވެ. ސުކޫލަށް ވަދެވުމުން އެއްވެސް ވަގުތެއް ނަގައި ނުލައި
އަވަހަށް އަހަރެންނާއި އަޙުމީމްވެގެން ވަޅުގަނޑެއް ކޮންނަން ފެށީ، ފަތުޙުﷲ
މުދައްރިސްގެ އިރުޝާދާއެކުގައެވެ. އިރުކޮޅެއްނުވެ އަހަރެންގެ ކުލާހުގެ ހަތަރު
ދަރިވަރަކު އެތަނަށް ޙާޒިރުވެ އެމަސަކަތުގައި އަމަލީގޮތުން ބައިވެރިވިއެވެ.
ބިސްމިނުގެ ބަރަކާތުން ގަސް އިންދައި، ނޮޅިވަރަންފަރުގެ ހަނދާން ފޮހެނުލެވި އެގަސް
ބޮޑުވުމަށް ދުޢާކުރެވުނުއިރު ގަޑިން 6:50 ވީއެވެ. އަސުރުނަމާދާއި މަޣްރިބް
ނަމާދުގެ މަތިން ހަނދާންވުމުން އަވަސްވީގޮތުގައި ގެޔާ ދިމާއަށް ހުރިހާ ކުދިންތައް
ހިނގައިގަތެވެ. ގޭގެ ދޮރުން އެތެރެއަށް ފިޔަވަޅު އެޅިއިރުވެސް ނޮޅިވަރަންފަރު
ގިމަންގެ ހަނދާންތައް ހިތުގައި އާވެ، އާލާވެ ބިންވަޅު ނަގަމުން ދިޔައެވެ.
No comments:
Post a Comment