Thursday, October 24, 2013

ފޮނިކަމާއެކު ވަނީ ހިތިކަމެވެ.

ސީން 1
ބަކުރު ބޮޑު ލޯގަނޑުގައި މަސްކައްކާފައި، މަސްތައް ނެގިނެގިހެން ހައްވާފުޅު އެމަސްތައް ފިލުވައި ކައިރީގައި ހުރި ހަވަރަކަށް ފޫޓް ދުމަށިމަތީގައި އެމަސްތައް ޖެހުމުގެ މަސަކަތުގައި އަވަދިނެތި އުޅެއެވެ.
ބަކުރު: (ފާޑަކަށް ހެވިފަހުރެގެން) ހައްވާ! ހައްވާފުޅާ! އަހަރެމެންނަށް އިޖުތިމާޢީ ވެއޯޑު ލިބުނު ވާހަކަ ކަތީބު ބުނުއްވި.
ހައްވާފުޅު: (ހިނިއައިސްފައި) ވެއޯޑެއް ނޫނޭ އެވޯޑޭ. ހަމަތެދެއްތަ ތިބުނީ؟
ބަކުރު: (ފާޑަކަށް ނުރުހިފައި) މަށައް ކީއް! އެވޯޑެއްވިއަސް، ވެވޯޑެއްވިއަސް، މެވޯޑެއްވިއަސް. އެ ލިބޭ އެއްޗެއް މިފަހަރު ލިބިއްޖެތާ. ކަތީބު ބުނުއްވީ މާދަމާ އެ ބަލާ ދާން ފުރަންވީޔޯ!
ހައްވާފުޅު: (އަންތަރީސްވެފައި) ނާ! ހަމަ ތެދެއްތަ؟ ބަކުރަށް އަލަށް މާލެއަށް ދެވެނީތާ! އެހެންވީމާ އަހުން މިދަނީ ފޮށްޓަށް އެއްޗެހި އަޅާ ތައްޔާރުކުރަން.
ބަކުރު: (ޗުސް ތަޅާލާފައި) އަލަކަށް ނޫން. ކީއް. ކިތަންމެ ފަހަރަކު މާލެއަށް ދިޔައިން.
ސީން 2
ބަކުރު: ކޮބާ ހައްވާފުޅާ! ދެން ބަނޑުގަ ހުރިއެއްޗެއް ބޭރުކުރާނި ކަމެއްނެތޭ! މިޔޮތީ އެކިޔާ މާލެއަކީ.
ހައްވާފުޅު: (ހައިރާންކަމާއެކު ނަން ދަމާލާފައި) ބަކުރާ! ތިޔަ ފައިވާން އަތައް ނެގީޔޯ؟
ބަކުރު: ބަލަގަ! ހައްވާފުޅާ! ތަޅުންގަނޑު މައްޗަށް ފައިވާނާއެކު އަރާކަށް ނުވާނެއްނު!
ހައްވާފުޅު: (ހީހީ ހިދިފައި) ބަލަ! ބަކުރާ މިއީ މާލެޔޭ. ބުރެކިދޫއެއް ނޫނޭ.
ބަކުރު: (އޮޅުމެއްގައިހުރެ ޖުމުލަތައް ލަސްލަހުން) ކީއް! އެހެން، އެހެންނެއް ނޭނގޭނެއްނު. މަސްސަލައެއްނެތް. އެކިޔާ ލޮޓަރިއެއްކަމެއް ކޮޓަރިއެއްކަމެއް ނޭނގެ. އެތަން ހުންނަތަނެއް ނޭނގެ.
ހައްވާފުޅު: (މަލާމާތްކުރާ ފާޑަކަށް) އެއީ ލަކްޝަރީ ކޮޓަރިބަރި. އެތަންހުންނަނީ އަމީނީ މަގުގަ.
ބަކުރު: (ފޮނިވެލާފައި،ޖުމުލަތައް ލަސްލަހުން ދަމާލާފައި) މަށައް ކީއް! މަށައް އެނގެ އޭ އެތަން. ހަމަ ހައްވާފުޅަށް އެނގޭތޯ ބަލާލީ. ބަހީ މީދަ މަގުން ދާން.
ފުލުސްމީހާ: (ދުރުން މަޑުމަޑު ދުވެއްޔެއްގައި ބަކުރުމެންގެ ގާތަށް އަންނަމުން) އޭތް! ބޭބޭ! ބޭބޭ! ތިހިރަ ހޮޅިދނޑީގައި އެއިން ފެހި ބޮކިދިއްލުމުން ނޫނީ މަގެއް ހުރަހެއް ނުކުރެވޭނެ.
ބަކުރު: (ވިސްނަންހުރެފައި ފުލުސްމީހަ އަނބުރާލާފައި ދާންފެށުމުން) އެބަ ދެވޭ! އެބަ ދެވޭ! އެބަ ދެވޭ!!
ފުލުސްމީހާ: (އަނބުރާލާފައި އަންނަމުން) ބޭބޭ! މަޑުކުރޭ!
ބަކުރު: (މަގު ހުރަސްކުރެވުމުން) އޯ ދެވުނިއްޔޯ!!
ހައްވާފުޅު: (ފެހި ބޮކިދިއްލުމުން މަގު ހުރަސް ކުރުމަށްފަހު) މިސް! މިސް! މިއީ މާލެޔޭ! ހިނގުމުގައިވެސް ޤަވާއިދުތަކެއް ހުންނާނެއޭ.
ބަކުރު: (އެނގޭކަމަށް ހަދާލާފައި) ކީއް. މަށައް އެނގެއޭ. އަވަހަށް ގެއަށް ދާން، ނޭނގޭކަމަށް ހެދީއޭ. ހައްވާފުޅު ހާދަހާވާ މޮޔައޭދޯ.
ހައްވާފުޅު: (އަނގަ ޗޭކޮށްލާފައި) ދެން މިތާ، މަތާ މޮޔައީ.
ސީން 3
ބަކުރު: (ދެލޯބޮޑުކޮށްލާފައި) މީ ހާދަހާވާ ބޮޑު ކޮޓަރިއެކޭ މިއީ؟ ހަމަ ހީވަނީ ބޮޑު ގެއެއްހެން.
ހައްވާފުޅު: (ފޫހިގޮތަކަށް) އަހުން އެންމެފަހުން މާލެއާ ފަހަރުވެސް ހުރީ މިވަރުގެ ކޮޓަރިއެއްގައި.
ބަކުރު: (އަވަސް އަވަހަށް) ކީއް! ތިޔެއް ނޫނޭ! އެހަރަ މިހާރު ގަޑިވެސްޖެހެނީ. ކޮބާތަ، އެއްކަލަ މުޙަންމަދު ސޮރު އަތުން ގެނާ ގަމީހާ ފާޓާ........ލޯނާ؟
ހައްވާފުޅު: (ހިނިއައިސްފައި)  އެއީ ފަޓުލޫނޭ.
ބަކުރު: (ދެރަވެލާފައި) އާނ! ކީއް! އަބަދު މުންޑާއި ސީސާޓް ލާ މީހުންނަކަށް ނޭނގޭނެތާ. ބުނަން ހައްވާފުޅާ! ހައްވާފުޅު ޖަލްސާއަށް ނުދިޔަސް ފެންވަރާ ގާބޮލުން ތާހިރުވާން ދޭބަލަ!
މޫސަ: (ދޮރުގައި ޓަކިދީފައި) ބަކުރު. މިހާރު ކާރު އަތުވެއްޖެ. އަވަސްކޮށްލައިގެން ނުކުން ނަވާ.
ބަކުރު: (ވަރަށް އަވަސްއަވަހަށް ހެދުންލަމުން) އާނ! މި ހެދުން ގަނޑު ލައިގެން މި ނިކުންނަނީ އޭ.


ސީން 4
ބަކުރު ޖަލްސާގެ މާލަމަށް ވަނުމުން ކައިރީގައި ތިބި މީހުންގެ ގާތަށް ހިނިއައެވެ. ބަކުރު އެކަމާ އަޅާނުލައި ގޮނޑީގައި އިށީނެވެ. ޖަލްސާ ކުރިއަށް ގޮސް އެވޯރޑް ދިނުމާ ހަމައަށް ދިއުމުން.
ޕޯޑިއަމްގައި ހުރި ކުއްޖާ: މި ޖަލްސާގައި ދެން އޮންނާނީ އެވޯޑް ހައްޤުވާ ފަރާތްތަކަށް އެވޯރޑް ދިނުން. އިޖުތިމާޢީ އެވޯރޑުތަކުން، ފުރަތަމަ އެވޯރޑް ލިބިވަޑައިގަންނަވާ ފަރާތަކީ ހދ.ބުރެކިދޫ، ކުރެއްދިގޭ އަލްފާޟިލް އަހުމަދު އަބޫބަކުރު ބިން މުހައްމަދުހަސަން ތަކުރު.
ބަކުރު ތެދުވުމާއެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ހޭން ފެއްޓިއެވެ. ބަކުރަކަށް ވާނުވާ ނޭނގެއެވެ. އެވޯރޑް ލިބުމާ އެކު ހިނގައިގަންނަން އުޅެނިކޮށް އޭނައަށް މި ހުރެވުނީ ހައްވާފުޅުގެ ލިބާހާއި ކަނޑިކި ލައިގެންކަން އެނގުނީ ދެނެވެ. އަވަސްކުރަން ހަދާގެން ގަމީހާއި ފަޓުލޫނު ބާއްވާފައި ލިބާހާއި ކަނޑިކި ލެވުނީއެވެ. ބަކުރު އެވޯރޑް ހިފައިގެން ލަދުވެތިކަމާއެކު ސުޓޭޖްމަތިން ފޭބިގޮތަށް އައީ ކޮޓަރިއަށެވެ. އައި މަގުމަތީގައިބަކުރުގެ ހިތައް އެރިއެވެ. "މިއީ އަހަރެން މާފޮނިވަން ހަދާގެން ލިބުނު ލަނޑެކެވެ. ތެދެކެވެ. ފޮނިކަމާއެކު ވަނީ ހިތިކަމެވެ."

-ޑިސްޓިރިކް އިލެވެން ބީގެ އުފެއްދުމެއް-

No comments:

Post a Comment